Roadha Mihaaru
ސިޓީ އަށް މޮޅެއް، އާސެނަލް ބަލިކޮށް ވިލާ އުއްމީދުގައި

ސިޓީ އަށް މޮޅެއް، އާސެނަލް ބަލިކޮށް އެސްޓަން ވިލާ އުއްމީދުގައި

22 ޖުލައި 2020

ބާމިންހަމް (ޖުލައި 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 4-0 އިން ވަޓްފޯޑް އަތުން މޮޅެއް ހޯދިއިރު، ރަނގަޅު ފޯމެއްގައި އޮތް އާސެނަލް އަތުން 1-0 އިން މޮޅުވެ އެސްޓަން ވިލާ އިން ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާ ކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާމިންހަމް (ޖުލައި 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 4-0 އިން ވަޓްފޯޑް އަތުން މޮޅެއް ހޯދިއިރު، ރަނގަޅު ފޯމެއްގައި އޮތް އާސެނަލް އަތުން 1-0 އިން މޮޅުވެ އެސްޓަން ވިލާ އިން ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާ ކޮށްފި އެވެ.

ރޭގެ މޮޅާ އެކު ސިޓީ ދެ ވަނައިގައި އޮތީ ޗެމްޕިއަން ލިވަޕޫލަށް ވުރެން 15 ޕޮއިންޓް ފަހަތުގަ އެވެ. އެއީ 37 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ ނަތީޖާތަކާ އެކު އެންމެ ބޮޑު ބަދަލުތަކެއް އައީ ރެލިގޭޝަން ޒޯނަށެވެ. އެ ގޮތުން ވަޓްފޯޑް 18 ވަނަ އަށް ވެއްޓުނުއިރު، ވިލާ ވަނީ 17 ވަނަ އަށް ޖެހިލައިފަ އެވެ. ދެ ޓީމަށް ވެސް ބާކީ އެއް މެޗު އޮތްއިރު ވިލާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 34 ޕޮއިންޓެވެ. ފަހު މެޗުގައި ވަޓްފޯޑް ރަށުންބޭރުގައި އާސެނަލާ ކުޅޭއިރު، ވިލާ ރަށުން ބޭރުގައި ނުކުންނާނީ 16 ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ވެސްޓް ހޭމް މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު، އެ ޓީމަށް 36 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ.

ވަޓްފޯޑްގެ ވިކަރޭޖް ރޯޑުގައި ރޭ ކުޅުނު މެޗުގައި ސިޓީން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. ދެ ލަނޑު ޖެހީ ވެސް ރަހީމް ސްޓާލިން އެވެ. ފުރަތަމަ ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން ސްޓާލިން ޖެހި ބޯޅައެއް ވަޓްފޯޑްގެ ކީޕަރު ބެން ފޮސްޓާ އަތުގައި ޖެހިފައި ނުކުތުމުން ދެ ވަނަ ފަހަރުން ޖެހި ގޯލެކެވެ.

ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ: ރޭގެ ޖެހި ދެ ގޯލާ އެކު ސްޓާލިން ވަނީ މި ފަހަރު ލީގުގައި 19 ގޯލު ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ: ރޭގެ ޖެހި ދެ ގޯލާ އެކު ސްޓާލިން ވަނީ މި ފަހަރު ލީގުގައި 19 ގޯލު ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގައި ސްޓާލިން ހެޓްރިކް ފުރިހަމަކުރަން ޖެހި ބޯޅަ ކީޕަރު ފޮސްޓާ އަތުގައި ޖެހިފައި ލިބުނީ ސިޓީގެ ޒުވާން ތަރި ފިލް ފޯޑެން އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ އައިމެރިކް ލަޕޯޓް އެވެ. މިއީ ކެވިން ޑިބްރޭނާ ނެގި ހިލޭ ޖެހުމަކުން ލަޕޯޓް ބޮލުން ވައްދާލި ގޯލެކެވެ.

މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި އާސެނަލުން ޕްރިމިއާ ލީގުގައި ލިވަޕޫލް ބަލިކޮށް އެފްއޭ ކަޕް ސެމީ ފައިނަލުން ސިޓީ ކަޓުވާލިއިރު ދެއްކި ފަދަ ކުޅުމެއް ރޭގެ މެޗުގައި އާސެނަލަށް ނުދެއްކެ އެވެ. މެޗުގެ ހަމައެކަނި ގޯލު 27 ވަނަ މިނިޓްގައި ވިލާ އަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މަހުމޫދު ޓްރެޒެގޭ އެވެ. ކޯނަރަކުން އައި ބޯޅައެއް ޓައިރަން މިންގްސް ބޮލުން ޖައްސާލުމުން އޭރިއާ ތެރޭގައި ހުރި ޓްރެޒެގޭ އަށް ލިބުމާ އެކު އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި އާސެނަލަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ އެވެ. އޭނާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއީ 1998 ވަނަ އަހަރަށް ފަހު ޕްރިމިއާ ލީގުގައި ވިލާ އިން އާސެނަލް ބަލިކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އާސެނަލް 10 މެޗުން ޖެހިޖެހިގެން ބަލިވި ތިން ވަނަ އަހަރެވެ.