07 އޮކްޓޯބަރ 2024
ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޑރ. އާމިނަތު ފަޒްނާ މަސައްކަތް ކުރެއްވި ތިން އަހަރާ ބައިގެ ތެރޭގައި އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ފެނުނީ އޯޓިޒަމުން ފެށިގެން އޭޑީއެޗްޑީ އާއި ވާހަކަ ދެއްކުމުގައި ހުރި ލަސްތަކާއި ސިންޑްރޮމްތައް ގިނަވަމުން ދިއުމެވެ.
ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ޑރ. އާމިނަތު ފަޒްނާ މަސައްކަތް ކުރެއްވި ތިން އަހަރާ ބައިގެ ތެރޭގައި އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ފެނުނީ އޯޓިޒަމުން ފެށިގެން އޭޑީއެޗްޑީ އާއި ވާހަކަ ދެއްކުމުގައި ހުރި ލަސްތަކާއި ސިންޑްރޮމްތައް ގިނަވަމުން ދިއުމެވެ.
ސްޕެޝަލިޓީ ނިންމުމަށް ފަހު 2018 ވަނަ އަހަރު އަލުން އައިޖީއެމްއެޗާ ގުޅިވަޑައިގަތް އިރު ވެސް، ކުޑަކުދިންގެ ހެދިބޮޑުވުމުގައި ހުރި މި ފަދަ މައްސަލަތައް ފަސޭހައިން އަދި އެކަށީގެންވާ ގޮތެއްގައި ދެނެގަނެވޭނެ ގޮތެއް ނެތެވެ. އޭގެ ނަތީޖާއަކީ މުޅި އުމުރަށް އޭގެ ހިތާމަތައް އެތައް އާއިލާއަކުން އުފުލަމުން ދިއުން ކަން އޭނާއަށް އިހްސާސްކުރެއްވެ އެވެ.
އެހެންވެ، ކެބަންސާން ޔުނިވާސިޓީން ހޯއްދެވި ފުރުސަތެއްގައި 2021 ވަނަ އަހަރު ފަޒްނާ މެލޭޝިޔާއަށް ވަޑައިގަތީ ވަރަށް ބޮޑު ހުވަފަނެއް ހަގީގަތަކަށް ހަދާށެވެ. އެ ފުރުސަތުގައި އޭނާ ކިޔަވާ ވިދާޅުވީ ރާއްޖެއަށް ކޮންމެހެން ބޭނުންވެފައި އޮތް ދާއިރާއަކުންނެވެ.
ފުރަތަމަ ދެ އަހަރު މެލޭޝިޔާ އަދި ފަހު އަހަރު އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީން ތަމްރީނު ފުރިހަމަކޮށް، މިދިޔަ ހަފުތާގައި އައިޖީއެމްއެޗާ ގުޅިވަޑައިގަތް ފަޒްނާ، 45 އަކީ ކުޑަކުދިންގެ ހެދިބޮޑުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، ފަރުވާ ދެއްވާނެ ފުރަތަމަ ދިވެހި ޑޮކްޓަރެވެ.
"މީގައި ވަރަށް ކުރެވިދާނެ ކަންތައްތައް ހުންނާތީއާ، އޯޓިޒަމް ކުދިންނާ، އޭޑީއެޗްޑީ އަދި ސްޕީޗު ޑިލޭގެ ކޭސަސްތައް ވަރަށް އިތުރުވަމުންދާ ކަން ފާހަގަކުރެވޭ،" ދެ ކުދިންގެ މަންމަ ވިދާޅުވި އެވެ.
ސިންޑްރޮމްއާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުވަން އެމެރިކާގައި ބޭއްވި ސެޝަންއެއްގައި ޑރ. ފަޒްނާ (ކ-2)، އަދި އޭނާއާއެކު ކިޔެވި ބައެއް ޑޮކްޓަރުން ބައިވެރިވަނީ.
އެ ޑިސްއޯޑާތައް ގިނަވިއަސް، ފަޒްނާ ވިދާޅުވީ ރާއްޖޭގައި ހާލަތު ބަލަން އަދި ދިރާސާއެއް ނުހެދޭ ކަމަށެވެ. އެކަމަކު އޭނާއަށް ޔަގީންކޮށް އެނގިވަޑައިގަންނަވަނީ، ދިމާވާ ނުވަތަ ވާހަކަދައްކާ ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ޑިވެލޮޕްމަންޓް ޑިސްއޯޑާ ހުންނަ ކޮންމެ ވެސް ކުއްޖަކު ހުންނަ ކަމެވެ.
