Roadha Mihaaru
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުގައި

މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުގައި

20 ޖުލައި 2020

ލ. ގަމުން މަސްފެންގަަނޑަކަށް ވެއްޓި ހާލުދެރަވަގެން މާލެ ގެނައި ތުއްތު ކުއްޖާ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ލ. ގަމުން މަސްފެންގަަނޑަކަށް ވެއްޓި ހާލުދެރަވަގެން މާލެ ގެނައި ތުއްތު ކުއްޖާ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އުމުރުން ދޮޅު އަހަރުގެ ކުއްޖާ މަސްފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވުމުން އެ ކުއްޖާ މާލެ ގެނައީ ހުކުރު ދުވަހު އެވެ. މާލެ ގެނައި އިރު ވެސް ކުއްޖާ އޮތީ ހޭނެތިފައި ކަމަށް ގަމު ކައުންސިލުން ބުނެފައި ވެއެވެ.

އައިޖީއެމްއެޗުން "މިހާރު" އަށް ބުނީ ކުއްޖާ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ތުއްތު ކުއްޖާ ވެއްޓުނު މަސްފެންގަނޑަކީ މިހާރު ބޭނުންކުރާ ފެންގަނޑެއް ނޫނެވެ. ބޭނުން ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެއަށް ފެން އެޅި ފުރުނީ ވާރޭ ވެހިގެން ކަމަށް ވެއެވެ. އަދި ވަރަށް ފަހުން ވެސް އެ ފެންގަނޑު ސާފުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ލ. ގަމުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވެސް ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވެފައި ވެއެވެ. ނަމަވެސް މި ދެ ކުދިން ވެއްޓުނީ އެއް ފެންގަނޑަކަށް ނޫނެވެ.

ފެންގަނޑަށް ވެއްޓުނު ދެ އަހަރުގެ ކުއްޖާ ވެސް މާލެ ގެނަސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އިންޑިއާ އަށް ވެސް ގެންގޮސްފައި ވެއެވެ. އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ބޭއްވުމަށް ފަހު ކުއްޖާގެ ހާލު ރަނގަޅުވާން ފެށުމުން ގެއަށް ދޫކުރީ މި އަހަރު ކުރީކޮޅު އެވެ.