Roadha Mihaaru
ގައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި

ގައިދީންނަށް ހާއްސަކޮށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް

27 ފެބުރުއަރީ 2022

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ ގައިދީންނަށް ފަރުވާ ދިނުމަށް ކ. މާފުށި ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ. މިއީ ޖަލުގައި މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

އިފްރާޒް އަލީ ކ. މާފުށިން އިފްރާޒް އަލީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ ގައިދީންނަށް ފަރުވާ ދިނުމަށް ކ. މާފުށި ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ. މިއީ ޖަލުގައި މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މާފުށީ ޖަލުގައި މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ޕްރޮގްރާމް ހިންގަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގުޅިގެންނެވެ.

މާފުށީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު.-- ފޮޓޯ: ހޯމް މިނިސްޓްރީ

މި ޕްރޮގްރާމްގެ މަގުސަދަކީ މަސްތުގެ ވަބާގައި ޖެހި، ޖަލު ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ރިހިބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އެ މީހުން މުޖުތަމައަށް އަނބުރާ ނެރުމެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި، ގައިދީން ޑިޓޮކްސިފައިކޮށް، ޑްރަގް ޓްރީޓްމަންޓް ދިނުމާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ވަޒީފާގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގައި ދަސްކޮށްދޭނެ އެވެ.

ޖުމްލަ 40 ބައިވެރިންނާ އެކު މިއަދު ފެށި މި ޕްރޮގްރާމް ހިންގަނީ ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ.

އެ މަރުހަލާތަކަކީ؛

1. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރު ބެލުމަށް އެސަސްމެންޓެއް ހެދުމަށް ފަހު 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑިޓޮކްސިފިކޭޝަން މަރުހަލާ.

2. ރިހިބިލިޓޭޝަން މަރުހަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމްގެ ބައިވެރިންނަށް ސައިކޯސޯޝިއަލް ސަޕޯޓްދިނުމާއި ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް ނުވަތަ ސްކިލް ޓްރެއިނިންތައް ދިނުމާއި އަދި ދީނީ ކަންކަމަށް ހޭލުންތެރިކުރުވުން.

3. ޕްރޮގްރާމްގެ ބައިވެރިން މުޖުތަމައު އަށް ނެރުމުގައި ހުރި ރިސްކުތަށް ދެނެގަތުމަށް ރިސްކް އެސަސްމެންޓްތައް ހަދައި، ވަޒީފާގެ ފުރުސަތު ހޯދައިދީ، ޕެރޯލްގެ ދަށުން މުޖުތަމައު އަށް ނެރުން.

4. ފަހު މަރުހަލާގައި އެ ޕްރޮގްރާމްގެ ދަށުން މުޖުތަމައު އަށް ނެރޭ ބައިވެރިން ދެ އަހަރުގެ މުއްދަތަކަށް މޮނިޓާކުރާނެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ގައިދީންނަށް ހާއްސަކޮށްގެން ފެށި ޑްރަގް ރިހެބް ޕްރޮގްރާމަކީ މުހިންމު މަސައްކަތަކަށް ވާނެ ކަމަށެވެ. ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައިން އަރައިގަނެވޭނީ ސަރުކާރާ އެކު އަމިއްލަ ފަރާތްތަކުގެ ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށް ވެސް ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މަސްތުވާތަކެތީ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ރާއްޖެއިން ބޭރުން ކަމާ ގުޅޭ ފަންނީ މީހުން ހޯދަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މި އަހަރުގެ ދެ ވަނަ ކުއާޓާގައި އެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މާފުށީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ

މާފުށީ ޖަލުގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ

"އެހާތަނަށް އަޅުގަނޑުމެންނަށް މިކަމަށް [ޑްރަގް ރިހެބް ފުރާދިނުމަށް] ހާއްސަ މީހުން ޖަލުގެ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިކުރެވޭނެ އަދި ހާއްސަކޮށް އަޅުގަނޑުމެންގެ ޑްރަގް ޑިޓޮކްސިފިކޭޝަން ޕްރޮގްރާމަށް ވަރަށް ފުރިހަމަ ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދުކުރަން،" ނަސީމް ވިދާޅުވި އެވެ.

ޖަލުގައި ފުރަތަމަ ފަހަރަށް ޑްރަގް ރިހެބް ޕްރޮގްރާމެއް ފެށިއިރު، ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މީގެ އިތުރު ޕްރޮގްރާމްތައް ވެސް ޖަލުގައި ހިންގުމަށް ރޭވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ޑީރެޑިކަލައިޒޭޝަން ޕްރޮގްރާމަކާއި ޖިންސީ އަނިޔާކުރާ މީހުންނާއި ކުޑަކުދިންނަށް ހާއްސަ ޕްރޮގްރާމެއްގެ އިތުރުން ކުދި ކުށްތަކުގައި ޖަލަށް ގެންދާ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ވެސް ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ ކަރެކްޝަންސް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އެއީ ރިހެބް ފަރުވާ އަށް ފަހު ޖަލުން ނިކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ހެދި އެއްބަސްވުމެކެވެ. މީގެ ކުރިން ކަރެކްޝަންސް އިން ވަނީ ސްޓެލްކޯއާ އެކު ވެސް އެފަދަ އެއްބަސްވުމެއް ހަދައިފަ އެވެ.