Roadha Mihaaru
ނިދި މަދު ޒުވާނުން ނުރައްކާތެރި ކަންކަމަށް ހިތްޖެހޭ

ނިދި މަދު ޒުވާނުން ނުރައްކާތެރި ކަންކަމަށް ހިތްޖެހޭ

02 އޮކްޓޯބަރ 2018

ޓީންއޭޖްގައި ހަމަ ނިދި ނުލިބި އުޅޭ ނަމަ "ރިސްކީ ބިހޭވިއާ" ނުވަތަ ތިމާ އާއި އެހެން މީހުންނަށް ނުރައްކާވެދާނެ ފަދަ ކަންކަން ކުރުމުގެ ރޫހު އުފެދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޓީންއޭޖްގައި ހަމަ ނިދި ނުލިބި އުޅޭ ނަމަ "ރިސްކީ ބިހޭވިއާ" ނުވަތަ ތިމާ އާއި އެހެން މީހުންނަށް ނުރައްކާވެދާނެ ފަދަ ކަންކަން ކުރުމުގެ ރޫހު އުފެދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގައި އެ ގައުމުގެ ހައި ސްކޫލް ދަރިވަރުންގެ ނިންޖާއި، ނިދި މަދުވުމުން އުޅުމަށް އަންނަ ބަދަލު ދެނެގަތުމަށް 2007 - 2013 އާ ދެމެދު ކުރި ދިރާސާގެ ނަތީޖާ ހާމަކުރަމުން ބުނެފައި ވަނީ ނިދި މަދުވުމަކީ ސިކުނޑިން ކަންކަމަށް އިޖާބަދިނުން ލަސްކުރުވާ ކަމަކަށް ވުމުން، ހަމަ ނިދި ނުލިބި ހުރެ ކުރާ ކަންކަމުގައި އެކްސިޑެންޓްތައް ގިނަކަން ކުރިން ވެސް އެނގޭ ކަމަށެވެ. ނަމަވެސް އާ ދިރާސާއިން ވަނީ، ނިދި މަދުވުމާ އެކްސިޑެންޓާ ގުޅުން ހުރީ ހަމައެކަނި މި ސަބަބުން ނޫންކަން ހާމަވެފަ އެވެ.

"ނިދި މަދުވުމަކީ އޭގެ ޒާތުގައި ވެސް، ނުރައްކާ ކަންކަން ކުރުމަށް މީހާ ލަންބުވާ ކަމެއްކަން ދިރާސާއިން ދައްކާ،" ދިރާސާގައި ބުނެފައިވެ އެވެ.

އެމެރިކާގެ ނެޝަނަލް ސްލީޕް ފައުންޑޭޝަނުން އިރުޝާދު ދެނީ ޓީންއޭޖް ކުދިން، ރޭގަނޑު މަދުވެގެން 10 ގަޑިއިރު ނިދުމަށެވެ. އެކަމަކު އެ ގައުމުގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އެމެރިކާގެ ހައި ސްކޫލް ދަރިވަރުންގެ ތެރެއިން ދިރާސާގައި ބައިވެރިކުރި ބައި ލައްކަ ދަރިވަރުންގެ 69 ޕަސެންޓަކީ ރޭގަނޑު ހަތް ގަޑިއިރަށް ވުރެ މަދުން ނިދާ ކުދިންނެވެ.

ނިދި މަދުވުމާ ރިސްކީ ބިހޭވިއާއާ ހުރި ގުޅުން ބެލުމަށް ކުރި ދިރާސާގައި ބައިވެރިކުރި ކުދިންގެ ތެރެއިން 86.1 ޕަސެންޓަކީ ބައިސްކަލް ދުއްވާއިރު އާންމުކޮށް ހެލްމެޓް ނާޅާ ކުދިންނެވެ. އަދި 30.3 ޕަސެންޓް ކުދިން ވެހިކަލް ދުއްވަމުން ފޯނުން މެސެޖުކުރެ އެވެ. އަދި މަސްތުގެ ހާލުގައި ވެހިކަލް ދުއްވުމާއި ސީޓް ބެލްޓު ނޭޅުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މިގޮތުން ބެލި "ރިސްކީ" ކަންކަން އެންމެ ގިނައިން ކުރާ ކަމަށް ދިރާސާއިން ފާހަގަވީ ރޭގަނޑު އާންމުކޮށް ހަތް ގަޑިއިރަށް ވުރެ މަދުން ނިދާ ކުދިންނެވެ. އަދި ހަމަ މިގޮތަށް، 10 ގަޑިއިރަށް ވުރެ އިތުރަށް ނިދާ ކުދިންގެ މެދުގައި ވެސް މި ނުރައްކާ އާދަތައް ގިނަ ކަމަށް ފާހަގަވެފައިވެ އެވެ.

ދިރާސާގައި ބުނީ މިއީ އެކަށީގެންވާ ވަރަށް ވުރެ މަދުން އަދި ގިނައިން ވެސް ނިދުން ރައްކާތެރި ނޫންކަން ހާމަވި ދިރާސާއެއް ކަމަށެވެ.