Roadha Mihaaru
ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފަށައިފި

06 ނޮވެމްބަރ 2021

ރައްޔިތުންނާ ވީހާ ވެސް ގާތުން ފުލުހުންގެ ހިދުމަތް ދިނުމުގެ ގޮތުން ހދ. ކުޅުދުއްފުއްޓަށް އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށް، އެ ހިދުމަތް ދޭން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންނާ ވީހާ ވެސް ގާތުން ފުލުހުންގެ ހިދުމަތް ދިނުމުގެ ގޮތުން ހދ. ކުޅުދުއްފުއްޓަށް އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށް، އެ ހިދުމަތް ދޭން ފަށައިފި އެވެ.

ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އެ ސިޓީގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ބައެއް އިސްވެރިންނާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަވަށްޓެރި ފުލުހުންނަކީ އެއް ރަށެއް ނުވަތަ ސިޓީއެއް އެކި ސަރަހައްދުތަކަށް ބަހާލައިގެން، ކޮންމެ ސަރަހައްދަކަށް ވަކި ފުލުސް އޮފިސަރަކު ހަމަޖައްސައި، އެ ސަރަހައްދުގެ މައްސަލަތައް ދުވަހުން ދުވަހަށް އެ އޮފިސަރެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ޖެހޭ ގޮތަށް ދޭ ހިދުމަތެކެވެ.

ހދ. ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް މީޑިއާ

ހދ. ކުޅުދުއްފުށީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް މީޑިއާ

ކުޅުދުއްުފުށީގައި މި ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ކޮމިޝަނަރު ވިދާޅުވީ މި އަހަރު އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ލާމަރުކަޒީކޮށް، އެ އިދާރާގެ ހިދުމަތްތައް ދިނުމަށާއި ފުލުހުންނާއި މުޖުތަމައާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައި ވާތީ، މިއީ އެ މަސައްކަތުގެ ތެރެއިން ދެވޭނެ މުހިންމު ހިދުމަތެއް ކަމަށެވެ.

"ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަކީ ފުލުހުންގެ އަމާޒެއް،" ހަމީދު ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން މާލެ އާއި އައްޑޫގައި ވެސް ވަނީ އަވައްޓެރި ފުލުހުންގެ ހިދުމަތް ދޭން ފަށައިފަ އެވެ. މި ހިދުމަތް އިތުރު ރަށްތަކުގައި ވެސް ތައާރަފުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.