Roadha Mihaaru
ފުރާވަރު ކުދިންނަށް "ފޯނާ ހެދި" ހަމަ ނިންޖެއް ނުލިބޭ

ފުރާވަރު ކުދިންނަށް ހަމަ ނިންޖެއް ނުލިބޭ، މައްސަލައަކީ ސްމާޓްފޯނު ކަމަށް ވެދާނެ

21 އޮކްޓޯބަރ 2017

ކުރީގެ ޖީލުތަކާ އަޅާބަލާ އިރު މިހާރުގެ ފުރާވަރު ކުދިން ރޭގަނޑު ނިދާފައި ތިބޭ ވަގުތު މަދުވެއްޖެ ކަމަށް އެމެރިކާގެ އާ ދިރާސާއެއްގައި ބުނެފި އެވެ. އަދި އޭގެ ސަބަބަކީ ސްމާޓްފޯން ބޭނުންކުރުން ކަމަށް ގަބޫލުކުރެވޭ ހެކިތައް ވަނީ ލިބިފަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކުރީގެ ޖީލުތަކާ އަޅާބަލާ އިރު މިހާރުގެ ފުރާވަރު ކުދިން ރޭގަނޑު ނިދާފައި ތިބޭ ވަގުތު މަދުވެއްޖެ ކަމަށް އެމެރިކާގެ އާ ދިރާސާއެއްގައި ބުނެފި އެވެ. އަދި އޭގެ ސަބަބަކީ ސްމާޓްފޯން ބޭނުންކުރުން ކަމަށް ގަބޫލުކުރެވޭ ހެކިތައް ވަނީ ލިބިފަ އެވެ.

ސެން ޑިއޭގޯ ސްޓޭޓް ޔުނިވާސިޓީން އިސް ނަގައިގެން އަޔޯވާ ސްޓޭޓް ޔުނިވާސިޓީގެ ޕްރޮފެސަރުންނާ އެކު ހެދި މި ދިރާސާގައި ވަނީ 360،000 އަށް ވުރެ ގިނަ ފުރާވަރު ކުދިން ބައިވެރިކޮށްގެން ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ގައުމީ ފެންވަރުގެ ދެ ސާވޭއަކުން ލިބުނު މައުލޫމާތު އެނަލައިޒްކޮށްފަ އެވެ.

އޭގެ ތެރެއިން އެއް ސާވޭގައި ގްރޭޑް އަށަކާއި ދިހަޔަކާއި ބާރައިގެ ދަރިވަރުން ކުރެން، އެ މީހުން މަދުވެގެން ހަތް ގަޑިއިރު ނިދަނީ ކިތައް ރޭތޯ ސުވާލުކޮށްފައިވެ އެވެ. އަދި އަނެއް ސާވޭގައި ގްރޭޑް ނުވަޔަކާއި ބާރައާ ދެމެދުގެ ދަރިވަރުން ގާތު އަހާފައިވަނީ ސްކޫލަށް ދާން ޖެހޭ ދުވަސްތަކުގެ ކުރީ ރޭ ނިދަނީ ކިތައް ގަޑިއިރުތޯ އެވެ.

އެ ދެ ސާވޭގެ ނަތީޖާ ޖުމްލަކޮށް ދިރާސާކުރި އިރު، ރިސާޗަރުންނަށް އެނގުނީ 2015ގައި ފުރާވަރު ކުދިންގެ 40 ޕަސެންޓަށް ރެއަކު ހަތް ގަޑިއިރުގެ ނިދި ނުލިބޭ ކަމެވެ. އެއީ 1991 އަށް ވުރެ 58 ޕަސެންޓް މަތީ އަދަދެކެވެ. އަދި 2009 އަށް ވުރެ 17 ޕަސެންޓް މަތީ އަދަދެއް ވެސް މެ އެވެ.

ސްލީޕް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ އިން އިތުރަށް އެނގުނު ގޮތުގައި އޮންލައިން ވެގެން އުޅޭ ވަގުތުތައް ގިނަ ކުދިންނަށް ނިދި ލިބޭ މިންވަރު މަދެވެ. ދުވާލަކު އެއްގަޑި އިރު އޮންލައިންކޮށް އުޅޭ ކުދިންނާ އަޅާބަލާ އިރު ދުވާލަކު ފަސް ގަޑިއިރު އޮންލައިންކޮށް އުޅޭ ކުދިންނަށް ހަމަ ނިދި ނުލިބުމުގެ ނުރައްކާ 50 ޕަސެންޓް ބޮޑެވެ.

