Roadha Mihaaru
މައިކްރޮސޮފްޓުން ގޭމިންގެ ތާރީހީ ބޮޑު މުއާމަލާތަކަށް

މައިކްރޮސޮފްޓުން ގޭމިންގެ ތާރީހީ ބޮޑު މުއާމަލާތަކަށް

20 ޖެނުއަރީ 2022

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، މައިކްރޮސޮފްޓުން ވީޑިއޯ ގޭމިންގެ ތާރީހުގައި ވެސް މިހާތަނަށް ހަދާ ވިޔަފާރީގެ އެންމެ ބޮޑު މުއާމަލާތަށް ތައްޔާރުވެފައިވާ ކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، މައިކްރޮސޮފްޓުން ވީޑިއޯ ގޭމިންގެ ތާރީހުގައި ވެސް މިހާތަނަށް ހަދާ ވިޔަފާރީގެ އެންމެ ބޮޑު މުއާމަލާތަށް ތައްޔާރުވެފައިވާ ކަން އިއުލާންކޮށްފި އެވެ.

އެ ކުންފުނީގެ މި ނިންމުމަކީ ގޭމް އުފައްދާ އެމެރިކާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެކްޓިވިޝަން ބްލިޒާޑް 68.7 ބިލިއަން ޑޮލަރަށް ގަތުމެވެ. މިއީ ކުންފުނީގެ ތާރީހުގައި ވެސް އެހާ ބޮޑު އަގަކަށް އެހެން ކުންފުންޏެއް މައިކްރޮސޮފްޓް ގަންނަ ފުރަތަމަ ފަހަރުގެ އިތުރުން ގޭމިންގެ ތާރީހުގައި ވެސް މިހާތަނަށް ކުންފުންޏަކުން ހަދާ ވިޔަފާރީގެ އެންމެ ބޮޑު މުއާމަލާތެވެ.

މި މުއާމަލާތާ އެކު މައިކްރޮސްޓް ވާނީ ތިން ވަނަ އަށް އެންމެ ބޮޑު ގޭމިން ކުންފުންޏަށެވެ. މި ދާއިރާގެ ގަދަ ދޭއްގައި އޮތީ ޗައިނާގެ ޓެންސެންޓާއި ޕްލޭސްޓޭޝަން ނެރޭ ޖަޕާންގެ ކުންފުނި ސޮނީ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުނީގެ ދަށަށް އެކްޓިވިޝަން އައުންވެގެން ދާނީ މަޝްހޫރު ގޭމްތައް ކަމަށްވާ "ކޯލް އޮފް ޑިއުޓީ" އާއި "ވޯކްރާފްޓް" އަދި "އޯވަވޮޗް" ފަދަ މަގުބޫލު ގޭމްތަކުގެ މިލްކުވެރިކަން ވެސް މައިކްރޮސޮފްޓަށް ލިބިގެން ދާނެ ކަމަކަށެވެ.

އެ ކުންފުނިން މީގެ ކުރިން މަޝްހޫރު އެހެން ގޭމް ކުންފުންޏެއް ވެސް ގަނެފައިވެ އެވެ. އެއީ 70 ބިލިއަން ޑޮލަރަށް ގަތް ބެތެސްޑާ އެވެ.

މައިކްރޮސޮފްޓްގެ ވީޑިއޯ ގޭމް ބްރޭންޑް، އެކްސްބޮކްސް ވަރުގަދަކުރަން ކުރާ މަސައްކަތުގެ ތެެރެއިން އެކްޓިވިޝަން ގަންނަން ނިންމިކަން އިއުލާންކޮށް ކުންފުނީގެ ޗީފް އެގްޒެކެޓިވް ސަޓިއާ ނަޑެލާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އަމާޒަކީ ގޭމިންގެ ދުނިޔެ އިން ދުނިޔޭގެ ފެންވަރުގެ ކޮންޓެންޓް ގެނެސްދިނުން ކަމަށެވެ.

"ގޭމިން ކޮމިއުނިޓީ އާއި ކްލައުޑަށް އަހަރެމެން އިންވެސްޓްކުރަނީ ގޭމް ކުޅޭ މީހުންނާއި ގޭމް އުފައްދާ މީހުންނަށް ވެސް ހިއްސާވެވޭ ބައިވެރިވެވޭ އަދި ރައްކާތެރިކަން އޮތް ކަމަކަށް ހައިދިނުމުގެ ނިޔަތުގައި،" އޭނާ ވިދާޅުވި އެވެ.

މައިކްރޮސޮފްޓުން ބުނި ގޮތުގައި އެކްޓިވިޝަންއާ އެކު ކުންފުނިން މޮބައިލާއި ޕީސީ އަދި ކޮންސޯލްތަކުގައި ގޭމްގެ ތަޖުރިބާތައް ފުޅާކޮށް ވަރުގަދަކުރާނެ އެވެ.