އޯޓިޒަމް، އޭޑީއެޗްޑީ، ފައިންމޯޓޯ، ގްރޮސްމޯޓޯ، ވާހަކަދެއްކުމުގައި ލަސްތަކެއް ހުރުން، ކިޔަވަން އުނދަގޫވުން ފަދަ ހުރިހާ ކަމަކީ ކުޑަކުދިން ހެދިބޮޑުވުމާ ގުޅުން ހުރި މައްސަލަތަކެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެންމެ ގިނަ ކަމަށް ފާހަގަކުރެވިފައިވަނީ ވާހަކަދެއްކުން ލަސްވުމުގެ މައްސަލަ ދިމާވާ ކުދިންނެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އޯޓިޒަމް އަދި މައިންބަފައިންނާ ކުއްޖާއާ އިންޓަރެކްޓުވާ ވަރު މަދުވުމާއި ސްކްރީންގައި ހޭދަކުރާ ވަގުތު އިތުރުވުން ހިމެނެ އެވެ.
ތަފާތު އެކި މައްސަލަތަކާ ހެދި ވާހަކަދެއްކުމުގައި ލަސްތަކެއް އުޅުން ނުވަތަ އުނދަގޫވުމަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ހަދާފައި ހުރި ދިރާސާތަކުން ފެންނަން ހުރި ކަންކަމެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް އެސެސްމަންޓުތައް ހެދުން ވަރަށް މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރޫޓިންކޮށް މި ކަހަލަ މައްސަލަތައް ދެނަގަނެވިއްޖެއްޔާ މިއީ ހަމަ މުޅި ކުއްޖާގެ ޕާފޯމަންސް އަށް ރަނގަޅު އަސަރުކުރާނެ ކަމެއް." މެޑިސިންގެ ދާއިރާގައި 20 އަހަރު ހޭދަކުރައްވާފައިވާ ފަޒްނާ ވިދާޅުވި އެވެ.
ކެލިފޯނިއާ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޔުނިވާސިޓީގެ ނިއުރޯ ޑިވެލޮޕްމަންޓް ޑިސްއޯޑާގެ ފައިނަލް އިޔާ މެންޓާ ޕްރޮފެސާ ރަންޑި ޖެންސެން، ޑރ. ފަޒްނާއަށް ސެޓްފިކެޓު ހަވާލުކުރައްވަނީ.
ވާހަކަދެއްކުމުގައި ލަސްތަކެއް އުޅުމުގެ އިތުރުން އޯޓިޒަމްއަކީ ވެސް ރާއްޖޭގައި ގިނަ ކުދިން ތަހައްމަލުކުރާ ކަމެކެވެ.
ފަޒްނާ ވިދާޅުވީ ކޮންޑިޝަނަލް ޑިސްއޯޑާއެއްގެ ގޮތުގައި ބަލާ އޯޓިޒަމްއާ ހެދި ސޯޝަލް ކޮމިއުނިކޭޝަންގައި އުނދަގޫ ހުރުމާއި ވާހަކަދެއްކުމުގެ ލަސްކަމާއި މީހުންނާ އިންޓަރެކްޓްކޮށް އެއްކޮށް އުޅުން އަދި އުޅުމުގައި އެހެން ކަންތައްތައް ހުންނާނެ އެވެ.
ކުޑަކުދިންނަށް އެހެން ދިމާވަނީ ޖަހާ އެކި ވެކްސިންތަކުގެ ސަބަބުން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އެންޓި ކެމްޕެއިންކުރާ މީހުން މަދެއް ނޫނެވެ. އެތައް ބައިވަރު ދިރާސާއެއް ހަދައިފި އެވެ. އެކަމަކު، ފެނުނީ އެއް ނަތީޖާއެކެވެ.
