Roadha Mihaaru
އިދިކޮޅު ކެމްޕޭން ޑްރަގާ ގުޅުވައި އިމްރާންގެ ތުހުމަތެއް

އިދިކޮޅު ކެމްޕޭން ޑްރަގްސްއާ ގުޅުވައި އިމްރާންގެ ތުހުމަތެއް!

28 ޑިސެމްބަރ 2021

އަވަށްޓެރި ގައުމުތަކުގެ އެހީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއެރުން ހޯދަމުން އަންނަ ކަމަށާއި މިކަން ހުއްޓުވުމަށް އެކި ޝިއާރުތަކުގައި މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ތުހުމަތުތަކެއް މިއަދު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަވަށްޓެރި ގައުމުތަކުގެ އެހީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއެރުން ހޯދަމުން އަންނަ ކަމަށާއި މިކަން ހުއްޓުވުމަށް އެކި ޝިއާރުތަކުގައި މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ތުހުމަތުތަކެއް މިއަދު ކުރައްވައިފި އެވެ.

މި ތުހުމަތު އިމްރާން ކުރެއްވީ އެކި އޮޕަރޭޝަންސްތަކުގައި ފުލުހުން އަތުލައިގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް ފަހު ކުރެއްވި ޓުވީޓެއްގަ އެވެ.

ތަފާތު އެކި މައްސަލަތަކުގައި މި ފަހުން އަތުލައިގަތް 314 ކިލޯގެ މަސްތުވާތަކެއްޗާ އެކު މި ސަރުކާރުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވެ އެވެ.

ދޫނިދޫގައި ބޭއްވި ރަސްމިއްޔާތަށް ފަހު އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދު ނައްތާލެވުނު 314 ކިލޯއާ އެކު މި ސަރުކާރުން 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތީގެ އަދަދު މަދުކުރެވިފައިވާ ކަމަށާއި އެކަން ވެފައި ވަނީ އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގެ އެހީތެރިކަން ބޮޑަށް ލިބޭތީ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވަން އެކި މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ފާޑުވިދާޅުވި އެވެ.

"ގައުމަށް ދިމާވެފައިވާ މި ފަދަ ބޮޑު ވަބާއެއް ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބަލައިގަނެވިގެންވާނެ ކަމެއް ވެސް ނޫން،" އިމްރާން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިދިޔަ މަހު ސަލާމަތްވުމާއެކު، އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައްވައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ.

އެ މަނިކުފާނު ނިސްބްތަވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ ރާއްޖެއިން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެހެންވެ، ދިވެހި ފަސްގަނޑު ހިމާޔަތްކުރުމަށް އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ނަމަވެސް އެ ކެމްޕެއިނަށް ރައްދު ދެމުން ސަރުކާރުން ބުނެފައިވަނީ، އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވަމުން ދަނީ، ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލަމުންދާތީ އެކަމާ މެދު ހިތްހަމަނުޖެހިގެންނެވެ.

ރާއްޖެ އެތެރެކުރަނިކޮށް މި ފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ، ބޭރުގެ ފަރާތްތަކުން ދިން މައުލޫމާތާއި ރާއްޖެ ސަރަހައްދުގައި ހުރި ރާޑަރު ސިސްޓަމްގެ އެހީގަ އެވެ.