Roadha Mihaaru
13 މިލިއަންގެ ޑްރަގް އަތުލައި 34 މީހަކު ހައްޔަރު

ހާއްސަ އޮޕަރޭޝަންގައި 13 މިލިއަން ރުފިޔާގެ ޑްރަގް އަތުލައި 39 ސަފާރީއެއް ފާސްކޮށް 34 ދިވެއްސަކު ހައްޔަރުކޮށްފި

20 ޑިސެމްބަރ 2023

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން މި ސަރުކާރުން އެކުލަވާލި ހާއްސަ ޓާސްކްފޯހުގެ މަސައްކަތުން މިހާތަނަށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެ 34 ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން މި ސަރުކާރުން އެކުލަވާލި ހާއްސަ ޓާސްކްފޯހުގެ މަސައްކަތުން މިހާތަނަށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެ 34 ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި 39 ސަފާރީއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެއީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި ހުންނަ ސަފާރީތަކާއި ކ. މާފުށީ ކައިރީގައި އަޅާފައި ހުންނަ ސަފާރީތައް ކަމަށެވެ.

ގަވައިދާ ހިލާފަށް އޮޕަރޭޓްކުރާ ކަމަށް ފާހަގަކުރެވުނު ސަފާރީތަކުގައި ހުރި ރަލާއި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން އަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އޭގެތެރޭގައި ކަސްޓަމްސް އާއި ޕޯޓްގެ ތެރޭގައި ހިންގި ހަތަރު އޮޕަރޭޝަނެއް ހިމެނޭ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި ފަސް އުޅަނދެއް ވަނީ ޓޯކޮށްފަ އެވެ. ޝާކިރު ވިދާޅުވީ އެއީ މަސްތުވާތަކެތި އެތެރޭގައި ބަހައްޓައިގެން އޭގެ ވިޔަފާރި ކުރަމުންދިޔަ އުޅަނދުތަކެއް ކަމަށެވެ. އޮޕަރޭޝަންތަކުގައި 907 މީހަކު ބަލައި ފާސްކޮށްފައިވެ އެވެ.

އޭގެ ތެރެއިން 34 ދިވެއްސަކު ހައްޔަރުކުރި އިރު މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި 30 ބިދޭސީއަކު ޑީޕޯޓްކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އޮޕަރޭޝަންތަކުގައި 1،063 ބަނގުރާ ފުޅި އާއި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. މީގެ އަގު 13 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް އެކުލަވައިލި ހާއްސަ ޓާސްކްފޯހުގައި ހިމެނެނީ ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަންސްގެ އިސް ވެރިންނެވެ.

ޝާކިރު ވިދާޅުވީ ތަންފީޒީ އިދާރާތައް ހިމެނޭ ޓާސްކްފޯހުގެ ކޮންސެޕްޓްގެ ތެރެއިން މަސައްކަތް ތަރުތީބުވެގެންދާއިރު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ފަސޭހަވެ ނަތީޖާ ނެރެން ފަސޭހަވެގެންދާނެ ކަަމަށެވެ. މަސްތުވާތަކެތީގެ މައްސަަލަ މި ސަރުކާރު ބަލަނީ ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.