Roadha Mihaaru
ބާސާގެ އޮފާ އަށް ވުރެ ކޫމަނަށް ނެދަލެޑްންސް މުހިއްމު

ބާސެލޯނާގެ ހުށަހެޅުމަށް ވުރެ ކޫމަން އަށް ނެދަލެޑްންސް މުހިއްމު

21 މާޗް 2020

މެޑްރިޑް (މާޗް 21) - ބާސެލޯނާ ކޯޗަކަށްވާން ލިބުނު ހުށަހެޅުން ދޫކޮށްލީ ނެދަލެންޑްސްގައި އޭނާ ކުރަމުން އަންނަ މަަސައްކަތް މި ވަގުތަށް މުހިއްމުވުމުން ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މާޗް 21) - ބާސެލޯނާ ކޯޗަކަށްވާން ލިބުނު ހުށަހެޅުން ދޫކޮށްލީ ނެދަލެންޑްސްގައި އޭނާ ކުރަމުން އަންނަ މަަސައްކަތް މި ވަގުތަށް މުހިއްމުވުމުން ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕުން ބާސެލޯނާ ކެޓުމާ އެކު އޭރު އެ ޓީމުގެ ކޯޗުކަމުގައި ހުރި އާނެސްޓޯ ވަލްވޭޑޭ ވަނީ ވަކިކޮށްފަ އެވެ. ވަލްވޭޑޭ ވަކިކުރުމަށް ފަހު ބާސެލޯނާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު ޒަވީ ވެސް އެ ފުރުސަތު ދޫކޮށްލުމުން ފަހުން ވަނީ ރެއާލް ބެޓިސް އަށް ކުރިން ކޯޗުކޮށްދިން ކީކޭ ސެޓިއެން ގެނެސްފަ އެވެ. އެކަމަކު ސެޓިއެންއާ އެ ޒިންމާ ހަވާލުކުރުމުގެ ކުރިން ބާސެލޯނާ އިން ވަނީ ކުރިން އެ ޓީމަށް ކުޅުނު ކޫމަން އަށް ވެސް އެ ޓީމު ކޯޗުކަން ހުށަހަޅައިފަ އެވެ.

ސްޕެއިނުގެ ނޫހަކަށް ކޫމަން ދިން އިންޓަވިއުއެއްގައި ބުނީ ބާސެލޯނާ އަށް ނޫނެކޭ ބުނަން ހާލަތުގެ ގޮތުން ވެސް އޮތީ މަޖުބޫރު ގޮތަކަށް ކަމަށެވެ.

"ބާސެލޯނާ އިން ގުޅީމަ އަހަރެން ނޫނެކޭ ބުނީ ގައުމީ ޓީމުގައި އަހަރެން ކުރަމުން އަންނަ މަސައްކަތް މުހިއްމުވީމަ. އަހަރެން އައީ ރަނގަޅު ޕްލޭނަކާ އެކު ނެދަލެންޑްސްގައި މަސައްކަތްކުރަމުން. ކޮންމެ މުބާރާތެއްގެ ކުރިން ދެ އަހަރު އެބަލިބޭ. އެހެން އޮއްވައި (އެ ވަގުތަށް ބަލާއިރު) ޔޫރޯ ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވައި ގައުމީ ޓީމު ދޫކޮށްލަން ބޭނުމެއް ނޫން،" ނެދަލެންޑްސް ގައުމީ ޓީމާ 2018 ވަނަ އަހަރު ފެބްރުއަރީ މަހު ހަވާލުވި ކޫމަން ބުންޏެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް 1982 އިން 1994 އަށް ކުޅެ 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކޫމަން ވަނީ ފުޓްބޯޅަ ކެރިއަރުގައި ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. އަދި އޭނާ ވަނީ ބާސެލޯނާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. ހެޑް ކޯޗެއްގެ ގޮތުގައި ބާސެލޯނާ އަށް އިރުޝާދު ދިނުމަކީ އަދިވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

"ވަޒީފާއެއްގައި ނޫން ނަމަ އަހަރެން ބާސެލޯނާގެ ހުށަހެޅުން ގަބޫލުކުރާނަން. ބާސެލޯނާ އަކީ ބޮޑު ކްލަބެއް. މޮޅެތި ކުޅުންތެރިން އެބަތިބި. މޮޅެތި ކުޅުންތެރިން ކުޅެން ބޭނުންވާނެ ކްލަބެއް. އަހަރެންގެ ފުޓްބޯޅަ ކެރިއަރުގެ ވަރަށް ރަނގަޅު ދުވަސްތަކެއް ބާސެލޯނާގައި ހޭދަކުރެވި އެ ސިޓީ އަކީ ވެސް އަހަރެން ގަޔާވާ ސަރަހައްދެއް. އެ ހުރިހާ ކަމަކަށް ބަލާއިރު އަހަރެން މި ހުރީ ބާސެލޯނާ އަށް ކޮންމެވެސް ދުވަހެއްގައި ކޯޗުކޮށްދިނުމުގެ އުއްމީދުގައި،" ބާސެލޯނާ އިން 1992 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ކާމިޔާބުކުރިއިރު ފައިނަލުގެ ހަމައެކަނި ލަނޑު ޖަހައިދިން ކޫމަން ބުންޏެވެ.

އުމުރުން 56 އަހަރުގެ ކޫމަންއާ އެކު ނެދަލެންޑްސް އިން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު އެވެ. އެ ކޮންޓްރެކްޓްގައިވާ މުއްދަތު ހަމަވުމުގެ ދެ އަހަރު ކުރިން ކޫމަން ބޭނުންވެއްޖެނަމަ މަގާމު ދޫކޮށްލުމުގެ އިހުތިޔާރު އޮވެ އެވެ. އެކަމަކު އެކަން ކުރެވެނީ އޭނާ ދެން ހަވާލުވާ ޓީމަކުން ބަދަލެއް ދިނުމުންނެވެ.