Roadha Mihaaru
ފުރާވަރު ކުދިންނަށްޓަކައި އިންސްޓަ އަށް "ޓޭކް އަ ބްރޭކް"

ފުރާވަރު ކުދިންނަށް ހާއްސަކޮށް އިންސްޓަގްރާމަށް "ޓޭކް އަ ބްރޭކް" ފީޗާ ގެންނަނީ

12 އޮކްޓޯބަރ 2021

އިންސްޓަގްރާމް ބޭނުންކުރާ ކުދިންނަށް އެ އެޕްގެ ސަބަބުން އެތައް މައްސަލަތަކެއް ދިމާވާކަން ހާމަވެ، އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށް ފުރާވަރު ކުދިންގެ ރައްކާތެރި ކަމަށް ހާއްސަ ފީޗާއެއް ތައާރަފުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމް ބޭނުންކުރާ ކުދިންނަށް އެ އެޕްގެ ސަބަބުން އެތައް މައްސަލަތަކެއް ދިމާވާކަން ހާމަވެ، އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށް ފުރާވަރު ކުދިންގެ ރައްކާތެރި ކަމަށް ހާއްސަ ފީޗާއެއް ތައާރަފުކުރަން ނިންމައިފި އެވެ.

އިންސްޓަގްރާމް ހިންގާ ފޭސްބުކްގެ ގްލޯބަލް އެފެއާޒްގެ ވައިސް ޕްރެޒިޑެންޓް ނިކް ކްލެގް އާދީއްތަ ދުވަހު ސީއެންއެންގެ "ސްޓޭޓް އޮފް ދި ޔުނިއަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުދިންގެ ރައްކާތެރި ކަމަށް ތައާރަފުކުރާ ފީޗާ ވަރަށް އަވަހަށް ޓެސްޓް ކުރަން ފަށާނެ ކަމަށެވެ.

މި ފީޗާ އަށް ދޭން ނިންމާފައިވާ ނަމަކީ "ޓޭކް އަ ބްރޭކް" އެވެ. މީގެ ބޭނުމަކީ ކުދިންނަށް ނޭދެވޭ އަސަރުކުރާ ކަހަލަ ކޮންޓެންޓްތަކުން އެ ކުދިން ސަލާމަތްކުރުމާއި ދޭތެރެ ދޭތެރެ އިން އިންސްޓްގްރާމް ބޭނުންކުރުން މެދުކަނޑާލަން ކުދިންނަށް ހިތްވަރު ދިނުމެވެ.

"އަހަރެމެން ވަރަށް އުންމީދު ކުރަން އަލަށް ތައާރަފު ކުރަން މި އުޅޭ ފީޗާގެ ސަބަބުން ފާހަގަ ކުރެވޭ ވަރުގެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް." ނިކް ވިދާޅުވި އެވެ.

ނިކް.

ނިކް.

އެކަމަކު އާ ފީޗާ އަށް ވަކި ޓައިމް ފްރޭމެއް އިންސްޓްގްރާމުން އަދި ކަނޑައަޅައިފައެއް ނެތެވެ. އެހެންވެ ފީޗާ ޓެސްޓްކުރަން ފަށާނެ ސީދާ ތާރީހަކާއި އާންމުކޮށް ދޫކޮށްލޭނެ އިރެއް ނިންމައިފައެއް ނެތެވެ. އެކަމަކު ނިކް ދެއްވީ އެކަން ވަރަށް އަވަހަށް ވާނެކަމުގެ ޔަގީން ކަމެވެ.

އިންސްޓަގްރާމަކީ 13 އަހަރުން މައްޗަށް ހާއްސަ އެޕެއް ނަމަވެސް އުމުރު އޮޅުވާލައިގެން އެ އެޕް ކުޑަކުދިން ބޭނުންކުރާ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ ދާދި ފަހުން ވަނީ އެކައުންޓެއް ހެދޭނީ އުފަން ތާރީހު ދީގެން ކަމަށް ނިންމައިފަ އެވެ.

އިންސްޓަގްރާމްގައި ފުރާވަރުގެ ކުދިންގެ ރައްކަލަކަށް ހާއްސަ ފީޗާއެއް ހިމަނަން ނިންމި އިރު، 13 އަހަރުން ދަށަށް ހާއްސަކޮށްގެން ހަދަން އުޅުނު އިންސްޓަގެ ވާޝަނަށް އަމާޒުވި ފާޑުކިޔުންތަކާ ހެދި އޭގެ މަސައްކަތް މިހާރު އޮތީ ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ. އެކަމާ ދެކޮޅު ފަރާތްތަކުން ޕްރެޝަރު ކުރަނީ ކުޑަކުދިންނަށް އެ އެޕް ހަދަން އޮތް ޕްލޭން އެއްކޮށް ދޫކޮށްލުމަށެވެ.