Roadha Mihaaru
ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން ފަށައިފި

ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން ފަށައިފި

10 އޯގަސްޓް 2017

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ފަސް ރުފިޔާގެ އާ ނޫޓު މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ދިމާކޮށް ފަސް ރުފިޔާގެ އާ ނޫޓު މިއަދު ބޭނުންކުރަން ފަށައިފި އެވެ.

މަރުކަޒީ ބޭންކުގައި ހެނދުނު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފަސް ރުފިޔާގެ ނޫޓު ބޭނުންކުރުން ރަސްމީކޮށް ފައްޓަވައިދެއްވީ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ ނޫޓާ އެކު ކުރީގެ ފަސް ރުފިޔާގެ ނޫޓު ވެސް މި އަހަރުގެ ނިޔަލަށް ބޭނުންކުރެވޭނެ އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ކުރީގެ ނޫޓު، އާ ނޫޓަށް ބަދަލުކޮށްދިނުމުގެ ގޮތުން ލޯކަލް މާރުކޭޓުގައި މިއަދު ހަރަކާތެއް އޮންނާނެ ކަމަށެވެ.

ރަން ދިހަ ފަހެއްގެ ސީރީސްގައި ހިމެނޭ ފަސް ރުފިޔާގެ ޕޮލިމާ ނޫޓުން ދައްކުވައިދެނީ މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުމެވެ. މި ނޫޓުގެ މޫނުމަތީގެ މައިގަނޑު ކުރެހުމުގައި ދައްކައިދެނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކުޅޭ މަންޒަރެކެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ރަމްޒުކޮށްދޭ ފަސް ރުފިޔާގެ އާ ނޫޓު މިއަދު މީހަކު ދައްކާލަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭ ރަމްޒުކޮށްދޭ ފަސް ރުފިޔާގެ އާ ނޫޓު މިއަދު މީހަކު ދައްކާލަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ ނޫޓުގައި ވެސް މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގައި ހިމެނޭ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނެ އެވެ. ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

ކުރިން އެމްއެމްއޭ އިން ނިންމާފައި އޮތީ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފައިސާ ފޮއްޗެއް ނެރޭށެވެ. އެކަމަކު ފަހުން އެ ވިސްނުން ބަދަލުކުރީ އެވެ.

މިހާރު ނެރެފައިވާ އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ފަސް ރުފިޔާގެ ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.