Roadha Mihaaru
ފަސް ރުފިޔާގެ އާ ނޫޓު އަންނަ މަހު ނެރެނީ

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު އަންނަ މަހު ނެރެނީ

24 އެޕްރީލް 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު އަންނަ މަހު ތައާރަފު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު އަންނަ މަހު ތައާރަފު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފަސް ރުފިޔާގެ އާ ނޫޓު ތައާރަފު ކުރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 10 ގައި ކަމަށެވެ.

މި ނޫޓުގެ ސައިޒު މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ޑިޒައިން ވެސް ހުންނާނީ އެއް ކޮންސެޕްޓަކަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.

އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެެއް ނެރުމަށެވެ.

މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށް ވުރެ ލުއި ފައިސާ ފޮއްޗެއް މި އަހަރު ނެރުމަށް ވެސް އެމްއެމްއޭ އިން ވަނީ ހަމަޖައްސައިފަ އެވެ.