Roadha Mihaaru
ފުލުހުންގެ ހިދުމަތަށް ގެންނަ ބަދަލު މުހިންމު: އިމްރާން

ގޮންޖެހުންތަކާއެކު ވެސް ފުލުހުންގެ ހިދުމަތަށް މުހިއްމު ބަދަލުތައް ގެނޭ: އިމްރާން

29 މާޗް 2020

ގޮންޖެހުންތަކާއެކު ވެސް އަންނަނީ ފުލުހުންގެ ހިދުމަތަށް މުހިއްމު ބަދަލުތައް ގެންނަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގޮންޖެހުންތަކާއެކު ވެސް އަންނަނީ ފުލުހުންގެ ހިދުމަތަށް މުހިއްމު ބަދަލުތައް ގެންނަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އިމްރާން ވިދާޅުވީ މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކާއި ދާހިލީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ނަމަވެސް ފުލުހުންގެ ހިދުމަތަށް ގެންނަންޖެހޭ މުހިއްމު ބަދަލުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދާ ކަމަށާއި އެގޮތުން، މިދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ކޮންމެ ކަމެއްގައި ވެސް އެންމެ އިސް ސަފުގައި، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ފުލުހުން ކަމަށެވެ.

"ފުލުހުންގެ ސްޓްރެޖިކް ޕްލޭން ތަންފީޒުކުރަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ލީޑަޝިޕް ގުޅިގެން ކުރާ މުހިއްމު މަސައްކަތް އަޅުގަނޑު ބަލައިގަންނަން،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން ދެއްވި މެސެޖު

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަންނަން ކުރާ ބުރަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަމުގައި އަންނަނީ ފުލުހުންގެ ހުރިހާ ހަކަތައެއް ބޭނުންކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ސިޔާސީ މަގުސަދުގައި ބޭނުންކުރި ކަމަށް ވިދާޅުވެ އެ އިދާރާ އިސްލާހުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އޭގެ ދަށުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން ލޯންޗުކޮށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.