Roadha Mihaaru
މެންކް ކިޔައިދެއްވީ ފުރައްސާރައަށް އޮތް ދީނީ ފަރުވާ

މެންކް ކިޔައިދެއްވީ ފުރައްސާރައަށް އޮތް ދީނީ ފަރުވާ

29 އޮކްޓޯބަރ 2022

ސޯޝަލް މީޑިއާގައި ތިމާ އަށް ބަޔަކު ފާޑުކިޔައި ފުރައްސާރަ ކުރިޔަސް، އެކަމުގެ ސަބަބުން މީހާ ހާސްވެ، މާޔޫސްވެ، ކަންބޮޑުވުމުގެ ތެރެއަށް ވައްޓާނުލުމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރޭ ނަސޭހަތްް ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސޯޝަލް މީޑިއާގައި ތިމާ އަށް ބަޔަކު ފާޑުކިޔައި ފުރައްސާރަ ކުރިޔަސް، އެކަމުގެ ސަބަބުން މީހާ ހާސްވެ، މާޔޫސްވެ، ކަންބޮޑުވުމުގެ ތެރެއަށް ވައްޓާނުލުމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރޭ ނަސޭހަތްް ދެއްވައިފި އެވެ.

މާލޭ ކާނިވަލްގައި ބޭއްވި ދަރުސްގައި މެންކް ވާހަކަދެއްކެވީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް"ގެ މައުލޫ އަށެވެ.

މިސާލެއްގެ ގޮތުގައި ޓުވިޓާ ނަންގަވައި، މެންކް ވިދާޅުވީ އެ ފްލެޓްފޯމްގައި ތިމާ ދައްކާ ވާހަކަތައް އަޑުއަހާހިތްވާ، ތިމާ ބަލައިގަންނަ ވަރަށް ގިނަ ބަޔަކު ތިބި ދާނެ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ނުރުހޭ ބަޔަކު ވެސް ތިބިދާނެކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފަހަތުގައި މިއަދު މިވާ ލަފުޒުތަކުން [ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް] ކުރެ ލަފުޒެއްގައި ބުނާ ކަމެއް ސޯޝަލް މީޑިއާގެ ސަބަބުން ތިމާ އަށް މެދުވެރިވިޔަ ނުދޭތި. ދުވަހަކު ވެސް އެކަން ވިޔަ ނުދޭތި،" މެންކް އެދިވަޑައިގަތެވެ.

ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ކާނިވަލަށް ދިޔަ މީހުން އެތަން ފުރާލައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ކާނިވަލަށް ދިޔަ މީހުން އެތަން ފުރާލައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މެންކް ވިދާޅުވީ ސޯޝަލް މީޑިއާގައި ބަޔަކު ތިމާ އަށް ހުތުރު ނަމަކުން ގޮވައި، ތިމާގެ އަގުވައްޓާލައި އަނބުރު ކަތިލަން ވެސް މަސައްކަތްކޮށްފާނެ ކަމަށާއި އެކަމަކު އެކަމާ މެދު މާ ބޮޑަށް ނުވިސްނުމަށެވެ.

"އަޅުގަނޑު ބުނާނީ އެއީ ހަގީގަތުގައި އެ މީހުން ތިމާ ދެކެ ލޯބިވާލެއް މާ ބޮޑުކަމުން ކުރާ ކަމެކޭ. ލޯބިވިލެއް ބޮޑުކަމުން ގޮސް އެމީހުންގެ ހިތުގައި ތިމާ އަށް ހަސަދަވެރިކަމެއް އުފެދިގެން ކުރާ ކަމެކޭ. އެމީހުން އެމީހުންގެ ވަގުތާއި ފައިސާ އަދި ވަގުތު ދުއްވާލަނީ ތިމާ އުޅޭނުޅޭ ގޮތް ބަލައި، ފާޑުކިޔާނެ ކޮންމެވެސް ކަމެއް ހޯދަން. ﷲ އަށް ޝުކުރުވެރިވޭ، އޭގެ ތެރެއިން ގިނަ މީހުން ތިމާ އަށް ނުވެސް އެނގޭ ކަމަށްޓަކައި،" މެންކް ވިދާޅުވި އެވެ.

