20 ނޮވެމްބަރ 2021
ކުޑަކުދިންގެ ހެދިބޮޑުވުމުގައި މައްސަލަތަކެއް ހުއްޓަސް ޅަފަތުގައި އެކަން ދެނެގަނެ، އެންމެ ރަނގަޅު ފަރުވާ ދިނުމަކީ ރާއްޖޭގައި ފަސޭހަކަމަކަށް ނުވި އެވެ. އެހެންވެ، ބޮޑު ހަރަދެއް ކޮށްގެން ކިތަންމެ ދަތި ހާލަތުގައި އުޅެމުންދިޔަ ނަމަވެސް އިތުރު ފަރުވާ އަށް ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ. އެކަމަކު އާއިލާތަކުން އުފުލަމުންދިޔަ އެ ތަކުލީފަށް މިހާރު މި ވަނީ ނިމުމެއް އައިސްފަ އެވެ؛
ކުޑަކުދިންގެ ހެދިބޮޑުވުމުގައި މައްސަލަތަކެއް ހުއްޓަސް ޅަފަތުގައި އެކަން ދެނެގަނެ، އެންމެ ރަނގަޅު ފަރުވާ ދިނުމަކީ ރާއްޖޭގައި ފަސޭހަކަމަކަށް ނުވި އެވެ. އެހެންވެ، ބޮޑު ހަރަދެއް ކޮށްގެން ކިތަންމެ ދަތި ހާލަތުގައި އުޅެމުންދިޔަ ނަމަވެސް އިތުރު ފަރުވާ އަށް ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ. އެކަމަކު އާއިލާތަކުން އުފުލަމުންދިޔަ އެ ތަކުލީފަށް މިހާރު މި ވަނީ ނިމުމެއް އައިސްފަ އެވެ؛
ރާއްޖޭގެ އެންމެ ފުރަތަމަ ކުޑަކުދިންގެ ނިއުރޮލޮޖިސްޓު، ޑރ. ސަމާހަތާ އެކު އައިޖީއެމްއެޗުން މި ވަނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންގޮސްދީފަ އެވެ.
ކުޑަކުދިންގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ދާއިރާއަކުން ސަބް-ސްޕެޝަލައިޒު ވުމަށްފަހު އޭނާ ވަނީ މި މަހު މަސައްކަތް ފައްޓަވައިފަ އެވެ.
ސީއެޗްއެސްއީން އޭ ލެވެލް ނިންމެވުމަށް ފަހު އައިޖީއެމްއެޗްގެ ކްލިނިކަލް އެސިސްޓެންޓަކަށް ސަރުކާރުގެ މައި ހޮސްޕިޓަލާ 2000ގެ ކުރީކޮޅު ޑރ. ސަމާހަތު ގުޅިވަޑައިގަތީ ވެސް ޑޮކްޓަރަކަށް ވުމަށް ދެކެވަޑައިގެންނެވި ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެހެން ހުއްޓައި ލިބުނު ސަރުކާރުގެ ސްކޮލަޝިޕެއްގައި، ސ. ހުޅުދު އަށް އުފަން ސަމާހަތު ވަޑައިގަތީ ނޭޕާލަށެވެ.
އެ ގައުމުން މެޑިސިންގެ ފުރަތަމަ ޑިގްރީ ނިންމެވުމަށް ފަހު 2009 ވަނަ އަހަރު އައިޖީއެމްއެޗުގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓަށް ގުޅިވަޑައިގަތުމަކީ އެ ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ، ފަރުވާދިނުމަށް ޑރ. ސަމާހަތުގެ ޝައުގު އަނބުރާލި ކަމެކެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޕީޑިއެޓްރިކް ނިއުރޮލޮޖިސްޓް، ޑރ. ސަމާހަތު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އިތުރަށް ކުރިއަށް ވަޑައިގަތުމަށް، ކުޑަކުދިންގެ ބަލިތަކަށް ހާއްސަވުމަށް އޭނާ ނިންމެވި އެވެ. އެ ދާއިރާއިން ހާއްސަވެގެން މަސައްކަތް ފެއްޓެވުމުން ކުޑަކުދިންގެ ސިކުނޑި އާއި ނާރުގެ މައްސަލަތައް ގިނަކަން ޑރ. ސަމާހަތަށް ފާހަގަކުރެއްވުނެވެ. ފަރުވާ ހޯދުމަށް އާއިލާތަކުން އުޅޭ ހާލު އޭނާއަށް ވަރަށް ގާތުން ފެނިވަޑައިގަތެވެ.