"މިލިއަނުން މީހުން ބޭނުންކޮށްގެން ހަދާފައި ހުރި ސްޓަޑީތަކުން ވެސް، އެއްވެސް ސްޓަޑީއަކުން ވެސް ނުދައްކާ އޯޓިޒަމްއާ އެއްވެސް ކަހަލަ ވެކްސިންއަކާ ގުޅުންހުރި ކަމަކަށް. ހަމަ މި ގޮތަށް ހަދާފައި ހުންނަ ސްޓަޑީސްތަކުން އެބަ ދައްކާ ވަރަށް ބޮޑަށް މީހާގެ ޖެނެޓިކް ފެކްޓާސްތަކާ، މީހާގެ ޖީންއާ ގުޅުންހުރި ކަމެއް ކަމަށް...މިއީ ބައިވަރު ސަބަބުތައް މެދުވެރިވެގެން ދިމާވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ފަޒްނާ ވިދާޅުވީ ޖީންގެ އިތުރުން ދެމަފިރިންގެ އުމުރުން 40 އަހަރަށް ވުރެ ދުވަސްވާ ފަހުން ލިބޭ ދަރިންގެ އޯޓިޒަމް ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އޭގެ މާނައަކީ ކޮންމެ 40 އަހަރުން މަތީގެ މީހަކަށް ލިބޭ ދަރިއަކު އޯޓިޒަމްއެކޭ ނޫން. ރިސްކް ބޮޑީ،" އޭނާ ވިދާޅުވި އެވެ.
އެއާއެކު، މަންމަގެ ބަރުދަން ހުންނަންވާ ވަރަށް ވުރެ މަތިވުމާއި ބަލިވެ އިންނައިރު ބޭނުންކުރާ ބައެއް ބޭސްތަކާއި މާބަނޑުއިރު ދިމާވާ އިންފެކްޝަނަކީ ވެސް ސަބަބުތައް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވިދާޅުވި އެވެ.
ޑރ. ފަޒްނާ، "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މި ހުރިހާ ކަމަކަށް ވުރެ މީހާގެ ޖީން މީގެ ބޮޑު ބައި ކުޅޭ ކަމަށް ވަނީ،" ފަޒްނާ ވިދާޅުވި އެވެ.
އޯޓިޒަމްގައި ޖީން ރޯލެއް ކުޅޭތީ އޭގެ މާނައަކީ އެއީ އުފެދުމުގައި ހުންނަ ކަމެއް ކަމެވެ. އެހެންވެ، ފަޒްނާ ވިދާޅުވި ގޮތުގައި އޭގައި އެންމެ ފައިދާ ބޮޑީ ކުރިއާލާ ދެނެގަނެ، ބޭނުންވާ ތެރަޕީތައް ދިނުން ކަމަށެވެ. ތެރަޕީތައް އެންމެ ބޮޑަށް އަސަރު ކުރަނީ ޅައުމުރުގައި ފެއްޓުމުންނެވެ. ނުވަތަ 2-3 އަހަރާ ދެމެދުގައި ފަށައިގެންނެވެ.
އަވަަހަށް ދެނެގަނެވި، ރަނގަޅަށް ތެރަޕީތައް ދޭން ފަށައިފިނަމަ އެ ކުދިން ބޮޑުވަމުން އަންނައިރު އޯޓިޒަމްގެ އަލާމާތްތައް އެއްވެސް ގޮތަކަށް ނުފެނި، ބަލި ޑައިގްނޯސް ކުރަން އުޅޭއިރު ވެސް އެއްވެސް ކެޓަގަރީއަކަށް ނުފެތި ވެސް ދެ އެވެ.
"އެކަމަކު މިހެން ވާނީ ވީހާ ވެސް އަވަހަކަށް އައިޑެންޓިފައި ވެގެން،" އޭނާ ވިދާޅުވި އެވެ.
ސެޓްފިކެޓު ދިނުމަށް މެލޭޝިޔާ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ފަޒްނާ އަދި އެ ޔުނިވާސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.
އޯޓިޒަމަށް ޝައްކުކުރެވޭނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފަޒްނާ ވިދާޅުވި ގޮތުގައި އޯޓިޒަމްގެ ރިސްކް ބޮޑު ކުދިން ބެލުމެވެ. އޭގައި، އެއްބަނޑު އެއްބަފާ ކުއްޖަކު އޯޓިސްޓިކް ނަމަ، ދެން ހުރި ކުއްޖަކަށް އެގޮތަށް ދިމާވުމުގެ 20 ޕަސެންޓް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ގޮވާލީމަ މޫނަށް ބަލައިލުމާއި ހީލުމާއި ވާހަކަދައްކަން ފަށާ އުމުރުގައި އެހެން ކުދިންނާ ވާހަކަދައްކަން ފެއްޓުން ފަދަ ކަންކަން ލަސްވާ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދައްކަން އޭނާ އެދިވަޑައިގަތެވެ.