"އެއް ފަހަރަކު މީހަކު އަޅުގަނޑަށް ކުއްތާއެކޭ ގޮވި. އަޅުގަނޑު ކީއްތޯ ކުރީ؟ ސުބުހާނަﷲ، އޭނާގެ ސިފަ އަޅުގަނޑާ ވަރަށް ވައްތަރު. އޭނާ އަކީ ހަމަ އަޅުގަނޑާ އެއް ނަސްލެއްގެ މީހެއް. އޭނާއާ އަޅުގަނޑާ އެއްގޮތް ވަރަށް ގިނަ ކަންތައްތަކެއް ހުރޭ، އެއް ބަހަކުން ވާހަކަ ވެސް ދައްކަނީ. ދެން ކީއްކުރަންތޯ އަޅުގަނޑު އޭނާ ބުނި އެއްޗަކަށް ރައްދު ދޭންވީ؟،" މެންކް ވިދާޅުވި އެވެ.

މީހުން އެ ކަހަލަ ފާޑުފާޑުގެ އެއްޗެހި ކިޔަސް، އެކަމާ އަޅާނުލައި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް މެންކް އިރުޝާދު ދެއްވި އެވެ.

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސްގައި އޭނާއާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސްގައި އޭނާއާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަމިއްލަ ދިރިއުޅުމުގެ މިސާލެއް ކިޔައިދެއްވަމުން މެންކް ވިދާޅުވީ އިހަކަށް ދުވަހަކު އޭނާ މޫދު ކުޅިވަރުގެ ހަރަކާތެއްގައި އުޅުއްވިތަން ފެނިގެން ބަޔަކު އޭނާ އަށް ފާޑުކީ ކަމަށެވެ. މެންކް ވިދާޅުވީ، ދީނީ ކަންކަމުގައި އުޅެމުން ވެސް ދިރިއުޅުމުގައި އަމިއްލަ ހިތްހަމަޖެހުމަށް ކަންކަން ކުރަން ވަގުތު ހުސްކުރެވިދާނެ ކަމަށެވެ. އަދި އެއީ ﷲ އާއި ތިމާއާ އޮތް ގުޅުން ދުރުވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުޅިވަރުގައި އުޅެމުން ވެސް ހެއްދެވި ފަރާތް މަތިން ހަނދުމަކޮށް، ﷲ އަށް ހަމްދުކުރެވިދާނެ ކަމަށެވެ.

"އެ ބަޔަކު އަޅުގަނޑާ ދިމާލަށް ބުނީ ތިއީ ދީނީ އިލްމުވެރިޔެކޭ، ތިއީ ގައްދާރެކޭ، ތިއީ މިވެނި އެއްޗެކޭ. ތިއީ ކޮށްގެން ވާނެ ކަމެއް ނޫނޭ، ކުރަން ޖެހޭނީ މިވެނި ކަމެކޭ. މީހުންނަށް ކޮން މިސާލެއް ހެއްޔޭ ތި ދައްކަނީ،" މެންކް ވިދާޅުވި އެވެ.

މެންކް ވިދާޅުވީ އެފަދަ ފާޑުކިޔުންތަކަށް ދޭނެ ރަނގަޅު ޖަވާބެއް ނޭނގޭ ނަމަ އެންމެ ރަނގަޅުވާނީ އަޅާނުލައި ދޫކޮށްލުން ކަމަށެވެ. އަދި މެންކް ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް އެ މީހުން ކޮންމެހެން ޖަވާބެއް ހޯދަން ވެސް ނޫޅޭނެ ކަމަށާއި އެއީ އެ މީހުން ގޯސްކަން އެ މީހުންނަށް އަމިއްލަ އަށް ވެސް ގަބޫލުކުރެވޭތީ އެވެ.

