Roadha Mihaaru
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ގެއަށް ބަދަލުކޮށްފި

މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ފަސް މަސް ފަހުން ގެއަށް ބަދަލުކޮށްފި

19 ފެބުރުއަރީ 2020

މިދިޔަ ސެޕްޓެމްބަރު މަހު ލ. ގަމުގެ ގެއެއްގައި އޮތް މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ފިރިހެން ކުއްޖާ ފަސް މަސް ފަހުން ހޭއަރައި، ހާލު ތަންކޮޅެއް ރަނގަޅުވުމުން، އިންޑިއާގެ ހޮސްޕިޓަލުން، ގެއަށް ބަދަލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ސެޕްޓެމްބަރު މަހު ލ. ގަމުގެ ގެއެއްގައި އޮތް މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ފިރިހެން ކުއްޖާ ފަސް މަސް ފަހުން ހޭއަރައި، ހާލު ތަންކޮޅެއް ރަނގަޅުވުމުން، އިންޑިއާގެ ހޮސްޕިޓަލުން، ގެއަށް ބަދަލުކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރުގެ 14 ގައި ހިނގިި މި ހާދިސާގައި މަސް ފެންގަނޑަށް ވެއްޓުނީ ގަމުގައި ދިރިއުޅެމުން ދިޔަ އެ އަތޮޅު އިސްދުއަށް ނިސްބަތްވާ މޫސާ އަމަން ފައިސަލް އެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ބާއްވާފައި ގެއަށް ބަދަލުކުރިޔަސް އަދިވެސް ކުއްޖާ ނޭވާލާން އޮކްސިޖަން ގުޅާފައި ހުރެ އެވެ. އޭގެ އިތުރުން ގަވާއިދުން ފިޒިއޮތެރަޕީ ވެސް ގެންދަނީ ހަދަމުންނެވެ.

އަމަން އެ ފެންގަނޑަށް ވެއްޓިފައި އޮއްވާ ފެނުނީ ކުއްޖާގެ މާމަ އަށެވެ. ހަމަ އެ ދުވަހު ގަމު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގަނަ އެވެ. ވެންޓިލޭޓަރެއްގައި އައިޖީއެމްއެޗްގައި އެއް މަސް ދުވަހު ބޭއްވުމަށް ފަހު އަމްރިތާ ހޮސްޕިޓަލަށް ގެންދިޔަައީ އާއިލާއިން އެދިގެނެވެ.

ކުއްޖާ ގެއަށް ބަދަލުކުރިތާ މިހާރު ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށް ވަނީ އެނގިފަ އެވެ.

"އެ ކުއްޖާގެ އާއިލާއިން [މަންމަ އާއި ބައްޕަ] ބުނަނީ މިހާރު އެ ކުއްޖާގެ ހާލު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުން ކަމަށް،" އާއިލާގެ މީހަކު ބުންޏެވެ.

ނަމަވެސް އިތުރު ފަރުވާ އަދިވެސް ބޭނުންވާތީ އާއިލާ އިން ބޭނުންވަނީ ކޮޗިންގައި ތިބެގެން އެކަން ކުރިއަށް ގެންދާށެވެ.

"އަމަންއާ އެކު އޭނާގެ މަންމަ އާއި ބައްޕަ، އަދި އަޅުގަނޑުމެންގެ އާއިލާގެ އިތުރު ދެ މީހަކު އިންޑިއާގައި އަބަދުވެސް މަޑުކުރަމުން ދަނީ."

ކުއްޖާގެ ހާލު ރަނގަޅުވަމުން އައި ނަމަވެސް، އަމްރިތާގެ ޑޮކްޓަރުން ދިން މައުލޫމާތުތަކާ އެކު އާއިލާގެ ހިތްހަމަނުޖެހުންތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން އެއް ކަމަކީ އިންޑިއާ އަށް ގެންދިއުން ލަސްވުމެވެ. އަމަންގެ ހާލު ރަނގަޅުވުން ލަސްވަމުން ދަނީ ވެސް އެހެންވެގެން ކަމަށް، ޑޮކްޓަރުންގެ ވާހަކަތަކަށް ބިނާކޮށް، އާއިލާ އިން ބުނެ އެވެ.

"މިކޮޅުން [އައިޖީއެމްއެޗުން] އަމަން އަށް ދީފައި ހުރީ ދެ އަހަރުގެ ކުއްޖަކަށް ދޭންވާ ވަރަށް ވުރެ މާ ބާރުގަދަ އެންޓިބައޮޓިކްސް ކަމަށް އިންޑިއާއިން އެ ކުއްޖާ ބެލި ޑޮކްޓަރުން ބުނި. އަދި އެ ކުއްޖާ އަވަހަށް އެކޮޅަށް ބަދަލުކުރި ނަމަ، ހާލު އަވަހަށް ރަނގަޅުވީސް ކަމަށް ޑޮކްޓަރުން ލަފާކުރޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިހާރު ދޭން ޖެހޭ ފިޒިއޮތެރަޕީގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެހުނަސް އެކަމަށް އުނދަގޫތަކެއް ދިމާވާ ކަމަށް އާއިލާއިން ބުނެ އެވެ. ރާއްޖެއިން ވެސް ފިޒިއޮތެރަޕީ ހެދެ އެވެ. ނަމަވެސް އާއިލާގެ ކަންބޮޑުވުމަކީ އަމަންއަށް ދިމާވި މައްސަލަތަކުގެ ސަބަބުން، ކޮންމެ ވަގުތެއްގައި ވެސް ހާލު ގޯސްވުމުގެ ފުރުސަތު އޮތުމެވެ. އެހެންކަމުން އާއިލާއިން ބޭނުންވަނީ ކޮޗިންގައި މަޑުކޮށްގެން އެ ފަރުވާ ވެސް ހޯދާށެވެ.

"ކޮންމެ ފަހަރަކު ވެސް އާސަންދައިން ބުނަނީ މިކޮޅުން [ރާއްޖެއިން] ފިޒިއޮތެރަޕީ ހެދޭނެ ކަމަށް، އެ ކުއްޖާގެ ހާލަތަކަށް ނުބަލާ،" އޭނާ ބުންޏެވެ.

"ކޮންމެ ފަދަ ވަގުތެއްގައި ވެސް އެ ކުއްޖާގެ ހާލަތު ގޯސްވުން އެކަށީގެންވޭ."

އެހެންކަމުން އާއިލާ އިން އެދެނީ އަމަންގެ ހާލަތަށް ބިނާކޮށް، ފިޒިއޮތެރަޕީގެ ކަންކަން ވެސް، އާސަންދައިގެ ތެރެއިން، ފަސޭހައިން ހަމަޖެހޭނެ ގޮތް ވުމެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އެހީތެރިކަން އާއިލާ އިން ފާހަގަކުރެ އެވެ. ތައުފީގު ބުނި ގޮތުގައި އަމަންގެ ފަރުވާއަށް އެކި ގޮތްގޮތުން އެ ދެ ބޭފުޅުން ގެންދަވަނީ އެހީތެރިވެދެއްވަމުންނެވެ.

"ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."