Roadha Mihaaru
ފެންގަނޑަށް ވެއްޓުނު ކުއްޖާ އަދިވެސް ހެއެއް ނާރާ

މަސްފެންގަނޑަށް ވެއްޓުނު ކުއްޖާ އަދިވެސް ހެއެއް ނާރާ

24 ސެޕްޓެމްބަރ 2019

ލ. ގަމުގެ ގެއެއްގައި ހުރި މަސްފެންގަނޑަކަށް ވެއްޓިފައި އޮތް ތުއްތު ކުއްޖާ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އައިޖީއެމްއެޗުން އިއްޔެ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލ. ގަމުގެ ގެއެއްގައި ހުރި މަސްފެންގަނޑަކަށް ވެއްޓިފައި އޮތް ތުއްތު ކުއްޖާ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އައިޖީއެމްއެޗުން އިއްޔެ ބުނެފި އެވެ.

މީގެ 10 ދުވަސް ކުރިން ހިނގި ހާދިސާގައި އަނިޔާވެފައި ވަނީ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އިސްމާއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އެ ކުއްޖާ އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި އަނިޔާވި އެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުއްޖާ އެ ފެންގަނޑަށް ވެއްޓުނީ އޭނާގެ މަންމަ ކިޔަވަން ދިޔަ ވަގުތެވެ. މެންދުރު 2:30 ގައި ފަށާ ކުލާހަކަށް ދާން އޭގެ 10-15 ވަރަކަށް މިނެޓު ކުރިން އެ ކުއްޖާގެ މަންމަ ގެއިން ނިކުތް ކަމަށް އެ ރަށު ކައުންސިލް މެމްބަރު އިސްމާއިލް ޒަކީ މީގެ ކުރިން ވިދާޅުވެފައި ވެ އެވެ. އެ ހާދިސާ ހިނގީ އޭގެ ގަޑިއެއްހާ އިރު ފަހުންނެވެ.

އެ ކުއްޖާ ފެނުނީ އޭނާގެ މާމަ އަށެވެ. އިސްމާއިލް ޒަކީ ވިދާޅުވީ އެ ކުއްޖާ ނުފެނުމުން އެ ކުއްޖާގެ މާމަ އެންމެ ފުރަތަމަ ބެލީ އެ ގޭ ކައިރީ ހުރި އެހެން ގެތައް ކަމަށެވެ. އަދި އެ ކުއްޖާ ފެނުނީ ގެއަށް އަނބުރާ އައި ވަގުތު މަސް ފެންގަނޑު ތެރެއިންނެވެ.

އެ ކުއްޖާ ވެއްޓުނު މަސްފެންގަނޑުގެ ފުނުގައި ދެ ފޫޓު ބައި ހުރެ އެވެ. އެ ކުއްޖާ ނެގި ވަގުތު އޭނާގެ ހަށިގަނޑުގައި ވިންދެއް ނެތް ކަމަށް އިސްމާއިލް ޒަކީ ވިދާޅުވެފައި ވެ އެވެ. އެ ރަށު ހޮސްޕިޓަލުގައި އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މާލެ ގެނައީ، ހާލު ސީރިއަސް ވުމުންނެވެ.