Roadha Mihaaru
ޑްރަގް މައްސަލަތަކުގެ ފައިދާ ސިޔާސީ މީހުން ނަގާ

މަސްތުވާތަކެތީގެ މައްސަލައިގެ ނާޖައިޒު ފައިދާ ނަގާ ވަކިވަކި ސިޔާސީ މީހުން އެބަތިބި: އިމްރާން

28 ޑިސެމްބަރ 2021

މަސްތުވާތަކެތީގެ މުޅި މައްސަލަ އަށް ހައްލު ހޯދުމުގެ ނާޖައިޒު ފައިދާ ނަގަމުންދާ ވަކިވަކި ސިޔާސީ މީހުން އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތީގެ މުޅި މައްސަލަ އަށް ހައްލު ހޯދުމުގެ ނާޖައިޒު ފައިދާ ނަގަމުންދާ ވަކިވަކި ސިޔާސީ މީހުން އެބަތިބި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑެތި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތައިލަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލައިގެ ނާޖައިޒު ފައިދާ ނަގާ ވިޔަފާރި ނެޓްވޯކުތައް އެބަތިބި ކަމަށެވެ. އެކަން ކުރާ މީހުން އާއްމުން ދެނެގަންނަންޖެހޭ ކަމަށާއި އެ މަގުން ގޮސްގެން ނޫނީ މިކަމެއް ކުރިއަކަށް ނުދާނެ އިމްރާން ވިދާޅުވި އެވެ.

"ރައްޔިތުން އެބަ ދެނެގަންނަންޖެހޭ ކޮން ބައެއްކަން މި ކަމުގެ ތެރޭގައި އުޅެނީ. ރައްޔިތުން އެބަ ފާހަގަކުރަންޖެހޭ މިކަމާ ކޮން ބައެއްކަން އުޅެނީ، ކޮން ބައެއްގެ ސަބަބުންކަން މުޅި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުމެއް ލިބެނީ،" ފުލުހުންގެ ބަންދަށް ގެންދާ މީހުން ބައިތިއްބާ ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ހަމައަށް ފޮނުވާ ކަމަށެވެ. އެގޮތަށް ދައުވާ ކުރަނީ ކޮން ބަޔަކަށް ކަން ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަމަށާއި އޭރުން، އިމްރާން ވިދާޅުވި ގޮތުގައި، ވިޔަފާރިއާ ސިޔާސީ މަސައްކަތުގައި އެފަދަ ނުބައި ކަންތައްތައް ހިމަނައިގެން ނުގެންދެވޭނެ އެވެ.

ސަރުކާރުން މިހާރު ކުރަމުން އަންނަނީ 50 އަހަރުވީ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބައިގަރުނުވީ މައްސަލަ އަށް ހައްލެއް ނައިސް ދުވަހުން ދުވަހަށް ބޮޑުވެގެން ދަނީ އެކަމަށްޓަކައި އެކި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އިމްރާން ވިދާޅުވިގޮތުގައި، މަސްތުވުމުން ސަލާމަތް ކުރުމަށް އާއިލާތަކާއި މުޅި މުޖުތަމައު ބައިވެރިވާންޖެހޭ އެވެ. އެ ކަމުގެ ތެރެއަށް ގެއްލި ތިބި އެންމެން ބަންދުގައި ބައިތިއްބައިގެން ފަރުވާ ދިނުމަކީ ހަމައެކަނި ހައްލެއް އަދި ސަރުކާރަށް އެކަނި އުފުލޭނެ ބުރައެއް ވެސް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

އެ މައްސަލައަށް ހައްލެއް ގެނައުމަށް ދައުލަތުގެ ވަރަށް ގިނަ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެއްވެސް ދިމާލަކުން ރަނގަޅަށް ކުރަންޖެހޭ މަސައްކަތް ނުކުރެވިއްޖެ ނަމަ މިކަމެއް ހައްލެއް ހޯދުމަކީ ވަރަށް ދަތިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މި މައްސަލަ އަށް ފުލުހުން އެކަނި މަސައްކަތް ކުރުމަކީ އަދި މި އަށް އެންމެ ރަނގަޅު ނަތީޖާ ގެނެވޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.