Roadha Mihaaru
ބުލީކުރުމާއި ނިދި ހަމަނުވުން؛ ފުރާވަރުގެ ބޮޑު މައްސަލަ

ބުލީކުރުމާއި ނިދި ހަމަނުވުން؛ ފުރާވަރުގެ ކުދިން ބޮޑު މައްސަލަ

16 އޯގަސްޓް 2019

ފުރާވަރުގެ ކުދިންނަށް ކުރިމަތިވާ ނަފުސާނީ މައްސަލަތަކަށް އެންމެ ބޮޑަށް މަގުފަހިވާ ކަންކަމަކީ ސައިބަ-ބުލީ އާއި ހަމަނިދި ނުލިބުން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފުރާވަރުގެ ކުދިންނަށް ކުރިމަތިވާ ނަފުސާނީ މައްސަލަތަކަށް އެންމެ ބޮޑަށް މަގުފަހިވާ ކަންކަމަކީ ސައިބަ-ބުލީ އާއި ހަމަނިދި ނުލިބުން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ދަ ލާންސިޓް ޗައިލްޑް އެންޑް އެޑޯލަޒެންޓް ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ އިމްޕީރިއަލް ލަންޑަން ކޮލެޖުން ހެދި ދިރާސާގައި ބުނި ގޮތުގައި ސީދާ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ކުރިމަތިވާ މައްސަލަތަކަށް ވުރެ، ފުރާވަރު ކުދިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ބާރުފޯރުވަނީ ހަމަ ނިދި ނުލިބުމާއި ސައިބަ-ބުލީންނެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ފުރާވަރު ކުދިންގެ ތެރެއިން ނިސްބަތުން ގިނަ ކުދިންނަކީ ދުވާލެއްގެ މައްޗަށް ތިން ފަހަރު ސޯޝަލް މީޑިއާ ހާވާ ކުދިންނެވެ. އަދި އެކަމުގެ ސަބަބުން އެ މީހުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރެ އެވެ، އެކަމަކު ކުރިން ބެލެވިފައިވާ ގޮތާ ހިލާފަށް ފުރާވަރު ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމާއި ސޯޝަލް މީޑިއާއާ ސީދާ ގުޅުމެއް ހުރި ކަމަކަށް ނުދައްކަ އެވެ.

ނަމަވެސް ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ވަގުތު ސޯޝަލް މީޑިއާ އަށް ހުސްކުރުމަކީ ކުދިންގެ ހަރަކާތްތެރި ކަމަށް ހުރަސް އަޅައި ނިދުމަށް އަސަރުކުރުވާ ކަމެކެވެ. އެހެންވެ ވީހާ ވެސް ބޮޑަށް ކުދިންނަކީ ހަރަކާތްތެރިކޮށް އުޅޭ އިޖުތިމާއީ ބަޔަކަށް ހެދުން ވެސް މުހިއްމު ކަމަށް ބުންޏެވެ.

މި ދިރާސާ ހަދާފައި ވަނީ 13-16 އަހަރާ ދެމެދުގެ ދެ ޖިންސުގެ 10،000 އަށް ވުރެ ގިނަ ދަރިވަރުންގެ މައުލޫމާތު 2013-2016 އަށް އެއްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު އެއް ކަމަކީ ދެ ޖިންސްގެ ކުދިންގެ ތެރެއިން 43 ޕަސަންޓް ކުދިން ދުވާލަކު މަދުވެގެން ތިން ފަހަރު ސޯޝަލް މީޑިއާ ބޭނުން ކުރާކަމެވެ. އަދި އަހަރުން އަހަރަށް އެ މިންވަރު އިތުރުވަމުން އަންނަ ކަމެވެ. ވަކިން ހާއްސަކޮށް އަންހެން ކުދިންގެ ނިސްބަތް ބޮޑެވެ.

"މީގައި ނުރައްކާވާ ހިސާބަކީ ސައިބަ-ބުލީން އަށް ހުށަހެޅޭ ހިސާބު. އެހެންވީމާ ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ވެސް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް. އަދި ކުދިންނަށް މި ފުރުސަތު ކޮންޓްރޯލެއް ނެތް ގޮތަށް ދޫކޮށް ނުލުން ވެސް މުހިއްމު،" ދިރާސާ ޓީމްގައި ހިމެނޭ ޑރ. ޑާޝާ ނިކޯލްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޯނާއި ޓެބްލެޓާއި ލެޕްޓޮފް ފަދަ އެއްޗެހި ކުދިންގެ އަތަށް ދޫކޮށްލާ އިރު އެތަކެތިން އެ ކުދިން ކުރާ ބޭނުން ގާތުން ބެލެނިވެރިން ބަލަން ޖެހޭނެ އެވެ. އަދި އެއީ ހަމައެކަނި ބުނެލާ ބަހަކުން ކުރާ ކަމަކަށް ވުރެ ބޮޑަށް، ދަރިންގެ ކަންކަން ގާތުން ބެލުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

"ދަރިންނަށް ހިތްވަރު ދޭންވީ އަދި އަބަދުވެސް ބާރު އަޅަންވީ ޖިސްމާނީ ގޮތުން ހަރަކާތްތެރި ލައިފްސްޓައިލެއް ބިނާ ކުރަން ދަސްކޮށް ދިނުން،" ޑާޝާ ވިދާޅުވި އެވެ. "މީގެ ސަބަބުން ހަގީގަތުގައި ދަރިން މެންޓަލީ ފިޓްވާން [ނަފުސާނީ ގޮތުން] މަގުފަހިކޮށް ދޭނެ. މިސާލަކަށް ހަމަ ނިދި ލިބުމަށް ބާރު އަޅައި، މޫޑް ޕޮޒިޓިވްކޮށް ދޭނެ."

އޭނާ ފާހަގަކުރެއްވި ގޮތުގައި އެންމެ މުހިއްމު ކަމަކީ ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ހައްދުން ބޭރުނުވުމެވެ. އެގޮތުން ނިދަން އެނދަށް އަރާ އިރު، ފޯނާއި ޓެބްލެޓަކީ އަތުޖެހޭ ހިސާބުގައި ނެތް އެއްޗަކަށް ހެދުން މުހިއްމު ކަމަށް ޑާޝާ ވިދާޅުވި އެވެ.