"އޭރު މަސައްކަތްކުރަން އުޅުނުއިރު ވެސް ފާހަގަކުރެވޭ ނިއުރޮލޮޖިކަލް މައްސަލަތައް [ގިނަކަމަށް]. ނިއުރޮލޮޖިކަލް މައްސަލައަކީ އަނެއްހެން ބުނަންޏާމު އެއްފަހަރު އިންސަލްޓެއް ވީމަ އެ ކުއްޖާގެ މުޅި ލައިފުގައި އޭގެ ސަބަބުން އޭގެ އިފެކްޓު ފެންނަން ފަށާނެ، މުޅި އުމުރަށް އިންނާނެ. އެއަށް އެޓެންޝަން ބޭނުންވާނެ ކަމެއް،" ޑރ. ސަމާހަތު ވިދާޅުވި އެވެ.
އެހެންވެ، އެ ހާލަތު ބަދަލުކުރެއްވުމަށް އިސްނެންގެވީ ޑރ. ސަމާހަތު އެވެ.
ރާއްޖޭގައި މިހާތަނަށް ދިރާސާއެއް ހެދިފައި ނެތަސް، ކުޑަކުދިންގެ ސިކުނޑި އާއި ނާރުގެ މައްސަލަތައް ވަރަށް ގިނަ ކަމަށް ޑރ. ސަމާހަތު ވިދާޅުވި އެވެ. އޭގެ ތެރެއިން ވެސް ރާއްޖޭގައި ކުޑަކުދިންގެ މެދުގައި އެންމެ އާއްމު އެއް ބައްޔަކީ ސިކުނޑި އަށް ޖެހޭ "އެޕިލެޕްސީ" އެވެ. ފިޓު ޖެހުމަކީ އެ ބަލީގެ އަލާމާތެވެ.
އޭނާ މަސައްކަތް ފެއްޓެވިތާ އަދި މި ވީ 15 ވަރަކަށް ދުވަހުގެ ތެރޭގައި ވެސް އަލަށް ފިޓު ޖެހިގެން ދެ ތިން ކުއްޖަކަށް ފަރުވާދޭން ފަށާފައިވެ އެވެ. ދެން ގިނައީ ސިކުނޑި އާއި ނާރާ ގުޅޭ ބަލިތަކަށް މިހާތަނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުން ދިޔަ ކުދިންނެވެ.
"[ބާކީ ފަރުވާ] އަޅުގަނޑަށް [ރާއްޖޭގައި] ކުރިއަށް ގެންދެވޭނެ ކަމަށް ފެންނަނީ،" އެޕިލެޕްސީގެ ދާއިރާއިން އިތުރަށް ހާއްސަވުމުގެ އަޒުމުގައި ހުންނެވި ޑރ. ސަމާހަތު ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ޕީޑިއެޓްރިކް ނިއުރޮލޮޖިސްޓް، ޑރ. ސަމާހަތު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ: އެ ދާއިރާ އަށް އިތުރަށް ތައުލީމު ހާސިލްކުރަން ބޭނުންވާ ކަމަށް ވިދާޅުވި.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކުޑަކުއްޖަކަށް އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު ގިނަ ދުވަހަށް ދެމިގެންދެ އެވެ. އެހެންވެ، އެކަމުން ރައްކާތެރިވުމަށް ދިގު މުއްދަތަކަށް ބޭސް ކައި، ގަވައިދުން ޑޮކްޓަރަށް ދައްކަންޖެހެ އެވެ. ބޮޑެތި މީހުންނަށް ފަރުވާދޭ ނިއުރޮލޮޖިސްޓުން އެ ކުދިންނަށް ފަރުވާ ދެމުން ދިޔަ ނަމަވެސް ހާލަތު ގޯސްވެގެންދާއިރު ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ.
