Roadha Mihaaru
ކަސްރަތު ކުރަންވީ ދުވާލު، އެންމެ ރަނގަޅީ ހެނދުނު

ކަސްރަތު ކުރަންވީ ދުވާލު، އެންމެ ރަނގަޅީ ހެނދުނު

24 އޮކްޓޯބަރ 2016

ދުވަހުގެ އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ކަމަށް ބުނާ ވާހަކަ އަކީ ސަމާސާއެއް ނޫނެވެ. ކަސްރަތު ކުރަން ވެސް އެންމެ ރަނގަޅީ ހެނދުނު ކަމަށާއި ޖުމުލަކޮށް، ރޭގަނޑަށް ވުރެ ދުވާލު ކަސްރަތުކުރަން މާ ރަނގަޅު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދުވަހުގެ އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ކަމަށް ބުނާ ވާހަކަ އަކީ ސަމާސާއެއް ނޫނެވެ. ކަސްރަތު ކުރަން ވެސް އެންމެ ރަނގަޅީ ހެނދުނު ކަމަށާއި ޖުމުލަކޮށް، ރޭގަނޑަށް ވުރެ ދުވާލު ކަސްރަތުކުރަން މާ ރަނގަޅު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ހަށިގަނޑުގެ މަސްތައް ވެސް އޭގެ ޒާތުގައި އަމިއްލަ އަށް ހަރަކާތްތެރިވާ އުސޫލުތަކެއް ކަނޑައެޅިފައިވެ އެވެ. މީގެ މާނަ އަކީ ދުވަހުގެ އެކި ވަގުތު މަސްތައް ކަސްރަތަށް އިޖާބަދޭ ގޮތް ވެސް ތަފާތުވުން ކަމަށް ޗިކާގޯގެ ނޯތުވެސްޓާން ޔުނިވަސިޓީގެ ދިރާސާއަކަށް ފަހު ބުނެފައިވެ އެވެ.

"ސެލް މެޓަބޮލިޒަމް" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައި ވަނީ ހަށިގަނޑުގެ މަސްތައް އެންމެ ރަނގަޅަށް ހުންނަނީ މީހާ އެންމެ ރަނގަޅަށް ހޭލާ ހުންނަ ވަގުތު ކަމަށެވެ.

"މަސްތަކުގައި ހަކަތަ އުފައްދަން ކުރާ މަސައްކަތް ގުޅިގެން ކުރަނީ އޮކްސިޖަން އާއި އިންޓާނަލް ކްލޮކް. މި ގުޅުން އެންމެ ރަނގަޅުވާ ވަގުތު ކަނޑައަޅާނީ ދުވަހުގެ ވަގުތުން،" ދިރާސާއާ ބެހޭ ގޮތުން ނެރެފައިވާ ބަޔާނުގައި ޑރ. ޖޯސެފް ބާސް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ސެލް އަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރެވި ހަރަކާތްތެރިވުން ބިނާވެގެން ވަނީ ދުވަހުގެ ވަގުތުގެ މައްޗަށް ކަމަށެވެ.

"މިއީ ކަސްރަތުކުރަންވީ ވަގުތު ބުނެދޭ ދިރާސާއެއް ނޫން. އެކަމަކު ކަސްރަތުގެ ފައިދާ އެންމެ ބޮޑަށް ހޯދޭނެ ވަގުތު މި ދިރާސާގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކަނޑައަޅަން އެނގޭނެ،"

ހަށިގަނޑުގެ "ގުދުރަތީ ގަޑި" ނުވަތަ އިންޓާނަލް ކްލޮކް، ބޭސް ދީގެން ހުއްޓުވާލުމުން ކަސްރަތަށް ހަށިގަނޑުގެ މަސްތައް އިޖާބަދިނުމުގައި ދަތިތަކެއް ހުންނަކަން ދިރާސާއިން އެނގުނެވެ.