Roadha Mihaaru
ކޮމިޝަނަރު ވަކިކޮޅަކަށް ނުޖެހޭ، ޕްރޮފެޝަނަލް:އިމްރާން

ޕޮލިސް ކޮމިޝަނަރު ޕްރޮފެޝަނަލް، ވަކިކޮޅަކަށް ނުޖެހޭ: އިމްރާން

21 އޮކްޓޯބަރ 2019

ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނަވައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓުގެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގައި ފިޔަވަޅު އެޅިދާނެ ކަމާ މެދު ކުރާ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނަވައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓުގެ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގައި ފިޔަވަޅު އެޅިދާނެ ކަމާ މެދު ކުރާ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

މިނިސްޓަރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރު މަސައްކަތް ކުރައްވަނީ "ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި ފުރިހަަމަ އިތުބާރު އެބައޮތް" ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅޭ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގު ލަސް ކަމަށް ބުނެ އަމާޒުކުރާ ފާޑުކިއުންތަކުގައި ޕޮލިސް ކޮމިޝަނަރަށް ތުހުމަތުތަކެއް ކުރެ އެވެ. އޭނާ އެ މަގާމުގައި ހުންނަވައިގެން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ހިންގަފާނެ ކަމަށް ސުވާލު އުފައްދަނީ، ކުރިން އެމްޑީއެންގައި އިސްކޮށް އުޅުއްވި ކަމަށް ބުނެ އެވެ.

މީގެ ރައްދުގައި ފުލުހުން ބުނެފައި ވަނީ ފުލުހެއްގެ ގޮތުގައި ހުންނަވައިގެން، އެއްވެސް އިރެއްގައި ހަމީދު އެ ޖަމިއްޔާގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެތަނުގައި އޭނާ އުޅުއްވީ ކުޑަ ދުވަސްކޮޅަކު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިނިސްޓަރު އިމްރާން "މިހާރު" އަށް ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގައި ކޮމިޝަނާ މަސައްކަތް ކުރައްވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ހަރުދަނާ ކުރުމަށް ކޮމިޝަނާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ މިހާތަނަށް ފުލުހުންގެ ތެރޭގައި ކުރެވިފައި ނުވާ ފަދަ ހަރުދަނާ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ފުލުހުންނަށް ހުށަހަޅާ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގައި ހިނގާ ބޮޑެތި ކަންކަމުގައި ވެސް ކޮމިޝަނަރު މަސައްކަތް ކުރައްވަނީ ވަކި ކޮޅަކަށް ނުޖެހި ގާނޫނީ އިމުގެ ތެރޭގަ އެވެ. އަދި މަސްލަހަތަށް ބައްލަވައި އިސްކުރައްވަނީ ޕްރޮފެޝަނަލިޒަމް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"މި ވިސްނުމުން ބަލާއިރު، ކޮމިޝަނަރެއްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ކަންކަން އަވަސްކޮށް، ތަރުތީބުން ފުރިހަމައަށް ކުރަމުން ގެންދަވާ ކަން އަޅުގަނޑު ފާހަގަކުރަން. ކޮމިޝަނަރާ މެދުގައި އަޅުގަނޑަށް ފުރިހަމަ އަށް އިތުބާރު އެބައޮތް،" އިމްރާން ވިދާޅުވި އެވެ.

އެމްޑީއެންގެ މައްސަލައިގެ ތަހުގީގަށް ބައެއް މީހުން ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ތަހުގީގަށް ހާޒިރުކުރަން ދަތިތަކެއް ކުރިމަތިވެފައި ވަނީ ރާއްޖޭގައި ނޫޅޭތީ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.