ނިންޖާ ބެހޭ ގިނަ މާހިރުން ގަބޫލުކުރައްވާ ގޮތުގައި ފުރާވަރު ކުދިން އުފެއްދުންތެރި ބަޔަކަށް ވުމަށާއި ސްކޫލުގައި ރަނގަޅަށް ކިޔެވުމަށް ރެއަކު މަދުވެގެން ނުވަ ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. އަދި ހަތް ގަޑއިރަށް ވުރެ މަދުން ނިދާ ނަމަ، ހަމަ ނިންޖެއް އެ އުމުރުގެ ކުދިންނަކަށް ނުލިބޭނެ އެވެ.

ސްމާޓްފޯން ބޭނުންކުރުން 2009 އިން ފެށިގެން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މި ދިރާސާގައި އިސްކޮށް ހުންނެވި ޖީން ޓްވެންޖް ގަބޫލުކުރައްވާ ގޮތުގައި، ހަތް ގަޑިއިރަށް ވުރެ މަދުން ނިދާ ކުދިންގެ އަދަދު 2009 އިން 2015 އަށް 17 ޕަސެންޓް އިތުރުވި ސަބަބަކީ އެއީ އެވެ. އޭނާ ވިދާޅުވީ ޓީނޭޖު ކުދިން ނިދާ ވަރު މަދުވީ ސްމާޓްފޯން ބޭނުންކުރާ މީހުންގެ އަދަދު އިތުރުވި ދަނޑިވަޅުގައި ކަމަށް ވުމަކީ ވަރަށް ބޮޑަށް ޝައްކު އުފެދޭ ކަމެއް ކަމަށެވެ.

ސްމާޓްފޯންގެ ސަބަބުން ނިންޖަށް ބުރޫއަރަނީ ފުރާވަރު ކުދިން ފޯނު ބޭނުންކުރަން ގިނަ އިރު ހޭލާ އުޅޭތީ އެކަނި ނޫންކަން ކުރީގެ ދިރާސާތަކުން ހާމަވެފައިވެ އެވެ. އެގޮތުން ސްމާޓްފޯނާއި ޓެބްލެޓް ފަދަ ޑިވައިސްތަކުގެ އައްޔަކީ، އިންސާނުންގެ ހަށިގަނޑުގައި ނިދާ ހޭލުން ތަރުތީބުކޮށްދޭ ނިޒާމަށް ބުރޫއަރުވާ އެއްޗެއް ކަމާއި އެ އަލީގެ ސަބަބުން މީހާ އަށް ލިބޭ ނިދީގެ ފެންވަރު ވެސް ދަށްވާކަން ކުރިން ވަނީ އެނގިފަ އެވެ.

މީގެ ސަބަބުން ޖެހިގެން އަންނަ ދުވަހު ވަރުބަލިކަން އިހުސާސްކުރެވި، ދުވާލުގެ ވަގުތުތަކުގައި މާ ބޮޑަށް ނިދި އައުމުގެ ސަބަބުން، ފުރާވަރުގައި ކިޔެވުމަށް ދޭން ޖެހޭ ސަމާލުކަން ނުދެވުން އެކަށީގެންވެ އެވެ.

ދިރިއުޅުމުގެ ވަރަށް މުހިއްމު ބަޔަކަށް ސްމާޓްފޯން ވެފައިވާ އިރު، ޓްވެންޖްގެ ނަސޭހަތަކީ ސްމާޓްފޯން އެއްކޮށް ދޫކޮށް ނުލައި އެ ބޭނުންކުރުމުގެ އާދަ މެދުމިނެއްގައި ހިފެހެއްޓުމެވެ. އޭނާ ވިދާޅުވީ ސްމާޓްފޯން ބޭނުންކުރާ މިންވަރު ދުވާލަކު ދެ ގަޑިއިރަށް މަދުކޮށްފި ނަމަ ފުރާވަރު ކުދިންނަށާއި ބޮޑެތި މީހުންނަށް ވެސް ނިދަން ގިނަ ވަގުތު ލިބޭނެ ކަމަށެވެ.

"ނިންޖަކީ މިހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެއް. އެހެންވީމާ ފުރާވަރު ކުދިން ވެސް އަދި ބޮޑެތި މީހުން ވެސް ވިސްނަން އެބަ ޖެހޭ، ސްމާޓްފޯން ބޭނުންކުރުމުގެ ސަބަބުން ތިމަންނަމެންގެ ނިންޖަށް އެބަ ބުރޫއަރާތޯ،" އޭނާ ވިދާޅުވި އެވެ.

"ޚާއްސަކޮށް ނިދާ ގަޑިއާ ކައިރިކޮށްފައި ސްކްރީން ޑިވައިސްތައް ބޭނުން ނުކުރުން ވަރަށް މުހިއްމު. އެއީ އޭގެ ސަބަބުން ނިދަން އުނދަގޫވެދާނެތީ."