Roadha Mihaaru
ބާސެލޯނާގެ ކޯޗަކަށް ކޫމަން ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް ކޫމަން ހަމަޖައްސައިފި

19 އޯގަސްޓް 2020

ބާސެލޯނާ (އޮގަސްޓް 19) - ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިކޮށް އެ މަގާމާ ދެން ހަވާލުވާނީ ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.

ބާސެލޯނާ (އޮގަސްޓް 19) - ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިކޮށް އެ މަގާމާ ދެން ހަވާލުވާނީ ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖެނުއަރީ މަހު ސެޓިއެން އަށް ބާސެލޯނާގެ ކޯޗުކަން ދިނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު މި ސީޒަނުގައި ބާސެލޯނާ ހުސްއަތާ ނިންމާލަން ޖެހުމުން ސެޓިއެންގެ ކޮންޓްރެކްޓްގެ ވަކި މާއްދާތަކަކަށް ބަލައި އޭނާ ވަކިކުރަން ނިންމީ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުގައި ސެޓިއެންގެ ވަޒީފާ ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބާސެލޯނާ 8-2 އިން ވީ ބައްޔެވެ.

"ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ ކޫމަން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާނެ. މިހާރު ވަރަށް ކުޑަކުޑަ މަސައްކަތްތަކެއް ފުރިހަމަނުވެ ހުރީ،" ސްޕެއިނުގެ މީޑިއާ އަށް ބާޓޮމެއު ވިދާޅުވި އެވެ.

އާނެސްޓޯ ވަލްވޭޑޭ ބަލިކޮށް ބާސެލޯނާގެ ކޯޗުކަން ސެޓިއެންއާ ހަވާލުކުރުމުގެ ކުރިން އެ ޓީމުން ވަނީ ކޫމަންއާ ވާހަކަ ދައްކައިފަ އެވެ. އެކަމަކު އޭރު ހާލަތު ހުރި ގޮތުން ސީޒަނެއްގެ މެދުތެރެއިން ކޫމަން ބާސެލޯނާ އަށް އަންނަން ބޭނުމެއްނުވި އެވެ. އަނެއްކޮޅުން އޭރު އޮތްގޮތުން ކޫމަން ހުރީ މި އަހަރު ޖޫން މަހު ބާއްވަން (ފަހުން އަންނަ އަހަރަށް ލަސްކުރި) ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ގޮވައިގެން ވާދަކުރަން ތައްޔާރުވެގެންނެވެ. އެހެންވެ އޭރު އެ ފުރުސަތުގެ ބޭނުން ނުހިފުނީ އެވެ. އެކަމަކު މި ފަހަރު ބާސެލޯނާގެ ހުށަހެޅުން ލިބުމާ އެކު ކޫމަން ނިންމީ ކުރިން އޭނާ ކުޅުނު ކްލަބަށް ކޯޗުކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުން ހިފާށެވެ.

ކޫމަންއާ ބާސެލޯނާ ހަވާލުކުރުމުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އޭނާ ނެދަލެންޑްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފައިސާގެ ކަންތައްތަކެވެ. ރިޕޯޓްތައް ބުނާގޮތުން ނެދަލެންޑްސް އެފްއޭ އަށް ބާސެލޯނާ އިން ދެ މިލިއަން ޔޫރޯ ދައްކާނެ އެވެ.

ބާސެލޯނާގެ ކުރީގެ މެޗެއްގެ ތެރެއިން ކޫމަން.-- ފޮޓޯ: އޭއެފްޕީ ފައިލް ފޮޓޯ

ބާސެލޯނާގެ ކުރީގެ މެޗެއްގެ ތެރެއިން ކޫމަން.-- ފޮޓޯ: އޭއެފްޕީ ފައިލް ފޮޓޯ

ބާސެލޯނާ އިން ކޫމަން އަށް ދޭން ނިންމާފައިވަނީ ދެ އަހަރުގެ އެއްބަސްވުމެކެވެ. އެކަމަކު ދެ ވަނަ އަހަރު އޭނާގެ މަގާމު ޔަގީންވާނީ ބާސެލޯނާގެ އިންތިހާުބުން ބާޓޮމެއު އަށް ދެ ވަނަ ދައުރެއް ލިބިއްޖެނަމަ އެވެ. މިހާރު އޮތްގޮތުން ބާސެލޯނާގެ ރައީސަކު ހޮވާ އިންތިހާބު ބާއްވާނީ އަންނަ މާޗް މަހުގަ އެވެ. މި އަހަރު ނޮވެމްބަރު މަހު އަވަސް އިންތިހާބެއް ބާއްވަން ކުރި މަސައްކަތް ކާމިޔާބެއްނުވީ ބޯޑު މެމްބަރުގެ ބޮޑު އަގުލަބިއްޔަތެއް ނުލިބުމުންނެވެ.

ކޫމަންއާ ރަސްމީކޮށް ޓީމު ހަވާލުކުރުމުގެ ކުރިން ބާސެލޯނާ އިން ވަނީ އެ ޓީމުގެ މުހިއްމު ދެ މަގާމެއްގައި ހުރި ދެ ފަރާތެއް ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ކުރީގެ ކުޅުންތެރިޔާ އެރިކް އަބިދާލް ހިމެނެ އެވެ. ސްޕޯޓިން ޑިރެކްޓަރަކަށް މީހެއް ހަމަޖައްސަންދެން އެ ޒިންމާ ނަގާނީ ރައީސް ބާޓޮމެއު އެވެ.

ކުރިން ސްޕެނިޝް ލީގުގެ ވެލެންސިއާ އަށް ކޯޗުކޮށްދިން ކޫމަން ވަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ބާސެލޯނާގައި މަސައްކަތްކޮށްފަ އެވެ. ނެދަލެންޑްސް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ކޫމަން އެންމެ ފަހުން ކޯޗުކޮށްދިން ކްލަބަކީ އިންގްލެންޑްގެ އެވަޓަން އެވެ.

ބާސެލޯނާ އަށް 1989 އިން 1995 އަށް ކުޅެދިން ކޫމަން ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ކޫމަންއާ އެކު ނެދަލެންޑްސް ގައުމީ ޓީމުގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އަޔަކްސްގެ މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް ވެސް ބާސެލޯނާއާ ގުޅޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.