Roadha Mihaaru
ޕްލޭސްޓޭޝަން 5 ގެ ޑިމާންޑް ވަރަށް ބޮޑު

ޕްލޭސްޓޭޝަން 5 ގެ ޑިމާންޑް ވަރަށް ބޮޑު

02 ނޮވެމްބަރ 2020

މި މަހުގެ 12 ގައި ޕްލޭސްޓޭޝަން 5 ވިއްކަން ފަށާ އިރު، ޑިމާންޑް ވަރަށް ބޮޑު ކަމަށާއި އޮގަސްޓް މަހުގެ ތެރޭގައިި ޕްރި-އޯޑަރަށް ހުޅުވައިލުމުން، ޕީއެސް 4 އަށް ނުލިބޭ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށް ސޮނީން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 12 ގައި ޕްލޭސްޓޭޝަން 5 ވިއްކަން ފަށާ އިރު، ޑިމާންޑް ވަރަށް ބޮޑު ކަމަށާއި އޮގަސްޓް މަހުގެ ތެރޭގައިި ޕްރި-އޯޑަރަށް ހުޅުވައިލުމުން، ޕީއެސް 4 އަށް ނުލިބޭ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށް ސޮނީން ބުނެފި އެވެ.

އެ ކުންފުނީގެ އިންޓަރެކްޓިވް އެންޓަޓައިންމަންޓްގެ ސީއީއޯ ޖިމް ރަޔަން ވިދާޅުވީ 2013 ގެ ޕީއެސް 4 ގެ ޕްރި-އޯޑަރަށް ހުޅުވައިލިތާ 12 ދުވަހުގެ ތެރޭގައި ނުވިކޭ ވަރަށް ޕީއެސް 5 ވިކިފައިވާ ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއް ކަމެއް ހާމައެެއްނުކުރެ އެވެ. ޕީއެސް 5 ގެ ޕްރި-އޯޑަރަށް ހުޅުވައިލީ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

"ކޮންސޯލް ފަހެއްގެ ޑިމާންޑް އުފުލިފައި އޮތީ އަހަރެމެން ވެސް ވަރަށް އުފާކުރާ މިންވަރަކަށް. އެހެންވެ ޓާގެޓަކީ ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ސަޕްލައިކޮށްދޭން. މި ދޭތެރެ އިން ޕްރި-އޯޑަރު ސިސްޓަމަށް މައްސަލަތަކެއް ދިމާވި ނަމަވެސް އެކަން ވެސް ހައްލުކުރެވިފައި ވާނީ،" ޖިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ޕީއެސް 5 އަށް އޯޑަރުކުރި މީހުންނަށް ވިއްކަން ފަށާ ދުވަހު ގޭމް ފޯރުކޮށް ދިނުމުގައި ދަތިތަކެއް ދިމާވެދާނެތީ އެއީ ބޮޑު ގޮންޖެހުމެކެވެ.

"އެކަމަކު އެހެން ނުވެ ލޯންޗްކުރާ ދުވަހުގައި ގޭމް ލިބޭނެ ގޮތް ހެދޭތޯ އަހަރެމެންގެ ޓީމުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން." ޖިމ ވިދާޅުވި އެވެ.

މި މަހުގެ 12 ގައި ޕީއެސް 5 ވިއްކަން ފަށާ އިރު، އާ ކޮންސޯލްގެ ދެ ވާޝަނެއް ނެރޭ އެވެ. ބުލޫ-ރޭ ޑްރައިވާކާ އެކު ނެރޭ ސްޓޭންޑާޑް ވާޝަންގެ އަގަކީ 499 ޑޮލަރެވެ. އަދި ޑިޖިޓަލް އެޑިޝަންގެ އަގަކީ 399 ޑޮލަރެވެ.

ގޭމް އެންމެ ފުރަތަމަ ނެރެން ނިންމާފައި ވަނީ އެމެރިކާ އާއި ކެނެޑާ އާއި ޖަޕާނާއި މެކްސިކޯ އާއި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގެ އިތުރުން ދެކުނޮ ކޮރެއާގަ އެވެ. އަދި އެހެން ގައުމުތަކަށް ނެރޭނީ މި މަހުގެ 19 ގަ އެވެ.