Roadha Mihaaru
ސިޓީ ސޮއްސާލައިފި، އާސެނަލް ކުރިހޯދީ ގަދަ ރޫހެއްގައި

ސިޓީ ފަހަތަށް ސޮއްސާލައިފި، އާސެނަލް ކުރިހޯދީ ވަރުގަދަ ރޫހެއްގައި

19 ފެބުރުއަރީ 2023

ބާމިންހަމް (ފެބްރުއަރީ 19) - އެސްޓަން ވިލާ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި އާސެނަލްއިން 4-2 ން މޮޅުވެ ތާވަލުގެ އެއްވަނަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާމިންހަމް (ފެބްރުއަރީ 19) - އެސްޓަން ވިލާ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައި އާސެނަލްއިން 4-2 ން މޮޅުވެ ތާވަލުގެ އެއްވަނަ ހޯދައިފި އެވެ.

މިދިޔަ ހަފުތާގައި އާސެނަލް ބަލިކޮށް އެއްވަނަ ހޯދި މެންޗެސްޓާ ސިޓީ، ނޮޓިހަންމް ފޮރެސްޓް އާ ދެކޮޅަށް ރޭ ކުޅުނު މެޗުން 1-1 ން އެއްވަރުވެ އެއްވަނަ އަށް އަލުން ދާން ލިބުނު ފުރުސަތު ސިޓީން ވަނީ ނަގައިލައިފަ އެވެ.

އިއްޔެ ހަވީރު ވިލާ ޕާކުގައި ކުޅުނު މެޗުގައި، ވިލާއިން އާސެނަލްގެ މައްޗަށް ދެފަހަރު ލީޑް ނެގި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ޖެހީ އޮލީ ވަޓްކިންސް އެވެ. އޭނާ ލަނޑު ޖެހީ މެޓީ ކޭޝް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ގާތްގަނޑަކަށް އޭގެ 10 މިނެޓް ފަހުން ބުކަޔާކޯ ސަކާ އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށް ދިނެވެ. އެކަމަކު ފުރަތަމަ ހާފު ވިލާއިން ނިންމާލީ ލީޑްގައި އޮވެގެންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ފިލިޕޭ ކުޓިނިއޯ ޖެހީ އެލެކްސް މޮރޭނޯ ދިން ބޯޅައިންނެވެ. ދެވަނަ ހާފުގައި ނަތީޖާ އަލުން ހަމަހަމަ ކުރަން އާސެނަލް އަށް ވަގުތުތަކެއް ނެގި އެވެ. އޮލެގްޒެންޑާ ޒިންޗެންކޯ 61 ވަނަ މިނެޓްގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދިނީ މާޓިން އޮޑެގާޑް އެވެ.

އެސްޓަން ވިލާގެ މިހާރުގެ ކޯޗު އުނައި އެމެރީ އަށް އޭނާގެ ކުރީގެ ޓީމު އާސެނަލް އާ ދެކޮޅަށް ބަލި ނުވެ ފަރުޖައްސާ ލެވޭނެ ގޮތެއް ނުވި އެވެ. އާސެނަލްގެ ފަހު ދެ ލަނޑު ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގަ އެވެ. އާސެނަލްގެ ޓީމަށް އިތުރު ރޫހެއް އައީ ޖޯޖީނިއޯ ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ބޮޅުގައި ޖެހިފައި ބައިކޮޅަށް ވަނުމުންނެވެ. އޭގެ ފަސް މިނެޓް ފަހުން ގެބްރިއަލް މާޓިނެލީ އާސެނަލްގެ ހަރުވަނަ ލަނޑު ޖަހައި މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށް ދިނެވެ.

މެޗުގެ ފަހު ވަގުތު އާސެނަލް އަށް އައި ތަފާތު ރޫހުގެ ސިއްރަކީ ފުރަތަމަ ހާފަށް ފަހު ކުޅުންތެރިން ދެކޭ ގޮތް ސާފުކޮށް ބުނެ ކުރި މަޝްވަރާ ކަމަށް އާސެނަލް އަށް މެޗުގައި ލީޑް ނަގައި ދިން ޖޯޖީނިއޯ ބުންޏެވެ. ދެވަނަ ހާފުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ޒިންޗެންކޯ ބުނީ އާސެނަލްގައި ބުރަކޮށް މަސައްކަތް ކުރުމުގެ ވަރުގަދަ ރޫހެއް އޮންނަ ކަމަށެވެ.

އާސެނަލް ދެވަނަ އަށް ތިރިކޮށް އަލުން އެއްވަނަ އަށް އަރަން ނުކުތް ސިޓީން ދެ ޕޮއިންޓް ބޭކާރު ކޮށްލީ މެޗުގެ ފަހު ވަގުތުގައި ފޮރެސްޓްގެ ލަނޑު ކްރިސްޓޮފާ ވުޑް ޖެހައި ނަތީޖާ ހަމަހަމަ ކރުމުންނެވެ. މެޗުގެ 84 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ މޯގަން ގިބްސް ތަނަވަސް ކޮށް ދިން ފުރުސަތަކުންނެވެ.

އޭގެ ކުރިން ސިޓީ އޮތީ ލީޑްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ބެނާޑޯ ސިލްވާ ލަނޑު ޖަހައި ދީ މެޗުގެ ދެވަނަ ހާފުގެ ބޮޑު ބައެއްގައި ސިޓީ އަށް ހިނިތުންވުން ގެނެސް ދިނެވެ.

ނޮޓިހަމްގެ ސަޕޯޓަރުން ވަނީ ސިޓީގެ ސަޕޯޓަރުން ރުޅި އަރުވާލުމުގެ ގޮތުން ޗެމްޕިއަންސް ޔޫރަޕޭ ކިޔުމުގެ ފުރުސަތު ސިޓީ އަށް ނުލިބޭނެ ކަމަށް ދަނޑުގައި ތިބެގެން ގޮވައިފަ އެވެ.

"ޔޫރަޕްގެ ޗެމްޕިއަން، މި ހެން ކަލޭމެންނަކަށް ނުކިޔޭނެ،" ޔޫއެފާ ޗެމްޕިއަންސް ލީގު 1979 ގެ މުބާރާތް ކާމިޔާބު ކުރި ފޮރެސްޓްގެ ސަޕޯޓަރުން، ސިޓީގެ ސަޕޯޓަރުންނަށް އަމާޒުކޮށް ދަނޑުގައި ތިބެގެން ގޮވަމުން ދިޔަ އެވެ.