Roadha Mihaaru
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ވޯޑަށް ބަދަލުކޮށްފި

މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ވޯޑަށް ބަދަލުކޮށްފި

10 އޯގަސްޓް 2020

ލ. ގަމުން މަސްފެންގަނޑަކަށް ވެއްޓި ހާލު ދެރަވި ތުއްތު ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ވޯޑަކަށް ބަދަލުކޮށްފި ކަމަށް މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. ގަމުން މަސްފެންގަނޑަކަށް ވެއްޓި ހާލު ދެރަވި ތުއްތު ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، ވޯޑަކަށް ބަދަލުކޮށްފި ކަމަށް މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ދޮޅު އަހަރުގެ އެ ކުއްޖާ މަސްފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވުމުން، އިތުރު ފަރުވާ ދޭން އޭގެ އަނެއް ދުވަހު މާލެ ގެނަ އެވެ. މާލެ ގެނައި އިރު ވެސް އެ ކުއްޖާ ހެއެއް ނާރަ އެވެ. އައިޖީއެމްއެޗް އިން އޭރު ބުނީ އެ ކުއްޖާއަށް ފަރުވާ ދެން ފެށީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ހައްވާ އަފީފާ މިއަދު ވިދާޅުވީ، އެ ކުއްޖާއަށް މިހާރު ފަރުވާ ދެނީ ވެންޓިލޭޓަރުގައި ނޫން ކަމަށެވެ. އެކަމަކު އެކަމާ ބެހޭ އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓުނު މަސް ފެންގަނޑަކީ ބޭނުން ނުކުރާ މަސްފެންގަނޑެކެވެ. އަދި އެ މަސް ފެންގަނޑު މި ދޭތެރެއިން ފުރުނީ ބޯކޮށް ވާރޭ ވެހުމުން ކަމަށާއި އޭގެ ފަހުން އެ ސާފުކުރި ކަމަށް ވެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ދެ އަހަރުގެ ކުއްޖަކު ލ. ގަމުގެ މަސް ފެންގަނޑަކަށް ވެއްޓި، ހާލު ސީރިއަސްވި އެވެ. އެ ކުއްޖާއަށް އިތުރު ފަރުވާ ދޭން މާލެ ގެނައުމަށް ފަހު އިންޑިއާއަށް ގެންދިޔަ އެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ބޭއްވުމަށް ފަހު ކުއްޖާގެ ހާލު ރަނގަޅުވާން ފެށުމުން ގެއަށް ދޫކުރީ މި އަހަރު ކުރީކޮޅު އެވެ.