Roadha Mihaaru
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި

ޕްރެޝަރުތަކާ ހެދި 13 އަހަރުން ދަށަށް ހަދަން އުޅުނު އިންސްޓަގްރާމް މަޑުޖައްސާލައިފި

29 ސެޕްޓެމްބަރ 2021

އުމުރުން 13 އަހަރުގެ ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ހަދަން ނިންމި އިންސްޓަގްރާމްގެ ވާޝަނުގެ މަސައްކަތް މަޑުޖައްސާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމުރުން 13 އަހަރުގެ ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ހަދަން ނިންމި އިންސްޓަގްރާމްގެ ވާޝަނުގެ މަސައްކަތް މަޑުޖައްސާލައިފި އެވެ.

އެ އެޕް ހިންގާ ފޭސްބުކުން ކުޑަކުދިންނަށް ހާއްސަ އިންސްޓަގެ ވާޝަނަކަށް މަސައްކަތް ކުރަމުން އަންނަކަން އިއުލާންކުރީ މި އަހަރުގެ ކުރީކޮޅު އެވެ. އެއާ އެކު ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ވަރަށް ގިނަ ފަރާތްތަކުން އެކަން ހުއްޓާލަން ފޭސްބުކަށް ގޮވާލާފައިވެ އެވެ.

ގިނަ ބަޔަކު ބުނެފައި ވަނީ މިހާރު ވެސް އެޕްގެ ސަބަބުން ކުދިންނަށް ދިމާވާ ނަފުސާނީ މައްސަލަތަކާއި ކުދިންގެ ޕްރައިވެސީ އަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ، ކުޑަކުދިންނަށް ހާއްސަ އިންސްޓަ ވާޝަނެއް ހެދުން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން ކަމަށް ބުނެފައިވެ އެވެ.

އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ އަންހެން ކުދިންނަށް ގިނަ މައްސަލަތަކެއް ދިމާވާކަން ފޭސްބުކްގެ އެތެރޭގެ ސާވޭއަކުން ދެއްކި ކަމަށް ބުނާ ރިޕޯޓްތަކަކާ އެކު ވެސް ދާދި ފަހުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ތޭރަ އަހަރުން ދަށަށް ހަދަން އުޅުނު އެޕްގެ މަސައްކަތް މަޑުޖައްސައިލިކަން ހާމަކޮށް އިންސްޓަގްރާމްގެ ހެޑް އެޑަމް މޮޒެރީ ހޯމަ ދުވަހު ވިދާޅުވީ އެކަން މަޑުޖައްސައިލުމަށް ފަހު، ދެން އެކަން ކުރިއަށް ގެންދާނީ ވަރަށް ގިނަ ބައެއްގެ ލަފަ އާއި މަޝްވަރާ ހޯދައިގެން ކަމަށެވެ.

"އެގޮތުން ބެލެނިވެރިންނާއި ގާނޫނީ ދާއިރާގެ މީހުންނާއި ކުޑަކުދިންނާ ގުޅުން ހުރި ދާއިރާގެ ތަޖުރިބާކާރުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުންނާ އެކީ ދެން މިކަމުގައި އަހަރެމެން މަސައްކަތް ކުރާނަން." އޭނާ ވިދާޅުވި އެވެ.

އެޑަމް ވިދާޅުވި ގޮތުގައި އިންސްޓަގްރާމްގެ ސަބަބުން މައްސަލަތަކެއް ހުއްޓަސް، އެ އެޕަކީ މި ޒަމާނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ސަބަބަކީ އެއީ ގިނަ ބަޔަކު ގުޅުވައިދޭ ވަސީލަތަކަށްވުމެވެ.

ތޭރަ އަހަރުން ދަށަށް ހަދަން އުޅުނު އިންސްޓަގްރާމް މަޑުޖައްސައިލީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއްގެ ވެސް ޕްރެޝަރާ ހެދި އެވެ. އަދި ސެނެޓަށް "ޕްރޮޓެކްޓިން ކިޑްސް އޮންލައިން: ފޭސްބުކް، އިންސްޓަގްރާމް، އެންޑް މެންޓަލް ހެލްތު ހާމްސް" ގެ ނަމުގައި ގަރާރެއް ހުށަހަޅައި އެއަށް މަޝްވަރާ ކުރަން ވެސް މި ދަނޑިވަޅުގައި އޮތީ ނިންމައިފަ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން 44 ސްޓޭޓެއްގެ އެޓާނީ ޖެނެރަލެއްގެ ސޮޔާ އެކު، 13 އަހަރުން ދަށަށް ހަދަން އުޅުނު އިންސްޓަގެ ވާޝަން ހުއްޓައިލަން އެދި ފޭސްކްގެ ވެރިޔާ މާކް ޒަކަބާގަށް ސިޓީއެއް ފޮނުވާފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ފެއާޕްލޭގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޯޝް ގޯލިން ވިދާޅުވި ގޮތުގައި ބޭނުން ވަނީ ހަދަން އުޅުނު އެޕްގެ މަސައްކަތް މަޑުޖައްސައިލުން ނޫން ކަމަށެވެ.

"ބޭނުން ވަނީ ފޭސްބުކުން އެކަން އެއްކޮށް ހުއްޓާލަން. އެހެން ނޫން ކަމަށް ވަންޏާ އަހަރެމެންގެ ފަރާތުން ކުރިމަތިކުރާ ޕްރެޝަރުތަކަށް ނިމުމެއް ނާންނާނެ." އޭނާ ވިދާޅުވި އެވެ.

މިހާރު މި ބޭނުންކުރާ އިންސްޓަގްރާމަކީ 13 އަހަރުން މައްޗަށް ހާއްސަ އެޕެއް ނަމަވެސް އުމުރު އޮޅުވާލައިގެން ކުޑަކުދިން އެ ބޭނުން ކުރުމަކީ އާންމު ކަމެކެވެ. އެހެންވެ މީގެ ދުވަސްކޮޅެއް ކުރިން ނިންމާފައި ވަނީ އެކައުންޓެއް ހަދާ ނަމަ މިހާރު އުފަން ތާރީހު ލާޒިމުކަމެއްގެ ގޮތުގަ އެވެ.