"އެއްބައި މީހުންނަށް މި ކަންތައްތައް އަދި ކުޑަކުއްޖެއް ވީމަ އަދި ރަނގަޅުވާނެ ކަމަށް ހީކޮށްގެން މަޑުކޮށްލެވޭ ފަހަރު އާދޭ. އެގޮތަށް ފަރުވާ ދީގެން އެންމެ ރަނގަޅުކުރަން ބޭނުންވާ ޕީރިއަޑް ލަސްކޮށްލެވޭ. މިސާލަކަށް ސްޕީޗު ޑިލޭ އައީމަ ވެސް އެއްބައި ފަހަރަށް މީހުންނަށް ގަބޫލުކުރެވޭ ގޮތަކީ ފަހުން ވާހަކަދައްކާނެއޭ. އެކަމަކު، ވާހަކަ ނުދެއްކޭ އެއް ސަބަބަށް ވެދާނެ އޯޓިޒަމް ވެސް. މަޑުކޮށްލައިގެން އެ ހުންނަ ދުވަސްތަކުގައި ކުއްޖާއަށް ރަނގަޅުވުމުގެ ޗާންސް ގެއްލެމުންދާ ގޮތް އެ ވަނީ،"
"އެމެރިކާ ތަންތަނުގައި ހަދާ ގޮތަކީ އެއް ކުއްޖަކު އޯޓިސްޓިކް ވެއްޖިއްޔާ، އެ މަންމަ ދެން ވިހާ ކުއްޖާގެ އުމުރުން އެއް އަހަރު ވުމާއެކު އޯޓިޒަމަށް ޓެސްޓުކުރާނެ އިތުރު ފީޗާސްތަކެއް ނުފެނުނަސް. ފަހަރެއްގައި ޓެސްޓު ހަދާއިރު ވެދާނެ އޯޓިސްޓިކް ކުއްޖަކަށް،" ގދ. ގައްދުއަށް އުފަން ފަޒްނާ ވިދާޅުވި އެވެ.
ޑރ. ފަޒްނާ، އޭނާގެ ދެ ކުދިންނާއި މަންމައާ އެކު މެލޭޝިޔާގައި.
ލާނިން ޑިސެބިލިޓީ ހުންނަ ނަމަ، މައިންބަފައިންގެ މައިގަނޑު ޝަކުވާއަކަށް ވާނީ ކިތައްމެ ވަރަކަށް ކިޔަވައި ދިނަސް ފިލާވަޅު ނަގައިނުގަނެވުމުގެ ކަންބޮޑުވުމެވެ. ނޫނީ ގްރޭޑުތައް މަތިވަމުންދާ ވަރަކަށް ސްކޫލުގެ ނަތީޖާ ދަށްވުމާއި ކިޔަވާ ހިތްނުވުމެވެ. އޭގެ ސަބަބަކީ އޯޓިޒަމް ނުވަތަ އޭޑީއެޗްޑީއަށް ވެދާނެ އެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި ލާނިން ޑިސްއޯޑާއަކީ ވެސް ތެރަޕީތައް ބޭނުންވާ ކަމެކެވެ. އެހެން ނޫނީ ކުއްޖާ އުފުލަންޖެހޭ ތަކްލީފު ބޮޑުވެގެންދާކަން ފާހަގަކުރެއްވި އެވެ. އޭޑީއެޗްޑީގެ މައްސަލަ ބޮޑު ކުދިންނަށް ދުނިޔޭގެ އެހެން ގައުމުތަކުގައި އަންނަނީ ބޭހެއް ދެމުންނެވެ. އެކަމަކު، ރާއްޖެއަށް އެ ބޭސް އެތެރެނުކުރެވުމަކީ ފަޒްނާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
"އިންޓަވެންޝަނެއް ނުލިބި މިހެން ދިޔައީމަ ވާ ގޮތަކީ، ކުއްޖާއަށް ވަރަށް ބޮޑު މެންޓަލް ޓްރޯމާއެއް ލިބޭ ގޮތެއް ވާނީ. އިތުރަށް އެންޒައިޓީއާ ޑިޕްރެޝަނާ ބުލީން، އެ ހުރިހާ ކަމަކަށް ކުއްޖާ އެކްސްޕޯސް ވާނީ،" އޭނާ ވިދާޅުވި އެވެ.
