Roadha Mihaaru
ޑިސްކޯޑާއި ޕްލޭސްޓޭޝަން ގުޅާލަނީ

ޑިސްކޯޑާއި ޕްލޭސްޓޭޝަން ގުޅާލަނީ

05 މެއި 2021

މައިކްރޮސޮފްޓުން 10 ބިލިއަން ޑޮލަރަށް ގަންނަން ހުށަހެޅުމުން އެކަން ދޫކޮށްލި ޑިސްކޯޑާއި ޖަޕާންގެ ސޮނީ ގުޅިގެން މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިކްރޮސޮފްޓުން 10 ބިލިއަން ޑޮލަރަށް ގަންނަން ހުށަހެޅުމުން އެކަން ދޫކޮށްލި ޑިސްކޯޑާއި ޖަޕާންގެ ސޮނީ ގުޅިގެން މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން އިއުލާންކޮށް ސޮނީން ބުނީ މަޝްހޫރު ވީޑިއޯ ގޭމް، ޕްލޭސްޓޭޝަން ކޮންސޯލް/މޮބައިލް ޑިސްކޯޑް ގުޅައިލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޮންލައިން މުއާމަލާތްތަކަށް ހާއްސަ ޑިސްކޯޑް، ޕީއެސް އަށް ގެންނާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ބުންޏެވެ. އެކަމަކު މިކަން ކުރާނެ ގޮތަކާ ބެހޭ އިތުރު ތަފުސީލުތަލެއް އަދި ނުދެ އެވެ.

ސޮނީން ބުނި ގޮތުގައި އެ ކުންފުންޏާއި ޑިސްކޯޑް އަންނަނީ ގޭމިން އާއި ސޯޝަލް އެކްސްޕީރިއަސް ގުޅައިލުމަށް މިހާރު ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އަދި މިކަމުގެ ނަތީޖާ އަންނަ އަހަރު ފެންނަ އިރު ޕީއެސް ކުޅޭ މީހުންނަށް މުޅިން ތަފާތު އާ ތަޖުރިބާތަކެއް ކުރެވޭނެ ކަމަށް ބުންޏެވެ.

ޑިސްކޯޑާ ގުޅިގެން މަސައްކަތްކުރުމުގެ އިތުރަށް ސޮނީން ވަނީ އެ ކުންފުނީގެ ސީރީޒް އެޗް އިންވެސްޓްމަންޓްގެ ދަށުން ޑިސްކޯޑަށް އިންވެސްޓްކުރަން ވެސް ނިންމައިފަ އެވެ. އެކަމަކު އެއީ ކިހާ ވަރެއްކަން ސާފު ނުވިޔަސް، ޑިސްކޯޑްގެ ހިއްސާ އެއްވެސް ކުންފުންޏަކަށް ވިއްކައިނުލަން އޮތީ ނިންމައިފަ އެވެ.

ދެހާސް ފަހެއްގައި ވުޖޫދަށް އައި ޑިސްކޯޑަކީ މިހާރު މަހެއްގެ މައްޗަށް 140 މިލިއަން މީހުން ބޭނުންކުރާ އެއްޗެކެވެ.

މައިކްރޮސޮފްޓްގެ އިތުރުން އެމެޒޯނާއި އެޕިކް ގޭމްސް އިން ވެސް ޑިސްކޯޑް ގަންނަން ޝައުގުވެރިކަން ފާޅުކުރި އެވެ. ވިއްކައިލުމުގެ ވިސްނުން ދޫކޮށްލައި ޑިސްކޯޑުން މިހާރު ނިންމާފައި ވަނީ މިނިވަން މުސްތަގިއްލު ކުންފުންޏެއްގެ ގޮތުގައި ދެމިއޮވެ، ހިއްސާގެ ބާޒާރުގައި ވެސް ލިސްޓްކުރާ ކުންފުންޏަކަށް ޑިސްކޯޑް ހެދުމަށެވެ.