Roadha Mihaaru
ސޮނީން އެޕިކް ގޭމްސްގެ ހިއްސާ ގަނެފި

ސޮނީން އެޕިކް ގޭމްސްގެ ހިއްސާ ގަނެފި

11 ޖުލައި 2020

އާންމުންގެ މެދުގައި މަގުބޫލު ވީޑިއޯ ގޭމް ފޯޓްނައިޓް ވުޖޫދަށް ގެނައި އެމެރިކާގެ ކުންފުނި އެޕިކް ގޭމްސް އިން ޖަޕާނުގެ ސޮނީ ކުންފުންޏަށް މައިނޯރިޓީ ހިއްސާ ވިއްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުންގެ މެދުގައި މަގުބޫލު ވީޑިއޯ ގޭމް ފޯޓްނައިޓް ވުޖޫދަށް ގެނައި އެމެރިކާގެ ކުންފުނި އެޕިކް ގޭމްސް އިން ޖަޕާނުގެ ސޮނީ ކުންފުންޏަށް މައިނޯރިޓީ ހިއްސާ ވިއްކާލައިފި އެވެ.

އެޕިކް ގޭމްސްގެ 1.4 ޕަސަންޓް ހިއްސާ ސޮނީން ގަތީ 250 މިލިއަން ޑޮލަރަށެވެ. މި މުއާލަމާތް ހިންގިކަން ދެ ކުންފުނިން ވެސް ބުރާސްފަތި ދުވަހު ކަށަވަރުކޮށް ދީފައިވާ އިރު، ސޮނީއާ އެކު ހެދި އެއްބަސްވުމާ އެކު އެޕިކް ގޭމްސްގެ އަގު މިހާރު ވަނީ 17.86 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ދެ ކުންފުނިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސޮނީ އާއި އެޕިކް ގޭމްސް ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތްކުރާނެ މަގުފަހިވެގެން ދިއުމުން ގިނަ ގޮތްގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ސޮނީގެ އެންޓަޓައިންމަންޓް އެސެޓްސް އާއި ޓެކްނޮލޮޖީ އަދި އެޕިކް ގޭމްސްގެ އެންޓަޓައިންމަންޓް ޕްލެޓްފޯމާއި ޑިޓަލް އެކޮސިސްޓަމް އެއް މިސްރާބަކަށް މަސައްކަތްކުރުމުން ކުރިއަށް އޮތް ތަނުގައި ވީޑިއޯ ގޭމްގެ ދުނިޔެ އަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައިވެ އެވެ.

"އަހަރެމެންނާއި ސޮނީ އަކީ މިއީ ރިއަލް-ޓައިމް ތުރީޑީއާ އެކު އެއް ކަހަލަ ތަސައްވުރުތަކެއް ގެންގުޅޭ ބައެއް. އެހެންވީމަ ދެ ކުންފުނި ހިއްސާވެގެން މަސައްކަތްކުރުންވެގެން ދާނީ ގޭމިން އާއި މިއުޒިކާއި ފިލްމު ފަދަ ދާއިރާތަކުގެ ޓެކްނޮލޮޖީ އަށް އަންނާނެ ވަރަށް ބޮޑު ފާގަތިކަމަކަށް ވާނެ،" އެޕިކް ގޭމްސްގެ ބާނީ އަދި ސީއީއޯ ޓިމް ސްވީނީ ވިދާޅުވި އެވެ.

އެޕިކް ގޭމްސްގެ ހިއްސާ އިން ސޮނީ އަށް ބައިއަޅާފައި ވަނީ ކުރިން ވެސް ދެ ކުންފުނިން ވެސް ތަޖުރިބާތައް ހިއްސާކުރަމުން އަންނަތާ އަހަރުތަކެއް ފަހުން ކަމަށެވެ. ސްވީނީ ވަނީ ސޮނީގެ ކުރިއަށް ގޭމް ކަމަށްވާ ޕްލޭސްޝަން 5 ކޮންސޯލް އަށް ވެސް ވަރަށް ބޮޑު ތައުރީފުކުރައްވައިފަ އެވެ.

މީގެ 29 އަހަރު ކުރިން 1991 ގައި ވުޖޫދަށް އައި އެޕިކް ގޭމްސް އަށް އިންވެސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ ޓެންސެންޓް ވެސް ހިމެނެ އެވެ. އެގޮތުން 2012 ގައި އެ ކުންފުނިން 330 މިލިއަން ޑޮލަރަށް އެޕިކްގެ 40 ޕަސަންޓް ހިއްސާ ގަނެފައިވެ އެވެ.