އެ ފަދަ ޑިސްއޯޑާއެއް ހުންނަ ނަމަ، ސްކޫލަށް ދާން ފެށުމުގެ ކުރިން ވެސް އެސެސްމަންޓެއް ހެދުން މުހިއްމުކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭން މިހާރު ވެސް ސްޕެޝަލް އެޑިއުކޭޝަން ރަނގަޅަށް ލިބޭ ކަމަށެވެ. ނަމަވެސް، ލާނިން ޑިސްއެބިލިޓީ ސްކްރީނިން ހެދުމުން ކުދިންނަށް ކިޔަވައިދޭން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
"ޑިވެލޮޕްމަންޓް ޑިސްއޯޑާގައި މި އަންނަ ހުރިހާ ކޮންޑިޝަންތައް، މިސާލަކަށް އޯޓިޒަމް ވިއަސް، އޭޑީއެޗްޑީ އަދި އެހެން ޑިވެލޮޕްމަންޓް މައިލްސްޓޯންސްތައް ވެސް މި އަންނަ ޑިލޭ ވީހާ ވެސް ރަނގަޅަކަށް، އެންމެ އިފެކްޓިވް ޓްރީޓްމަންޓް ދެވޭނީ ވީހާ ވެސް ޅައުމުރުގައި ފެއްޓުނީމަ. ކުއްޖާ ބޮޑުވަމުންދާ ވަރަކަށް، އެއީ ޑިލޭވެފައި ހުރި ކުއްޖެއް ވިއްޔާ، އެ ކުއްޖާގެ ޑިލޭތައް، އެހެން ކުދިންނާ ކެޗްކުރުމުގެ ގެޕް ދާނީ ބޮޑުވަމުން،"
"މިސާލަކަށް، 6-7 އަހަރު ވެގެންދާއިރު ވެސް ރީޑިން ޑިސެބިލިޓީ ހުންނަ ކުއްޖެއްވިއްޔާ، އޭނާއަށް އަދި އޭބީސީޑީގެ އަކުރުތައް ނޭނގެންޏާ، އެ އުމުރުގެ އެހެން ކުދިންނާ ހުންނަ ގެޕް އެ ކުއްޖާ 9،10 އަށް ދާއިރު ވެސް އިންނަ ގެޕް ވަރަށް ބޮޑުވާނެ. ކުރިއާލާ ޓްރީޓްމަންޓް ފެއްޓިވަރަކަށް ކެޗްކުރަން ޖެހޭ އޭރިޔާ ކުޑަކުރެވޭނެ."
ރާއްޖޭގައި މިހާރު އޭގެ ގިނަ ޑިސްއޯޑާތަކަށް ޑައިގްނޯޒްކުރަނީ ބެލެނިވެރިން ބައިވެރިކޮށްގެން ހަދާ ކުއަޝްޝަނާއިންނެވެ. ފަޒްނާގެ ދައުރަކަށް އޮންނާނީ އެސެސްމަންޓުތައް ހެދުމަށްފަހު ކުދިން އެ ޑިސްއޯޑާތަކަށް ޑައިގްނޯޒްކުރުމެވެ.
ނަމަވެސް، ދުނިޔޭގެ އެހެން ހިސާބުތަކުގައި އޯޓިޒަމް ދެނެގަންނަން މިހާރު ހަދަނީ އޭޑީއޯއެސް-2 ގޯލްޑް ސްޓެންޑާޑް ޓެސްޓެވެ. އެއީ، ސީދާ ކުއްޖާ ބައިވެރިކޮށްގެން ހަދާ އެސެސްމަންޓެކެވެ.
ފަޒްނާ ތަމްރީނު ފުރިހަމަކުރެއްވި ކެލިފޯނިއާ ޔުނިވާސިޓީގެ ޑޭވިސް މައިންޑް އިންސްޓިޓިއުޓަކީ މި ސްޓެންޑާޑުތައް ހަދަމުން އަންނަ އަދި ނިއުރޯޑިވެލޮޕްމަންޓަލް ފަރުވާތަކުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރިއަރާފައިވާ ތަނެވެ.