އެޕިލެޕްސީގައި ކުޑަކުދިންނަށް ފިޓު ޖެހެނީ ރޭގަނޑު ނިދާފައި އޮންނަ ވަގުތެވެ. ފިޓު ޖެހޭއިރު ކުރިން އާއްމުކޮށް ފެންނަގޮތަށް އަތް ތަޅުވައި، ގައި ތެޅުވުން ކަހަލަ ކަމެއް ނުފެނިދާނެ އެވެ. އެ ހާލަތުގައި ފެންނާނީ، ޑރ. ސަމާހަތު ވިދާޅުވި ގޮތުގައި އެ ކުއްޖާގެ އަނގައިން ފޮނު އަރައިި، އަޑުތަކެއް ލައްވާފައި ދެން ހޭލެވޭއިރު ކުޑަކޮށް އޮރިދަމައިގެންފައި ކަހަލަ ގޮތަކަށެވެ.
"ބައެއް ފަހަރަށް އަޑުއަޑު ލައްވާ އަޑަށް މި ގޮސްފައި ބަލާ ލެވެނީ. ބަލާލެވޭއިރު ކުއްޖާ މި އޮންނަނީ މި ކަހަލަ ގޮތަކަށް. އަލަށް މަންމައަކަށް ބައްޕައަކަށް ފެންނައިރު ގިނަ ފަހަރަށް ނުވެސް އެނގިދާނެ މިއީ ފިޓެއް ކަމެއް،" އޭނާ ވިދާޅުވި އެވެ.
ރޮލެންޑި އެޕިލެންސީ ފެށެނީ 7-12 އަހަރާ ދެމެދުގަ އެވެ. ނަމަވެސް ކުއްޖާ ފުރާވަރަށް އަރާ ހިސާބުން އެކަން އަމިއްލަ އަށް ރަނގަޅުވެގެންދެ އެވެ. އެކަމަކު މަދު ކުދިންނަށް އެޕިލެޕްސީގެ ހާލަތު ގޯސްވެ ދިގު މުއްދަތަކަށް ބޭސްކުރަން ޖެހިގެންދެ އެވެ.
އެ ފިޓު ޖެހޭ ދުވަސްވަރު އެ ކުދިންގެ އެ ދުވަސްވަރު ސްކޫލުގެ ޕާފޯމަންސް އަށް ކޮންމެ ވެސް ކަހަލަ އަސަރެއް ކޮށްފައި ހުރެދާނެ އެވެ. ނަމަވެސް ދިރާސާތަކާ ހަވާލަދެއްވައި ޑރ. ސަމާހަތު ވިދާޅުވީ ފިޓު ކޮންޓްރޯލްވުމަށް ފަހު އަސަރު ކުރި ބައި ރަނގަޅުވާނެ ކަމަށެވެ.
ޑރ. ސަމާހަތު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެޕިލެޕްސީ އޮޕަރޭޝަން ފިޔަވައި ކުޑަކުދިންގެ ނިއުރޯއާ ގުޅޭ ގާތްގަނޑަކަށް ހުރިހާ ފަރުވާއެއް އައިޖީއެމްއެޗުން އެބަ ލިބެ އެވެ. އޭގެ ތެރޭގައި ޓެސްޓުތަކާއި ސްކްރީނިންނާއި އެސެސްމަންޓު ހިމެނެ އެވެ.
ރާއްޖޭގައި ކުޑަކުދިންގެ ނިއުރޮލޮޖިކަލް މައްސަލަތަކުގައި ދެން އެންމެ ގިނައީ ސެރެބްރަލް ޕަލްސީ އަދި ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ އެކި ކަންތައްތައް ކަމަށް ޑރ. ސަމާހަތު ވިދާޅުވި އެވެ. އޭގެ ތެރޭގައި އޭޑީއެޗްޑީ އަދި އޯޓިޒަމް ފާހަގަކުރެވެ އެވެ.
