Roadha Mihaaru
މަސްތުވާތަކެތިން ސަލާމަތްކުރަން ބަދަލު ގެނެވޭނެ:އިމްރާން

މަސްތުވާތަކެތިން ޒުވާން ޖީލު ސަލާމަތްކުރަން ހެޔޮ ބަދަލެއް ގެނެވޭނެ: އިމްރާން

26 ޖޫން 2019

ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ޒުވާން ޖީލު އެކަމުން ސަލާމަތްކުރަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ޒުވާން ޖީލު އެކަމުން ސަލާމަތްކުރަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވި އެވެ.

ފުލުހުން އެކި ދުވަސް މަތިން އަތުލައިގެންފައިވާ 419 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރަން ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މަސްތުވާތަކެތި ނައްތާލުމުގައި ލަސްތަކެއް ވެގެންދިޔަ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިއީ އެކަމާ ދެކޮޅަށް ފަށާފައިވާ މަސައްކަތަށް އިސްކަންދޭ ކަމެއް ކަން ދޭހަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/މިހާރު

"އުއްމީދު ކުރަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ އަޅުގަނޑުމެންގެ ޒުވާން ޖީލު އިރާދަކުރެއްވިއްޔާ އެކަމުން ސަލާމަތްކުރުމަށް ހެޔޮ ބަދަލެއް ގެނެވިގެންދާނެ ކަމެއް ކަމަށް،" ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތަށްފަހު އިމްރާން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތި ނައްތާލަން މަޑުޖެހިފައި އޮތް ކަމުގައި ވިއަސް ގަވާއިދުގައި އޮންނަ ގޮތަށް އެކަން ކުރަން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، ޝަރުއީ މަރުހަލާ އަށް ބަހައްޓަންޖެހޭ ވަރަށް ބެހެއްޓުމަށް ފަހު އެއް މަސް ދުވަސް ތެރޭގައި އެ ތަކެތި ނައްތާލުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތަށްފަހ ހޯމް މިނިސްޓަރު އިިމްރާން ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތަށްފަހ ހޯމް މިނިސްޓަރު އިިމްރާން ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަމާޒަކީ ކުރިއަށް އޮތް ތަނުގައި ގިނަ ވެގެން އެއް މަސް ދުވަހުގެ ތެރޭގައި ގާނޫނީގޮތުން ބަހައްޓަން ލާޒިމްކުރާ ވަރު ބެހެއްޓުމަށް ފަހުގައި އަޅުގަނޑުމެން އަތުލައިގަންނަ ހުރިހާ މަސްތުވާތަކެތި ވެސް ނައްތާލުން،" ހަމީދު ވިދާޅުވި އެވެ.

މިއަދު ނައްތާލީ 3165 މައްސަލައާ ގުޅުންހުރި މަސްތުވާތަކެއްޗެވެ. އެއީ 2014 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށް އަތުލައިގެން ތަކެއްޗެވެ. އޭގެ ތެރޭގައި ހެރޮއިންނާއި ކެނަބިހާއި ކޮކައިން އަދި ޕާޓީ ޑްރަގްސް ހިމެނެ އެވެ.

މިއީ ފުލުހުންގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލި ފަހަރެވެ. އެކަން އޮބްޒާވްކުރުމަށް އާއްމުންގެ ފަސް މީހުން ވެސް ބައިވެރިވި އެވެ.

ތަފާތު އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައި ހުރި 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން--.ފޮޓޯ: ނިޝާން އަލީ/މިހާރު

ތަފާތު އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައި ހުރި 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން--.ފޮޓޯ: ނިޝާން އަލީ/މިހާރު

މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާ މެދު އާއްމު ރައްޔިތުން އަބަދު ވެސް ޝައްކުގެ ނަޒަރުން ބަލަ އެވެ. ހަމީދު ވިދާޅުވީ އެފަދަ ޝައްކުތައް ކުރަނީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި އެފަދަ މައްސަލަތަކުގައި އަމަލު ނުކުރާތީ އެވެ. އެހެންވެގެން ފުލުހުންގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނުގައި ވެސް އެ އިދާރާގެ ކަންކަން ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އަމަލުކުރަން އިސްކަންދީފައިވާ ކަމަށް ވިދާޅުވި އެވެ.

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދޫނިދޫގައި މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮމިޝަނަރު ވިދާޅުވީ މަސްތުވާތަކެއްޗަކީ މުޖުތަމައުގެ ރައްކާތެރިކަމަށް، ރަށްރަށުގައި އަދި ވަކިން ހާއްސަކޮށް ބައިބޯ ރަށްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެކެވެ. އެހެންވެ އެކަންކަން ކުރާ މީހުންނާއި ބޭނުންކުރާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަކީ ހާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި ވެސް ނައްތާނުލެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެބަހުރި ކަމަށާއި އެ އެއްޗެހި އޮޑިޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.