Roadha Mihaaru
ފަސް ރުފިޔާގެ އާ ނޫޓު މާދަމާ ބޭނުންކުރަން ފަށަނީ

ފަސް ރުފިޔާގެ އާ ނޫޓު މާދަމާ ބޭނުންކުރަން ފަށަނީ

09 އޯގަސްޓް 2017

މިދިޔަ މެއި މަހުގެ ދިހަވަނަ ދުވަހު ނެރުނު ފަސް ރުފިޔާ އާ ނޫޓު މާދަމާއިން ފެށިގެން ބޭނުންކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ މެއި މަހުގެ ދިހަވަނަ ދުވަހު ނެރުނު ފަސް ރުފިޔާ އާ ނޫޓު މާދަމާއިން ފެށިގެން ބޭނުންކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.

މަރުކަޒީ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ މާދަމާ ހެނދުނު އެ އޮތޯރިޓީގައި ބާއްވާ ކުޑަ ރަސްމިއްޔާތަކަށްފަހު ފަސް ރުފިޔާގެ އާ ނޫޓު ސާކިއުލޭޝަނަށް ދޫކުރަން ފަށާނެ ކަމަށެވެ. އަދި ސާކިއުލޭޝަނަށް ނެރެން ބޭނުންވާ މިންވަރަށް ނޫޓު ޗާޕްކޮށްގެން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޮލިމާ ކަރުދާހުގައި ނެރުނު ފަސް ރުފިޔާގެ ނޫޓުން ދައްކުވައިދެނީ މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުމެވެ. ފަސް ރުފިޔާގެ ޕޮލިމާ ނޫޓުގެ މޫނުމަތީ ކުރެހުމެއްގެ ގޮތުގައި ހިމަނާފައި ވަނީ ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިއީ މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެވެ. ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

އާ ފަސް ރުފިޔާގެ މޫނުމަތީގައި ހިމެނެނީ ފުޓްބޯޅަ އާއި ސަގާފީ އެކި ކުޅިވަރުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަން ދައްކުވައިދޭ ކުރެހުމެކެވެ. އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ދިވެހިން ކުރިން ގެންގުޅުނު ވަސީލަތެއްކަމެވެ.

އެ ނޫޓުގައި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެއް ނެރުމަށެވެ.