ސެލެބްރަލް ޕަލްސީއަކީ މަދުވެގެން ދެ އަހަރުގެ ކުއްޖެއްގެ ސިކުނޑިއަކަށް ގެއްލުމެއް ލިބުމަށްފަހު ފެންނަ އަސަރުތަކެވެ. މިސާލަކަށް ހިނގަން އުނދަގޫވުން ކަހަލަ މައްސަލަތަކެއް ހިމެނެ އެވެ. އެ ބަލި ޖެހުމަށް މަގުފަހިވާ އެއް ސަބަބަކީ ދުވަސްނުފުރާ ވިހެއުމެވެ.
އޯޓިޒަމްގެ ސަބަބުން ކުދިންގެ އިޖުތިމާއީ ބައިވެރިވުން ވަރަށް ބޮޑަށް ދަށްވެގެންދާއިރު، އެކަންކަން ރަނގަޅުކުރުމަށް ޕީޑިއެޓްރިކް ނިއުރޮލޮޖިސްޓެއްގެ ލަފާގެ މަތިން އެ ކުދިންނަށް ތެރަޕީ ދޭން ފަށައެވެ.
"އާލީ އިންޓަވެންޝަން ދެވިއްޖެނަމަ ސިމްޕްޓަމްސް ގޯސްވުމުގެ ސްޕީޑު ލަސްކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
ޑރ. ސަމާހަތު ދެން ހިއްސާކުރެއްވީ ލަންކާގައި ޕްރެކްޓިސް ކުރަމުން ދިޔައިރު އޭނާ ތަޖުރިބާކުރެއްވި ކަމެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، އާއިލާގައި އޯޓިސްޓިކް މީހުން ތިބުމުން ފަސް މަހުގެ ކުއްޖަކު ވެސް އޯޓިސްޓިކް ވެދާނެ ކަމަށް ޝައްކުކޮށް، އަވަހަށް ތެރަޕީ ދޭން ފެށި އެވެ. އެއާއެކު، އެ އަންހެން ކުއްޖާގެ ލޮލުގެ ހަރަކާތްތައް އަންނަން ފެށި އެވެ.
ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓަކާ އެކު ފުރިހަމަ ވަސީލަތްތަކެއް ލިބުމަކީ އެ ފަރުވާގެ ބޮޑު ބައެއް ކަވަރުވެގެންދާނެ ކަމަކަށް ވިޔަސް، އެކަން ފުރިހަމަވުމަށް އެ ދާއިރާ އަށް އިތުރު މީހުން ބޭނުންވާ ކަމަށް ޑރ. ސަމާހަތު ވިދާޅުވި އެވެ.
ނަމަވެސް އެ އާއިލާތަކުން އުފުލަމުންދިޔަ ވޭނަށް ނިމުމެއް ގެނެސްދީ، ޝުކުރުވެރި ހިތަކާއެކު އޭނާގެ ހިދުމަތް ބަލައިގަންނަ ކަމަކީ ޑރ. ސަމާހަތަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމެވެ.
އައިޖީއެމްއެޗުގެ އިންޓާން ރާއްޖޭގައި ކިޔަވާ ކުދިންނަށް
ކިޔޫ ކުޑަކުރަން ބަލި މީހުން ބަލާ ވަގުތު އިތުރުކޮށްފި
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ޑރ. ފަޒްނާ: އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދީފި
10އަހަރު ފަހުން ކިޑްނީގެ ދެ ވަނަ ޑޮކްޓަރު ހިދުމަތަށް
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
އަސަދު: ދުވަސްވީ ތަދުތަކަށް ހާއްސަ ފުރަތަމަ ޑޮކްޓަރު
ތަޖުރިބާކާރު ނިއުރޯސާޖަން ޑރ. ނިޔާފް އައިޖީއެމްއެޗަށް
އިންޓާން ޑޮކްޓަރުންނަށް ބޮންޑު ނޯންނަ ގޮތަށް ހަދައިފި