ޑރ. ފަޒްނާ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ސްޓެންޑާޑް އެސެސްމަންޓެއް ހަދާ ނަމަ ކުއްޖާއަށް އަހަރެއް ވާއިރު އެ ޑިސްއޯޑާތަކަށް ޑައިގްނޯޒް ކުރެވޭނެ ކަމަށެވެ. ނަމަވެސް، ސުވާލުތައް ކޮށްގެން މިކަން ކުރާތީ، އެކަންކަން ދެނެގަނެވެނީ މާ ފަހުންނެވެ.
"ކުއަޝްޝަނާއަށް ވީމަ ވާ ގޮތަކީ، އޭގައި ދެ ފައިދާއެއް ލިބޭ. އޭގައި ވަރަށް ފަސޭހައިން ހަދާލެވޭނެ. ކުއަޝްޝަނާއަކީ އެހާ ސެންސިޓިވް އެއްޗެއް ނޫން. އޭގެ މާނައަކީ އޭގައި ހުރެއޭ ކެއާ ގިވާ ވިސްނާ ގޮތަކަށް. އެ ޕޭރެންޓަކީ އެހާ އޮބްޒާވްނުކުރާ މީހެއް ވިއްޔާ އެއްބައި ފީޗާސްތައް ފާހަގަނުކުރެވި ދާނެ. އަނެއްބައި ފަހަރު މާ ސެންސިޓިވް ޕޭރެންޓެއް ވިއްޔާ އެ ހުންނަ ފީޗާސްތައް އެކްޒަގަރޭޓް ވުމުގެ ޗާންސް އޮންނާނެ. މީގައި އެންމެ ރަނގަޅު ގޮތަކީ ކުއްޖާއާ އިންޓަރެކްޓް ވެގެން ހަދާ އެޑޮސް ހެދުން." އޭނާ ވިދާޅުވި އެވެ.
"އޭގައި އިންނާނީ އެކި ޓާސްކުތަކެއް ހެދުން....މިސާލަކަށް ޑޯލްއަކަށް ކާން ދިނުން، ޑޯލްއެއް ފެން ވެރުން އަދި ކުއްޖަކާ އެކު ބާތުޑޭ ޕާޓީއެއް ސެލެބްރޭޓްކުރަން އުޅުން. ކުރާއިރު ބިހޭވިއާ ހުންނަ ގޮތާއި ރިއެކްޓު ކުރާ ގޮތް ބަލާނެ."
ފަޒްނާ ވިދާޅުވީ ސީދާ ކުދިން ބައިވެރިކޮށްގެން އެސެސްމަންޓް ހެދުމަށް ބޭނުންވާ ތަކެތި ހޯދައި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭގެ ސަބަބުން، ގިނަ ބަޔަކަށް ފަސޭހަވެއްޖެނަމަ، ފިރިމީހާ އަދި އާއިލާގެ ބޮޑު ގުރުބާނީގެ މަސައްކަތް ފޮނިވެ، ހުވަފެންތަކުގައި ހަގީގީ ކުލަވަރު ޖެހިގެންދިޔައީ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އާލީ އިންޓަވެންޝަނެއް ލިބިގެން ކުއްޖާއަށް މިކަމުން ފައިދާވުން އެއީ ހަމަ ވަރަށް ބޮޑު ކަމެއް. ވަރަށް އުފާވާނެ އަޅުގަނޑުގެ ސަބަބުން މި ކަހަލަ ރިލީވެއް ފެމިލީއަކަށް ލިބިއްޖެއްޔާ،" ފަޒްނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
ހިޔަލައިގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ އަށް
ޑެންގީ ޖެހިގެން 9 އަހަރު ކުއްޖަކު ނިޔާވެއްޖެ
މުއްދަތުހަމަވި ވެކްސިން ޖެހި މީހުންނަށް ފިޔަވަޅު އަޅަނީ
ސަމާހަތު: މުހިއްމު ދާއިރާއެއްގެ ފުރަތަމަ ސްޕެޝަލިސްޓް
ރޯގާ ޖެހިގެން ހަ ކުއްޖަކު އައިސީޔޫގައި
މާލޭގައި އުފަންވި އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ލޮލުގެ ރެޓިނާ ސްކޭންކޮށްގެން އޯޓިޒަމް ހުރިތޯ ބަލާ މެޝިނެއް