Roadha Mihaaru
ދިވެހި ލީގުން އަތޮޅުތަކަށް ދޭ ޖާގަ މަޑުޖައްސާލައިފި

ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދޭ ޖާގަ މަޑުޖައްސާލައިފި

22 ޖުލައި 2020

ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދެމުން އައި ޖާގަ މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދެމުން އައި ޖާގަ މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރިމިއާ ލީގުން ފުރުސަތު ލިބެމުންދަނީ އަބަދުވެސް އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައިނުވާއިރު، އަތޮޅުތަކުން އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ.

"(އެހެންވެ( ޕްރިމިއާ ލީގުން އަތޮޅު ތެރެއަށް ދެވިފައިވާ ޖާގަ މި ވަގުތަށް ވަނީ މަޑުޖައްސާލެވިފަ އެވެ،" އެފްއޭއެމުން ނެރުނު ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް އަންނަ އަހަރު ކުރީކޮޅުގައި އަތޮޅު ފުޓްބޯޅަ އަށް ހާއްސަކޮށްގެން ބާއްވާ ޖަޒީރާ ޗެމްޕިއަންޝިޕް ބޭއްވިއްޖެނަމަ އެ މުބާރާތުގެ ޗެމްޕިއަނާއި ރަނަރަޕަށް ކުރިއަށް ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ މިދިޔަ ސީޒަނުގައި އަތޮޅު ތެރެއަށް ނިސްބަތްވާ ދެ ޓީމެއް ކުޅުނެވެ. އެއީ ފ. ނިލަންދޫ އާއި ށ. ފޯކައިދޫ އެވެ. އެ ދެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައިވީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް (އަތޮޅު މުބާރާތް)ގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެންނެވެ. އެ ފަހަރު އެ ދެ ޓީމާ އެކު ތ. ތިމަރަފުށްޓާއި ބ.ފެހެންދޫ ވެސް ލީގަށް ޕްރޮމޯޓްވި އެވެ. އެކަމަކު ފުރަތަމަ ބުރަށް ފަހު ގަދަ އަށް ޓީމު ތެރޭގައި ނުހިމެނޭތީ ތިމަރަފުށްޓާއި ފެހެންދޫ ވަނީ ލީގުން ވަކިވެފަ އެވެ. ގަދަ އަށް ޓީމު ތެރޭގައި ހިމެނޭތީ ނިލަންދޫ އާއި ފޯކައިދޫ ވަނީ އެ ސީޒަން އެއްކޮށް ފުރިހަމަކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި އެފްއޭއެމް އިން ތައާރަފްކުރި ލޯކަލް ކްލަބް ލައިސަންސްގެ ކަންތައްތައް ފުރިހަމަކޮށްގެން ނިލަންދޫ އާއި ފޯކައިދޫ ވަނީ ލީގުގައި ވާދަކޮށްފަ އެވެ. ސީޒަން ހުޅުވި ޗެރިޓީ ޝީލްޑް މެޗު ވެސް ކުޅުނީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ތިމަރަފުށިން ފުރުސަތު ދޫކޮށްލުމުން އެ މުބާރާތުގެ ރަނަރަޕް ފޯކައިދޫ އާއި އޭގެ ކުރީ ސީޒަނުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާ ދެމެދުގަ އެވެ.

މިދިޔަ ސީޒަނުގެ ކުރީކޮޅުގައި ވެސް ދެކެވިގެންދިޔަ އެއް ވާހަކަ އަކީ މި ސީޒަނުގައި ނިލަންދޫ އާއި ފޯކައިދޫ އަށް ލީގުން ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދުގައި އޮތް ވާހަކަ އެވެ. ފުރަތަމަ ޑިވިޝަނުން ޓީމެއް ރެލިގޭޓްވާއިރު ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށް ބުނެ އޭރު ފޯކައިދޫގެ ކޯޗު އަދި މިހާރު ގްރީން ސްޓްރީޓްސްއާ ހަވާލުވެ ހުރި ކޯޗު އަލީ ނިސްތާރު މުހައްމަދު ވެސް ވަނީ ބުނެފަ އެވެ.

Relegation ge hamahama furusatheh onnan jehey: Foakaidhoo

Relegation ge hamahama furusatheh onnan jehey: Foakaidhoo

The most trusted news source in the Maldives

Mihaaru

ފޯކައިދޫގެ ކުރީގެ ކޯޗު ނިސްތާރު ވަނީ ފޯމެޓް އޮތްގޮތުން އަތޮޅުތަކުން އަންނަ ޓީމުތައް ފުރަތަމަ ޑިވިޝަނުން ވަކިވާ އުސޫލުތައް ހަމަހަމަކޮށް އޮންނަން ޖެހޭ ކަމަށް ބުނެފައި.

އަހަރުތަކަކަށް ފަހު އެންމެ ފުރަތަމަ ޑިވިޝަނުގެ މުބާރާތަކުން އަތޮޅުތަކުން އައި ޓީމަކަށް ފުރުސަތު ލިބުނީ 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގަ އެވެ. އެ ފަހަރު ފުރުސަތު ދިނީ 2014 ވަަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންގެ ހައިސިއްޔަތުން ސ. ފޭދޫ ޓީމަށެވެ. އޭގެ ފަހުން ފޯމެޓަށް ގެނައި ބަދަލުގެ ތެރެއިން 2017 ވަނަ އަހަރުގެ ލީގުގައި ކުޅުނީ އެ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަންގެ ގަދަ ހަތަރަކަށެވެ. އެ ގޮތުން އެ އަހަރު ލީގުގައި ކުޅުނީ ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ށ. މިލަންދޫގެ އިތުރުން އއ. މާޅޮހެވެ. އަދި ފަހުން 2018 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕުން ތިމަރަފުށްޓާއި ފޯކައިދޫ، ފެހެންދޫގެ އިތުރުން ނިލަންދޫ ލީގަށް ޕްރޮމޯޓްވި އެވެ.

އެންމެ ފަހުން މިނިވަން ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު އެވެ. އެ ފަހުން އެ މުބާރާތް ނުބާއްވައި އޮތުމަށް ފަހު މިދިޔަ އަހަރު އެ މުބާރާތް ޖަޒީރާ ޗެމްޕިއަންޝިޕަށް ބަދަލުކޮށް ފަށަން ބަޖެޓް ވެސް ހަމަޖެހި ހުރިހާ ކަމެއް ކުރިމަތިވެފައި އޮއްވައި ކޮވިޑް-19ގެ ކަންތައްތައް ކުރިމަތިވުމުން އެ މުބާރާތް އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އެފްއޭއެމުން މިހާރު މަސައްކަތްކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގައި އެ މުބާރާތް ބޭއްވުމަށެވެ.