Roadha Mihaaru
ބޭނުމީ ސޯޝަލް މީޑިއާއާ ދުރުގައި ހުންނަން: ބޯލްޓް

ބޭނުމީ ވީހާ ވެސް ބޮޑަށް ސޯޝަލް މީޑިއާއާ ދުރުގައި ހުންނަން: ބޯލްޓް

21 ނޮވެމްބަރ 2021

ބޭނުން ވަނީ ވީހާ ވެސް ބޮޑަށް ސޯޝަލް މީޑިއާއާ ދުރުގައި ހުންނަން ކަަމަށާއި އެ ބޭނުން ކުރާ ނަމަ އަބަދުވެސް ޖެހޭނީ މީސްމީހުންގެ ފުރައްސާތަކުގެ ތެރޭގައި އުޅެން ކަމަށް ޖެމެއިކާގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޭނުން ވަނީ ވީހާ ވެސް ބޮޑަށް ސޯޝަލް މީޑިއާއާ ދުރުގައި ހުންނަން ކަަމަށާއި އެ ބޭނުން ކުރާ ނަމަ އަބަދުވެސް ޖެހޭނީ މީސްމީހުންގެ ފުރައްސާތަކުގެ ތެރޭގައި އުޅެން ކަމަށް ޖެމެއިކާގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓް ބުނެފި އެވެ.

އޮލިމްޕިކް ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައިވާ 34 އަހަރުގެ މަޝްހޫރު އެތުލީޓް މި މޭރުމުން ވާހަކަ ދައްކާފައި މި ވަނީ ފަހަކަށް އައިސް ކުޅިވަރު ތެރޭގައި އުޅޭ މީހުންނަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާއި ފުރައްސާރަތަކާ ހެދި ދިމާވަމުންދާ އެކި މައްސަލަތަކާ ހެދި އެވެ.

އެގޮތުން މި ހަފުތާގައި ދުބާއީގެ އެކްސްޕޯ 2020 ގެ ތެރެއިން ސީއެންއެންގެ ބެކީ އެންޑަސަން އަށް ދިން އިންޓަވިއުއެއްގައި ބޯލްޓް ބުނީ އޭނާ އަކީ ވެސް ކުރިން ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވަމުން އައި މީހެއް ކަމަށެވެ.

"އަހަރެން ކުޅިވަރުގެ ތެރެއަށް ނުކުމެ އެންމެ ކުރަން ބޭނުންވި ކަމަކީ ދުނިޔޭގެ ޗާޓްގައި ޖެމެއިކާގެ ނަން ވިދުވާލުން. މިކަމަށް ކުރި މަސައްކަތަކަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. އަހަރެން ވަރަށް ހަނދާން އެބަހުރި ކެރިއަރުގެ ކުރީކޮޅު އެންމެ ޒުވާން ދުވަސްވަރު އަނިޔާއެއް ވިޔަސް ބައެއް މީހުން ސޯޝަލް މީޑިއާގައި ދިމާކޮށް، ހިތްމަރުވާ ކަހަލަ އެއްޗެހި ގޮވާނެ،" ބޯލްޓް ބުންޏެވެ. "ބުނާނެ ކަލެއަކަށް ތިކަމެއް ނުވާނޭ. ހުއްޓާލާގައި ކޮންމެވެސް އެހެން ކަމަކާ އުޅޭށޭ."

އޭނާ ބުނި ގޮތުގައި ކެރިއަރުގައި ކާމިޔާބު މީހަކަށްވާން ކުރި ހިތްވަރުގެ ތެރެއިން އެއް ކަމަކަށް ވާނީ ސޯޝަލް މީޑިއާގައި ކިޔާހާ އެއްޗަކަށް ނުބެލުމެވެ. އަދި ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ދުވަސްތަކުގައި އޭނާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ކިޔާހާ އެއްޗެސާއި މީޑިއާތަކުގައި ލިޔާހާ އެއްޗަކަށް ސަމާލުކަން ނުދޭ ކަމަށް ބޯލްޓް ބުންޏެވެ.

"އޭރު ވެސް އަދި މިހާރު ވެސް އަހަރެން ވަރަށް ބޮޑަށް ބަލަން ސޯޝަލް މީޑިއާއާ ވީހާ ވެސް ބޮޑަށް ދުރުގައި އުޅެވޭތޯ،" އޭނާ ބުންޏެވެ. "ބަޔަކަށް ނަސޭހަތެއްދޭ ނަމަ ވެސް ބުނާނެ އެއް ވާހަކަ އަކީ އެއީ. ކޮންމެ ކަމެއްގައި ވެސް އޮންނަން ވާނެ ހައްދެއް."

މިހާރު ޕްރޮފެޝަނަލްކޮށް ދުވުން ހުއްޓާލާފައިވާ ބޯލްޓަކީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވުނު އެންމެ ބާރު އެއް ދުވުންތެރިޔާ އެވެ.