Roadha Mihaaru
ކުރީގެ ނޫޓުތައް ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ

ނޫޓުތައް ބޭނުންކުރެވޭ މުއްދަތަށް ބަދަލެއް ނާދޭ، ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭނެ

01 ޖޫން 2016

ކުރީގެ ނޫޓުތައް ބޭނުންކުރެވޭ މުއްދަތަށް އިތުރު ބަދަލެއް ނުގެންނަ ކަމަށާއި އަންނަ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުރީގެ ނޫޓުތައް ބޭނުންކުރެވޭ މުއްދަތަށް އިތުރު ބަދަލެއް ނުގެންނަ ކަމަށާއި އަންނަ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް އެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ ކުރީގެ ކަރުދާސް ނޫޓުގެ ތެރެއިން ފަސް ރުފިޔާ ފިޔަވައި އެހެން ނޫޓުތައް ޖުލައި 31ގެ ފަހުން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންނުކުރެވޭނެ ކަމަށެވެ. އެކަމަކު ބާ ނޫޓުތައް އެމްއެމްއޭ އިން ބަދަލުކުރަން ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ކުރީގެ ނޫޓުތައް ވިޔަފާރީގައި ބޭނުންކުރެވޭނެ އެންމެ ފަހުގެ ތާރީހާ މެދު ބައެއް މީހުންނަށް އޮޅުން އަރާފައިވާ ކަމަށެވެ.

އެމްއެމްއޭގެ މުވައްޒަފަކު އާ ނޫޓުތަކެއް ދައްކާލަނީ  ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

އެމްއެމްއޭގެ މުވައްޒަފަކު އާ ނޫޓުތަކެއް ދައްކާލަނީ ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

"އަޅުގަނޑުމެން އެންމެ ފަހުން ގެނައި ބަދަލަކީ ކުރީގެ ނޫޓުތައް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭ މުއްދަތު ޖުލައި 31ގެ ނިޔަލަށް އިތުރުކުރުން. އޭގެ ފަހުން އިތުރު އެއްވެސް ބަދަލެއް ނުގެންނަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އާ ނޫޓުތައް ތައާރަފުކުރި އިރު އެމްއެމްއޭ އިން މުއްދަތު ދިނީ މޭ 31 ގެ ނިޔަލަށެވެ. ޖުލައި މަހަށް އެ މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

އެމްއެމްއޭއިން ބުނީ އަންނަ އޮގަސްޓް 1 އިން ފެށިގެން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާނީ ރަން ދިހަ ފަހެއްގެ އާ ނޫޓުތަކާއި ކުރީގެ ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާގެ ނޫޓު ކަމަށެވެ. ފަސް ރުފިޔާގެ ނޫޓު ބޭނުންކުރުން ހުއްޓާލާނީ ފަސް ރުފިޔާގެ ފައިސާ ފޮތި ނެރުމުންނެވެ.

"ރަން ދިހަ ފަހެއް"ގެ ނަމުގައި މަރުކަޒީ ބޭންކުން މިދިޔަ ޖެނުއަރީ 26، ގައި ބޭނުންކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ.

ދައުރުވަމުން ދާ ބާ ނޫޓުތަކުގެ ތެރެއިން 87 ޕަސެންޓް (2.5 ބިލިއަން ރުފިޔާ) އިއްޔެގެ ނިޔަލަށް ވަނީ އެމްއެމްއޭ އަށް ނަގައިފަ އެވެ. އެ މުއްދަތުގައި 2.8 ބިލިއަން ރުފިޔާގެ އާ ނޫޓު ނެރެފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.