Roadha Mihaaru
ޕީއެސް5 ގެ 10 މިލިއަން ކޮންސޯލް ވިކިއްޖެ

ޕްލޭސްޓޭޝަން5 ގެ 10 މިލިއަނަށް ވުރެ ގިނަ ކޮންސޯލް ވިކިއްޖެ

30 ޖުލައި 2021

މިދިޔަ އަހަރުގެ ފަހުކޮޅު ސޮނީން ވިއްކަން ފެށި ޕްލޭސްޓޭޝަން (ޕީއެސް) 5 ގެ 10 މިލިއަނަށް ވުރެ ގިނަ ކޮންސޯލް މިހާތަނަށް ވިކިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ފަހުކޮޅު ސޮނީން ވިއްކަން ފެށި ޕްލޭސްޓޭޝަން (ޕީއެސް) 5 ގެ 10 މިލިއަނަށް ވުރެ ގިނަ ކޮންސޯލް މިހާތަނަށް ވިކިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގައި ވިއްކަން ފެށި ޕީއެސް5 ގެ 7.8 މިލިއަން ކޮންސޯލް އެޕްރީލް މަހާ ހަމައަށް އައި އިރު ވިކިފައިވާ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ މިދިޔަ ހަތަރު ވަރަކަށް މަހުގެ ތެރޭގައި މި ވަނީ ދެ މިލިއަނަށް ވުރެ ކޮންސޯލް ވިކިފަ އެވެ.

ޕީއެސް5 ނެރުނު ފަހުން ޑިމާންޑް ވަރަށް ބޮޑުވި ނަމަވެސް، މި ފަހަރު އެންމެ ބޮޑަށް ދިމާވި ގޮންޖެހުމަކީ ޑިމާންޑާ އެއްވަރަށް ގޭމް ސަޕްލައިކޮށް ނުކޮށްދެވުމެވެ. އެހެންވެ ގޭމްގެ ވިޔަފާރި އެކި ގައުމުތަކުގައި ކުރިއަށް އަދިވެސް ގެންދަނީ ވަރަށް ލިމިޓެޑްކޮށެވެ. މި ސަބަބާ ހުރެ ޕީއެސް5 ހޯދަން ބޭނުންވި ބައެއް މީހުންނަށް އަދިވެސް އެ ލިބޭ ގޮތް ނުވެފައި އެބަތިއްބެވެ.

ސޮނީގެ އިންޓަރެކްޓިވް އެންޓަޓައިންމަންޓްގެ ސީއީއޯ ޖިމް ރަޔަން ވިދާޅުވީ ސަޕްލައިގެ މައްސަލަ އަދިވެސް އެންމެ އެކަށޭނެ ގޮތެއްގައި ހައްލުނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމަށް ދިމާވި ހުރަސްތަކުތަކުގެ ތެރޭގައި މިދިޔަ އަހަރުން ފެށިގެން ކުރިމަވެފައި އޮތް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޕްރޮޑަކްޝަނަޑް އެރި ލޮޅުންތައް ހިމެނެ އެވެ.

ނަމަވެސް ސޮނީ އަށް އޮތް ހިތްހަމަޖެހުމަކީ ޕީއެސް5 ކޮންސޯލަކީ ނެރުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާތަަނަށް އެ ކުންފުނިން ނެރުނު ކޮންސޯލްތަކުގެ ތެރެއިން ވިޔަފާރި އެންމެ ރަނގަޅު އެއްޗަށްވުމެވެ.

ސޮނީން ބުނި ގޮތުގައި އާ ކޮންސޯލާ އެކު ނެރުނު ގޭމްތަކުގެ ތެރެއިން ނޮވެމްބަރުގައި ނެރުނު "ސްޕައިޑަ-މޭން: މައިލް މޯރޭލްސް" ގެ 6.5 މިލިއަން ކޮޕީ މިހާތަނަށް ވިކިފައިވާ އިރު، ޖޫން މަހު ނެރުނު "ރެޗެޓް އެންޑް ކްލޭންކް: ރިފްޓް އެޕާޓް" ގެ 1.1 މިލިއަން ކޮޕީ އަދި އެޕްރީލްގައި ނެރުނު "ރިޓާނަލް" ގެ 560،000 ކޮޕީ މިހާތަނަށް ވިކިފައިވާ ކަމަށެވެ. ސޮމީން ބުނީ މި އަދުތަކަކަށް ބަލާ އިރު މިއީ ގޭމްގެ ވިޔަފާރީގައި ބެންޗްމާކެއް ކަމަށެވެ.

ސޮނީން ޕިއެސް5 ނެރުނީ ޕީއެސް4 ނެރުނުތާ ހަތް އަހަރު ފަހުންނެވެ.