Roadha Mihaaru
ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

13 ފެބުރުއަރީ 2022

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ގެނައި 200 ބޮޑީ ވޯން ކެމެރާ މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ގެނައި 200 ބޮޑީ ވޯން ކެމެރާ މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އިސްކަންދަރު ކޮށީގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ބޮޑީ ވޯން ކެމެރާ ލޯންޗުކުރި އިރު، މިއަދު ފެށިގެން މާލެ އާއި އައްޑޫގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން މި ކެމެރާ ބޭނުންކުރާނެ އެވެ. އެ ރަސްމިއްޔާތުގައި ފުލުހުން އެ ކެމެރާ ބޭނުންކުރާނެ ގޮތް ވެސް ދައްކާލި އެވެ.

ފުލުހުންނަށް ބޭނުންވާ 1،400 ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާންކުރީ މިދިޔަ އަހަރު ފަހުކޮޅެވެ. އެކަމަކު އެކަމަށް ޝަރުތު ހަމަވާ ބަޔަކު ނުވެގެން، ކެމެރާގެ އަދަދު 200 އަށް މަދުކޮށް، ބީލަމަށް އަލުން ހުޅުވާލި އެވެ. މި ކެމެރާ ބޭނުންކުރަން ފެށުމުގެ ގޮތުން، ހާއްސަ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ފުލުހުން ކުރިއަށް ގެންދިޔަ އެވެ.

ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ: ރާއްޖޭގައި ބޭނުންކުރާނީ އެކްސްއޮން ބްރޭންޑްގެ "އެކްސްއޮން ބޮޑީ ތުރީ" ގެ ކެމެރާތައް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ: ރާއްޖޭގައި ބޭނުންކުރާނީ އެކްސްއޮން ބްރޭންޑްގެ "އެކްސްއޮން ބޮޑީ ތުރީ" ގެ ކެމެރާތައް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ފުލުހުން ބޭނުންކުރަން ގެނެއީ އެކްސްއޮން ބްރޭންޑްގެ "އެކްސްއޮން ބޮޑީ ތުރީ" ގެ ބޮޑީ ވޯން ކެމެރާ އެވެ. މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ފުލުހުން ވެސް މިހާރު އެންމެ އާންމުކޮށް ފުލުހުން ބޭނުންކުރާ އެއް ބްރޭންޑެވެ.

ބޮޑީ ވޯން ކެމެރާ ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ތިމާވެއްޓާއި ޓެކްނޮލޮޖީގެ މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފުރަތަމަ މާލެ އާއި އައްޑޫގައި

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ބޮޑީ ވޯން ކެމެރާ އަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެނެސް، އާންމުން ފުލުހުންނަށް ކުރާ އިތުބާރު ވެސް ބޮޑުވެ އަދި ފުލުހުން ޖަވާބުދާރީ ކުރުވުމަށް ވެސް މުހިންމު ވަސީލަތަކަށް ވާނެ ކަމަށެވެ. އަދި މި ކެމެރާ ބޭނުންކުރަން ފެށީ މިކަމަށް ފުލުހުން ތަމްރީނުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

މާލެ އާއި އައްޑޫގައި އެކަނި އަދި މި ކެމެރާ ބޭނުންކުރިޔަސް، އިތުރު ކެމެރާ ލިބުމުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ބޭނުންކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"މަގުމަތި ޕެޓްރޯލް ކުރުމާއި ޓްރެފިކް މައްސަލަތަކުގައި ހަރަކާތްތެރިވުމާއި ޑްރަގް އޮޕަރޭޝަންތަކާއި ސްޕެޝަލިސްޓް އޮޕަރޭޝަންތަކުގައި މި ކެމެރާ ބޭނުންކުރެވޭނެ. މުޒާހަރާތަކާއި އެއްވުންތަކާއި އަދި އެނޫން ވެސް ތަފާތު ހާލަތްތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރެވޭނެ،" ހަމީދު ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެން އަދި މި ޕްރޮގްރާމް މި ފަށަނީ 200 ކެމެރާއިން ކަމަށް ވާތީވެ، ހުރިހާ ހާލަތެއްގައި، ހުރިހާ ފުލުހުންގެ އަތުގައި ހުރުން އެއީ މިވަގުތު އަދި އެކަން ހިނގާނެ ގޮތެއް ނޫން."

މި ކެމެރާ އަކީ ހަމައެކަނި ފުލުހުން ކުރާ ގޯސް ކަންކަން ބަލަން ބޭނުންކުރާނެ އެއްޗެއް ނޫން ކަމަށާއި މީގެން ފުލުހުންގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިގެން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަށް ވެސް މުހިންމު ވަސީލަތަކަށް ވާނެ ކަމަށެވެ. އަދި މި ކެމެރާގެ ސަބަބުން މައްސަލަތައް ތަހުގީގުކުރުން އަވަސް ކުރަން ފަސޭހަ ވެސް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި، މި ކެމެރާއިން ރިކޯޑް ކުރެވޭ ވީޑިއޯތައް ބޭނުންކުރާނެ ގޮތާއި އާންމުކުރާނެ ގޮތުގެ އުސޫލެއް ވެސް ހަދައިފައިވެ އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މިއީ ފުލުހުންގެ ހިދުމަތް ޒަމާނީ ކުރުމަށާއި އެ ހިދުމަތަށް އާންމުކުރާ އިތުބާރު ބޮޑުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ފެށުނު ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ފެށުމާ އެކު މިއަދަކީ ޕޮލިސް ރީފޯމްގެ މަސައްކަތުގެ ތެރެއިން ވަރަށް އުސް ހަރުފަތަކަށް އެރުނު ދުވަހެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ފުލުހުން ބޭނުންކުރަން ގެނައި ބޮޑީ ވޯން ކެމެރާ ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ބޮޑީ ވޯން ކެމެރާއާ އެކު އެންމެ ބޮޑު ފައިދާއެއް ކުރާނީ ހާލަތާ ބައްދަލުވާ އާންމުންގެ މީހާ އަށް. އެއާ އެކު އެ ހާލަތާ ބައްދަލުވާ އޮފިސަރަށް ވެސް ރައްކާތެރިކަން ލިބޭނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މި ޕްރޮގްރާމް މި ފަށަނީ ވަރަށް މަދު ކެމެރާތަކަކުން އެނގިވަޑައިގަންނަވާ ކަމަށާއި ފުލުހުންނަށް ބޭނުންވާ އިތުރު ކެމެރާ ހޯދުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން އަވަސް މަސައްކަތަކެއް ކުރައްވާނެ ކަމަށެވެ. އަދި ދެން ކޮންމެ ކަމެއް ދިމާވާއިރު ވެސް، ބޮޑީ ވޯން ކެމެރާ ކޮބައިތޯ ރައްޔިތުން ސުވާލު އުފައްދާނެތީ އެއީ އަވަސްކުރުން މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.