Roadha Mihaaru
ކުރީގެ ފަސް ރުފިޔާގެ 79 ޕަސެންޓް ބަދަލުނުކުރެވި

ކުރީގެ ގިނަ އަދަދެއްގެ ފަސް ރުފިޔާ އަދިވެސް ބަދަލެއް ނުކުރޭ: އެމްއެމްއޭ

06 ޑިސެމްބަރ 2017

ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުން ކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، 79 ޕަސެންޓް ނޫޓު ބަދަލުކުރަން އަދިވެސް އެ އިދާރާ އަށް ހުށަނާޅާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކުރީގެ ފަސް ރުފިޔާގެ ނޫޓު ބޭނުން ކުރުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާއިރު، 79 ޕަސެންޓް ނޫޓު ބަދަލުކުރަން އަދިވެސް އެ އިދާރާ އަށް ހުށަނާޅާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

ޕޮލިމާ ކަރުދާހުގައި ތައްޔާރުކުރި ޒަމާނީ ނޫޓް، މި އަހަރުގެ އޯގަސްޓްގައި އެއެމްއޭ އިން ސާކިއުލޭޝަނަށް ނެރުމަށް ފަހު، ނިންމާފައި ވަނީ ކުރީގެ ފަސް ރުފިޔާގެ ނޫޓް މި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށެވެ. އަދި އެ މުއްދަތުގެ ފަހުން ޖުލައި 31، 2021 ގެ ނިޔަލަށް ބަދަލު ދޭ ގޮތަށް ހަމަޖައްސާފައި ވެ އެވެ.

އެމްއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވީ ފަސް ރުފިޔާގެ އާ ނޫޓް، ސާކިއުލޭޝަނަށް ނެރުނު ދުވަހު 25.5 މިލިއަން ރުފިޔާގެ ކުރީގެ ފަސް ރުފިޔާގެ ނޫޓު ދައުރުވަމުން ދިޔަ ކަމަށެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ބަދަލުކުރަން ލިބިފައި ވަނީ ޖުމްލަ 5.3 މިލިއަން ރުފިޔާގެ ކުރީގެ ފަސް ރުފިޔާގެ ނޫޓު ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި އަދިވެސް ބާކީ 20.2 މިލިއަން ރުފިޔާގެ ކުރީގެ ފަސް ރުފިޔާގެ ނޫޓު ބަދަލުކުރަން ހުށަހެއް ނާޅަ އެވެ.

"މިހާތަނަށް ފާހަގަ ކުރެވުނީ ފަސް ރުފިޔާގެ ވަރަށް ގިނަ އަދަދެއްގެ ނޫޓު ބަދަލުކުރަން ހުށަހަޅާފައިނުވާކަން. އަޅުގަނޑުމެން އިލްތިމާސްކުރަން އެންމެ ފަހު ވަގުތާ ހަމަޔަށް މަޑުނުކޮށް ނޫޓު ބަދަލުކުރަން ހުށަހަޅަން،" އެ އޮތޯރިޓީގެ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މެއި މަހު ތައާރަފްކުރި ފަސް ރުފިޔާގެ އާ ނޫޓު އެމްއެމްއޭގެ މުވައްޒަފަކު ދައްކާލަނީ.

މިދިޔަ މެއި މަހު ތައާރަފްކުރި ފަސް ރުފިޔާގެ އާ ނޫޓު އެމްއެމްއޭގެ މުވައްޒަފަކު ދައްކާލަނީ.

މި އަހަރުގެ މޭ 10 ވަނަ ދުވަހު ޕޮލިމާ ކަރުދާހުގައި ނެރުނު ފަސް ރުފިޔާގެ ނޫޓުން ދައްކުވައިދެނީ މުވާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުމެވެ. ފަސް ރުފިޔާގެ ޕޮލިމާ ނޫޓުގެ މޫނުމަތީ ކުރެހުމެއްގެ ގޮތުގައި ހިމަނާފައި ވަނީ ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

އެއީ މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެވެ. ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

އާ ފަސް ރުފިޔާގެ މޫނުމަތީގައި ހިމެނެނީ ފުޓްބޯޅަ އާއި ސަގާފީ އެކި ކުޅިވަރުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަން ދައްކުވައިދޭ ކުރެހުމެކެވެ. އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ދިވެހިން ކުރިން ގެންގުޅުނު ވަސީލަތެއްކަމެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 5 ރުފިޔާގެ އިތުރުން 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ. އަދި އޭގެ ފަހުން ވަނީ ދެ ރުފިޔާގެ އާ ފައިސާ ފޮއްޗެއް ވެސް ތައާރަފްކޮށްފަ އެވެ. މިއީ ވޭތުވެދިޔަ 34 އަހަރުގެ ތެރޭގައި ނޫޓުގެ ޑިޒައިނަށް ގެނައި އެންމެ ބޮޑު ބަދަލެވެ.