Roadha Mihaaru
ސަފާރީތަކުން ރަށްރަށަށް ނުފައިބަން އެދެފި

ސަފާރީތަކުން ޓޫރިސްޓުންނާއި ފަޅުވެރިން ރަށްރަށަށް ނުފައިބަން އެދެފި

14 އޯގަސްޓް 2020

ސަފާރީ ބޯޓުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނާއި ފަޅުވެރިން، މީހުން އުޅޭ ރަށްރަށަށް ނުފޭބުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އެދެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަފާރީ ބޯޓުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނާއި ފަޅުވެރިން، މީހުން އުޅޭ ރަށްރަށަށް ނުފޭބުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އެދެފި އެވެ.

އެ އެސޯސިއޭޝަނުން ބުނީ ކޮވިޑް-19 ފެތުރޭތީ އެ ބަލިން ރައްކާތެރިވުމަށް ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ސަފާރީތަކުން އަމަލު ނުކުރާ ކަމުގެ މައުލޫމާތު އެކި ރަށްރަށުން ލިބެމުން އަންނަ ކަމަށެވެ. އެހެންވެ އެ އެސޯސިއޭޝަނާއި އެޗްޕީއޭގެ އެންގުމާ ހިލާފަށް ސަފާރީ ބޯތުތަކުން މީހުން ރަށްރަށަށް ނުފޭބުމަށް އިލްތިމާސް ކުރާ ކަމަށް ބޯޓިން އެސޯސިއޭޝަނުން ބުންޏެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމަކަށް އައިސްފައި އޮތުމަށް ފަހު އަލުން ހުޅުވާލައިފައިވަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް ވެފައި ކަމާބެހޭ ފަރާތްތަކުގެ އެންގުމާ ހިލާފުވުމުން މުޅި އިންޑަސްޓްރީ ބަދުނާމުވާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެހެންކަމުން ހުރިހާ ފަރާތެއްގެ އެއްބާރުލުމާއެކު މިކަންކަން ހައްލު ކުރުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15ގަ އެވެ. ޓޫރިޒަމް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ރާއްޖެ އަށް އަންނަ ސަފާރީތަކުން އެއްވެސް ޓޫރިސްޓަކު ހުއްދަ ނެތި، މީހުން އުޅޭ ރަށަކަށް ފައިބެގެން ނުވާނެ އެވެ. ނަމަވެސް ބައެއް ރަށްތަކާ ކައިރިކުރާ ސަފާރީތަކުން ޓޫރިސްޓުން ފައިބައިގެން ރަށުތެރޭގައި އުޅޭ ކަމުގެ ޝަކުވާތައް އެކި ރަށްތަކުން ދަނީ ކުރަމުންނެވެ.

ބޯޓިން އެސޯސިއޭޝަނުން ވަނީ ސަފާރީތަކުން ފުރާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ބޭނުންވާ ޕީސީއާރު ޓެސްޓް އެޗްޕީއޭ އިން އަންގާފައިވާ ޕްރޮޓޮކޯލްގެ ތެރެއިން ސަރަހައްދީ މަރުކަޒުތައް މެދުވެރިކޮށް ހެދޭނެ ގޮތް ވެސް މަގުފަހިކޮށްދީފަ އެވެ. އަދި ހުޅުމާލޭ ޖެޓީ ސަރަހައްދުގައި ސާމްމްޕަލް ނެގޭނެ ހިދުމަތް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.