15 ޑިސެމްބަރ 2022
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރު، 44 ގައިދީންނާ އެކު މާފުށީ ޖަލުގައި އިއްޔެ ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރު، 44 ގައިދީންނާ އެކު މާފުށީ ޖަލުގައި އިއްޔެ ފަށައިފި އެވެ.
ކަރެކްޝަންސް އިން ބުނީ އެ ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމުގެ ގޮތުން އިއްޔެ މާފުށީ ޖަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ޕްރޮގްރާމްގެ މަގުސަދަކީ ކަރެކްޝަންސް އިން ބުނިގޮތުގައި މަސްތުގެ ވަބާގައި ޖެހި، ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ރިހިބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އެ މީހުން މުޖުތަމައަށް އަނބުރާ ނެރުމެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި، ގައިދީން ޑިޓޮކްސިފައިކޮށް، ޑްރަގްގެ ފަރުވާ ދިނުމާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ވަޒީފާގެ ހުނަރުތައް ވެސް އެ ޕްރޮގްރާމްގައި ދަސްކޮށްދޭނެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕްރިޒަން ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު އަދި ކަރެކްޝަންސްގެ ބައެއް އިސްވެރިން. -- ފޮޓޯ: ކަރެކްޝަންސް
ކަރެކްޝަނަލް ސާވިސް އާއި ހެލްތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަދި ބައެއް ޖަމިއްޔާތައް ގުޅިގެން މާފުށީ ޖަލުގައި ހިންގި ހަ މަސް ދުވަހުގެ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 40 ގައިދީން ބައިވެރިވި އެވެ. އެއީ ހަމައެކަނި މަސްތުވާތަކެތި ބުއިމުގެ ރިކޯޑް އޮތް ގައިދީންނެވެ. މިދިޔަ އޮގަސްޓް މަހު ނިމުނު އެ ޕްރޮގްރާމް ފުރިހަމަކުރީ 32 މީހެކެވެ.
ދެވަނަ ބުރުގައި ބައިވެރިކުރި 44 ގައިދީންނަކީ މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ މީހުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ތަޖުރިބާ އަށް އަލިއަޅުއްވާލައްވައި، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ޕްރޮގްރާމް ފުރިހަމަކުރި މީހުން މިދިޔަ ސެޕްޓެމްބަރު މަހު މުޖުތަމައަށް އަނބުރާ ނެރެފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ކުރި ތަފާތު ތަޖުރިބާތަކަށް ބިނާކޮށް، ގައިދީން ތިބޭ ޔުނިޓަށާއި ޕްރޮގްރާމަށާއި އޮފިސަރުންގެ ތަމްރީނަށް ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށެވެ.
"މި ބެޗުގެ ކަންތައްތައް ކަރެކްޝަންސްގެ އޮފިސަރުންނަށް މިހާރު ލިބިފައިވާ ތަޖުރިބާއާއެކު ކުރިއަށް ވުރެއް ރަނގަޅަށް ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރަން. މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް އާ ބެޗަށް ހިތްވަރު ހޯދައިދިނުމުގެ ގޮތުން އެހީތެރިކަން ދެއްވާނެ ކަމަށް ވެސް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ހިންގާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބުރުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ -- ފޮޓޯ: ކަރެކްޝަންސް
އެ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ވަރު ބެލުމަށް އެސެސްމެންޓެއް ހެދުމަށް ފަހު 21 ދުވަހުގެ މުއްދަތަށް ޑިޓޮކްސިފިކޭޝަން ފުރަތަމަ މަރުހަލާގައި ކުރިއަށް ގެންދެ އެވެ. ދެވަނަ މަރުހަލާގައި އޮންނާނީ ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމްގެ ބައިވެރިންނަށް ސައިކޯސޯޝިއަލް ސަޕޯޓް ދިނުމާއި ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް ނުވަތަ ސްކިލް ޓްރެއިނިންތައް ދިނުމާއި އަދި ދީނީ ކަންކަމަށް ހޭލުންތެރި ކުރުމެވެ.
ޕްރޮގްރާމްގެ ބައިވެރިން މުޖުތަމައަށް ނެރުމުގައި ހުރި ރިސްކުތަށް ދެނެގަތުމަށް ރިސްކް އެސެސްމެންޓްތައް ހަދައި، ވަޒީފާގެ ފުރުސަތު ހޯދައިދީ، ޕެރޯލްގެ ދަށުން މުޖުތަމައަށް ނެރެނީ ތިންވަނަ މަރުހަލާގަ އެވެ. ފަހު މަރުހަލާގައި އެ ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ނެރޭ ބައިވެރިން ދެ އަހަރުގެ މުއްދަތަކަށް މޮނިޓާ ކުރެ އެވެ.
ޑްރަގާ ދެކޮޅު ހަނގުރާމަ ކާމިޔާބުކުރާނަން: އިމްރާން
ގައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޑްރަގް ރިހެބިލިޓޭޝަން ނިންމި ގައިދީން މުޖުތަމައަށް
ގައިދީންގެ ފުރަތަމަ ރިހެބް ޕްރޮގްރާމް ނިންމާލައިފި
އިމްރާނާއި ސީޕީ އަހުމަދު ގައިދީންނާ އެކު ރޯދަވީއްލައިފި
މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިއުކޮށްފި
އިމްރާން ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރައްވައިފި
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!