Roadha Mihaaru
ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު އަދިވެސް ސީރިއަސް

މަސްފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް

17 ސެޕްޓެމްބަރ 2019

ލ. ގަމުގައި ހުރި ގެއެއްގެ މަސްފެންގަނޑަކަށް ވެއްޓި ހާލު ދެރަވި ކުޑަ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. ގަމުގައި ހުރި ގެއެއްގެ މަސްފެންގަނޑަކަށް ވެއްޓި ހާލު ދެރަވި ކުޑަ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. އަދި އެ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ސީރިއަސް ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ ދެ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާ ވެއްޓުނީ ގޭގައި ހުރި މަސްފެންގަނޑަކަށެވެ. މި ހާދިސާ އަށް ފަހު ކުއްޖާ އަށް އިތުރު ފަރުވާ ދޭން ހަމަ އެ ރޭ މާލެ ގެނައެވެ.

އެ ރަށު ކައުންސިލް މެމްބަރު އިސްމާއިލް ޒަކީ "މިހާރު" އަށް ކުރިން ވިދާޅުވީ މަންމަ އާއި މާމައާ އެކު އުޅޭ އެ ކުއްޖާ ފެންގަނޑަށް ވެއްޓުނީ އެ ދުވަހު މެންދުރު 2:30 ގައި އޮތް ކުލާހަކަށް ދާން މަންމަ ނިކުތް ފަހުން ކަމަށެވެ.

"ކުލާހަށް ދާން އެ ކުއްޖާގެ މަންމަ ނުކުތް 10-15 ވަރަކަށް މިނެޓު ކުރިން. ކުލާހުގައި އިންދާ 3:15 އެހާ ކަންހާ އިރު އެ ކުއްޖާގެ މަންމައަށް ފޯނެއް އައީ، ހޮސްޕިޓަލަށް ދާން. ފުދޭ ވަރަކަށް ކުޑަ ވަގުތުކޮޅެއްގައި ހިނގި ކަމެއް މިއީ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްޖާ ނުފެނުމުން އެ ކުއްޖާގެ މާމަ އެންމެ ފުރަތަމަ ބެލީ އެ ގޭ ކައިރީ ހުރި އެހެން ގެތައް ކަމަށެވެ. އަދި އެ ކުއްޖާ ފެނުނީ ގެއަށް އަނބުރާ އައި ވަގުތު މަސް ފެންގަނޑު ތެރެއިންނެވެ. އެއީ ފުންމިނުގައި ދެ ފޫޓު ބައި ހުރި ފެންގަނޑެކެވެ.