Roadha Mihaaru
ކޫމަން ގެންދަން ބާސެލޯނާ އިން ބޮޑު އަގެއް ދައްކަންޖެހޭ

ކޫމަން ގެންދަން ބާސެލޯނާ އިން ބޮޑު އަގެއް ދައްކަންޖެހޭ

21 އޮކްޓޯބަރ 2019

އަމްސްޓެޑަމް (އޮކްޓޫބަރު 21) - ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ގެންދަން ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކުރަން އޭނާ އަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އަމްސްޓެޑަމް (އޮކްޓޫބަރު 21) - ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ގެންދަން ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކުރަން އޭނާ އަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ބާސެލޯނާ އަށް ކުރިން ކުޅުނު ކޫމަން އެ ޓީމުގެ ކޯޗަކަށް ގެންނަން އެ ކްލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ. ބާސެލޯނާގެ ކޯޗުގެ މަގާމުގައި މިހާރު ހުރީ އާނެސްޓޯ ވަލްވޭޑޭއާ މެދު އަދިވެސް އެ ކްލަބްގެ ބޯޑުގެ ބައެއް މެމްބަރުން ނުރުހެ އެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް 1982 އިން 1994 އަށް ކުޅެ 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކޫމަން ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ފެށީ ނެދަލެންޑްސްގެ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. އޭނާ ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ފެބުއަރީ މަހުގަ އެވެ. އޭނާ ހަވާލުވި ފަހުން އެ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އަދި ގިނަ އަހަރުތަކަށް ފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ކޮލިފައިވުމާ ގާތުގަ އެވެ. އެ ޓީމުން ވަނީ ޔުއެފާ އިން ދާދި ފަހުން ފެށި ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.

އުމުރުން 56 އަހަރުގެ ކޫމަން މި ވަގުތު ނެދަލެންޑްސްގެ ކޯޗުކަމުގައި ހުރީ 2022 ގެ ނިޔަލަށެވެ. ނެދަލެންދްސްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ސްޕޯޓިން ޑިރެކްޓަރު ނިކޯ ޔޭން ހޫއިމާ ވިދާޅުވީ ކޫމަންގެ ކޮންޓްރެކްޓްގައިވާ ގޮތުން މުއްދަތު ހަމަވުމުގެ ދެ އަހަރު ކުރިން އޭނާ ބޭނުންވެއްޖެނަމަ މަގާމު ދޫކޮށްލުމުގެ އިހުތިޔާރު އޮވެ އެވެ. އެކަމަކު އެކަން ކުރެވެނީ އޭނާ ދެން ހަވާލުވާ ޓީމަކުން ކޮމްޕެންސޭޝަން ފީ އެއް ދެއްކުމުންނެވެ.

ބާސެލޯނާ މެޗެއްގެ ތެރެއިން ކޫމަން. -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ މެޗެއްގެ ތެރެއިން ކޫމަން. -- ފޮޓޯ: އޭއެފްޕީ

ނެދަލެންޑްސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރުގެ ޔޫރޯ އަށް ފަހު ކޫމަން ގެންދާނަމަ ބާސެލޯނާ އިން 30 ނޫނީ 40 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަން ދައްކަން ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މަޝްވަރާގެ މަތިން އަގުކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފައިވާ ކޫމަން ވަނީ އަޔަކްސް، ބެންފީކާ، ޕީއެސްވީ، ވެލެންސިއާ، ފެޔަނޫޑް، ސައުތުހެމްޓަން އަދި އެވަޓަން އަށް އިރުޝާދުދީފަ އެވެ. ބާސެލޯނާ އިން ކޫމަން ގެންދަން އެންމެ ބޭނުންވާ ސަބަބަކީ ބާސެލޯނާގައި ދަމަހައްޓަމުން އައި ޔޯހަން ކްރައިފް ސްޓައިލްގެ ފުޓްބޯޅަ އަލުން ވަރުގަދަ ކުރުމަށެވެ. އަދި ލަ މާސިއާ އެކެޑަމީ މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރެވޭނީ ޔޫތު ކުޅުންތެރިން ވެސް ކުރިއަަރުވަން ދަންނަ ކޫމަން ފަދަ ކޯޗެއް ހުރެގެން ކަން ބާސެލޯނާ ބޯޑުން ގަބޫލުކުރެ އެވެ.