މީހަކު ބުނީ އަޅުގަނޑަށް ސްކައިޑައިވެއް ނުކުރެވޭނެއޭ، އެއީ ހަރާމް ކަމެކޭ. އަމިއްލަ ނަފުސު ނުރައްކަލެއްގެ ތެރެއަށޭ ތި ހުށަހެޅީ. އެކަމަކު އޭނާ އަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އަޅުގަނޑު އަނެއްކާ ވެސް ސްކައިޑައިވަކަށް ދިޔައީ: މުފްތީ މެންކް

ކީރިތި ރަސޫލާއަށް ކާފިރުން ކުރި ފުރައްސާރައިގެ ސަބަބުން ހިތްޕުޅު ދަތިވެ ހާސްކަމުގެ ތެރޭގައި ހުންނަވަން ޖެހިވަޑައިގަތުމުން މާތްﷲ އެކަމުގައި ރަސޫލާއަށް ދެއްވި އިރުޝާދަކީ މުސްލިމުން އަމަލުކުރަންވީ ގޮތްކަން މެންކް ފާހަގަކުރެއްވި އެވެ. ކީރިތި ގުރުއާނުގައި އެކަމާ ބެހޭ ގޮތުން އޮތީ ﷲ އަށް ކުއްތަންވެ ނަމާދުކޮށް އެކަލާނގެ ހަނދުމަކުރުން އިތުރު ކުރުމަށް ކަމަށް މެންކް ވިދާޅުވި އެވެ.

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ދިޔަ ބައެއް ސްކޫލް ކުދިން -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ދިޔަ ބައެއް ސްކޫލް ކުދިން -- ފޮޓޯ: ނިޝާން އަލީ | މިހާރު

މެންކް ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ޑިޕްރެސްވާ އެއް ސަބަބަކީ އެހެން މީހުންގެ ދިރިއުޅުމާ މެދު ނުބައިކޮށް ވިސްނައި އަބަދު އެކަމުގެ ތެރޭގައި އުޅުން ކަމަށެވެ. މީހަކަށް ލިބިފައިވާ ނަސީބެއް ފިލައި ގޮސް ތިމާއަށް ލިބެން އެދިގެން ނުވާނެ ކަމަށާއި ކީރިތި ރަސޫލާގެ އިރުޝާދަކީ އެހެން މީހަކަށް ހެޔޮ ކަމެއް ލިބިފައިވާތަން ފެނިއްޖެ ނަމަ އެ މީހަކަށް އެކަން އެދުމާ އެކު ތިމާއަށް ވެސް އެކަން މިންވަރުކޮށްދެއްވުން އެދި ﷲ އަށް ދުއާކުރުން ކަމަށެވެ.

"މީހަކު ބުނީ އަޅުގަނޑަށް ސްކައިޑައިވެއް ނުކުރެވޭނެއޭ، އެއީ ހަރާމް ކަމެކޭ. އަމިއްލަ ނަފުސު ނުރައްކަލެއްގެ ތެރެއަށޭ ތި ހުށަހެޅީ. އެކަމަކު އޭނާ އަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އަޅުގަނޑު އަނެއްކާ ވެސް ސްކައިޑައިވިނަށް ދިޔައީ،" މެންކް ވިދާޅުވި އެވެ.

މެންކް ވިދާޅުވީ އޭނާ ވެސް ސޯޝަލް މީޑިއާގައި އުޅުއްވާ ކަމަށާއި ވަރަށް ގިނަ މީހުން އޭނާ އަށް އެކި ކަހަލަ ފާޑުކިޔުންތައް ކިޔާ ކަމަށެވެ. އެކަމަކު، އެ ފާޑުކިޔުންތަކާ މެދު ވިސްނަވާ، ނަފުސު ހަލާކުގެ ތެރެއަށް ދިއުމަށް ދޫކޮށްނުލައްވާ ކަމަށެވެ.

އެތައް ހާސް ބަޔަކު އަޑުއަހަން ދިޔަ ދަރުސްގައި މެންކް ވަނީ ޑިޕްރެޝަނާއި އެންޒައިޓީ އަށް މީހުން ހުށަހެޅުމުގެ ވަރަށް ބޮޑު ސަބަބަކަށް ސޯޝަލް މީޑިއާ ވެފައިވާކަން ފާހަގަކުރައްވައި އެކަމުގެ ތެރެއިން ދިމާވާ ކަންކަމުގެ އަރައިގަތުމަށް ދީނީ ގޮތުން އެކި އިރުޝާދުތައް ދެއްވައިފަ އެވެ.