Roadha Mihaaru
ގަޑިއެއްހާއިރުގެ ލުއި ކަސްރަތަކުން ބޮޑު ފައިދާއެއް

ކޮންމެ ދުވަހަކު ގަޑިއެއްހާއިރުގެ ލުއި ކަސްރަތަކުން ބޮޑު ފައިދާއެއް

30 ޖުލައި 2016

ކޮންމެ ދުވަހަކު ގަޑިއެއްހާއިރު އާދައިގެ ހަރަކާތްތެރި ކަމެއްގައި ހޭދަކޮށްލުމުން ވެސް ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ކޮންމެ ދުވަހަކު ގަޑިއެއްހާއިރު އާދައިގެ ހަރަކާތްތެރި ކަމެއްގައި ހޭދަކޮށްލުމުން ވެސް ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ނޯވޭގެ ސްކޫލް އޮފް ސްޕޯޓް ސައިންސަސްގެ ދިރާސާއެއްގައި ބުނެފައި ވަނީ އާދައިގެ ވަރަކަށް ވުރެ ބާރަށް ހިނގުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ ކަމެއް ގަޑިއެއްހާއިރު ކޮށްލުމުން ވެސް ސިއްހީ މައްސަލަތަކުގައި އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށެވެ.

"މި ނަތީޖާއިން އިތުރަށް ކަށަވަރުވެގެން ދަނީ ހަރަކާތްތެރި ދިރިއުޅުމެއްގެ މުހިންމުކަން. ދަތުރުކުރުމާއި މަސައްކަތުގެ ވަގުތުގައި އެތައް ގަޑިއިރަކު އިށީނދެގެން އިނުން އިތުރުވަމުން ދާއިރު ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން މިކަމުން އެނގިގެން ދަނީ،" ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސަރެއް ކަމަށްވާ އުލްފް އެކްލަންޑް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން ކޮންމެ ދުވަހަކު އެއް ގަޑިއިރު ހަރަކާތްތެރިކޮށް އުޅޭ މީހުންގެ ނިސްބަތަކީ އެންމެ 25 ޕަސެންޓް ކަމަށެވެ.

މި ދިރާސާގައި ބުނެފައި ވަނީ ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ވުރެ ގިނައިން ޓީވީ ބެލުމުގައި ހޭދަކުރާ ނަމަ އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. ކަސްރަތުކުރާ މީހުންނާއި ނުކުރުމާ މީހުންގެ މެދުގައި ވެސް މިކަމުގައި ތަފާތެއް ނެތް ކަމަށް ވަނީ ފާހަގަވެފަ އެވެ. އަދި ފަސް ގަޑިއިރަށް ވުރެ ގިނައިން ޓީވީ ބެލުމުން އަވަހަށް މަރުވުމުގެ ފުރުސަތު މާބޮޑަށް އިތުރުވެގެންދާ ކަމަށް ވަނީ ބުނެފަ އެވެ.