Roadha Mihaaru
މީހަކު ހައްޔަރުކުރަން އުޅުނު ހަ ފުލުހަކަށް ކޮވިޑް

މީހަކު ހައްޔަރުކުރަން އުޅުނު ހަ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

16 އޯގަސްޓް 2020

ޑްރަގާ ގުޅުން ހުރި މައްސަލައެއްގައި މީހަކު ހައްޔަރުކުރަން އުޅުނު ހަ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑްރަގާ ގުޅުން ހުރި މައްސަލައެއްގައި މީހަކު ހައްޔަރުކުރަން އުޅުނު ހަ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެންމެ މީހަކު ހައްޔަރުކުރަން މިދިޔަ ހަފުތާގައި ހަރަކާތްތެރިވި ހަ ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ވުން ފަދަ ކަންކަމާ ހެދި މި އަހަރު ހޭދަކުރަމުން ދަނީ ދަތި އަދި އުނދަގޫ މަރުހަލާއެއް ކަމަށެވެ.

ހަ ފުލުހަކު ޕޮޒިޓިވްވި ނަމަވެސް، ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި މީހާއަށް ކޮވިޑް ޖެހިފައިވާކަން ނުވަތަ ނޫން ކަން އިމްރާން ވިދާޅެއްނުވެ އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރަމުން އަންނަ މަސައްކަތަށް، ފުލުހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަވާތީ، މަޑުޖެހުމެއް އައިސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނޫން ނަމަ މިހާރަށް ވުރެ އެތައް ރާސްތާއެއް އެކަމުގައި ކަޑައްތުކުރެވުނީސް ކަމަށް ވިދާޅުވި އެވެ.

"މިިދިޔަ އަހަރު ވެސް ފުލުހުންގެ ޑިސިޕްލިނަރީ ގަވައިދުތަކަށް އަޅުގަނޑުމެން ބޮޑެތި ބަދަލުތަކެއް ގެނައި. އަދި އެ ގަވައިދުތަކުގެ މައްޗަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވި އެމީހުންގެ ތެރޭގައި އެކަމާ ދޭތެރޭގައި ވަރަށް ހޭލުންތެރިވެ ރައްކާތެރިވެ ނުވަތަ ސީންތަކަށް އެޓެންޑުކުރާއިރު ވަރަށް ސަމާލުވެގެން ތިބޭކަން ފާހަގަކުރަން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަމާ ގުޅޭ ތަމްރީންތައް އެކި ފެންވަރުގައި ދެމުން އަންނަ އިރު ރައްޔިތުންގެ އިތުބާރު ލިބޭނީ އެފަދަ މަސައްކަތްތަކުންނެވެ.

"މިއީ އެތައް ދުވަހަކުއްސުރެ ކުރަން ޖެހޭ ކަމެއް. ގައުމެއް، ދައުލަތެއް ދެމިއޮންނަހާ ހިނދަކު އޮންނާނެ މުއައްސަސާތައް. އެ މުއައްސަސާތަކާ މެދުގައި ކަންކުރާ ގޮތުގެ ނަތީޖާއެއްގެ ގޮތުން އެ މުއައްސަސާއެއް ދޭތެރޭގައި ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިގެންދާނީ،" އިމްރާން ވިދާޅުވި އެވެ.

މިހާތަނަށް 93 ފުލުހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މި މަހުގެ ކުރީކޮޅު ވިދާޅުވެފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 93 އޮފިސަރެއްގެ އިތުރުން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ބައެއް އެހެން މުވައްޒަފުންނަށް ވެސް ކޮވިޑް ޖެހިފައިވާ ކަމަށެވެ.