Roadha Mihaaru
ވަކި ލާރި ނެގޭ ދެ ވެންޑިން މެޝިން ބަހައްޓައިފި

ވަކި ލާރި ނެގޭ ދެ ވެންޑިން މެޝިން އެމްއެމްއޭގައި ބަހައްޓައިފި

10 އޯގަސްޓް 2017

ވަކި ލާރި ނެގޭ ދެ ވެންޑިން މެޝިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބަހައްޓައި، މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވަކި ލާރި ނެގޭ ދެ ވެންޑިން މެޝިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބަހައްޓައި، މިއަދު ބޭނުންކުރަން ފަށައިފި އެވެ.

ޖަރުމަނުގައި އުފައްދާފައިވާ މި މެޝިނަށް ދިވެހި ރުފިޔާގެ ނޫޓު ލެއްވުމުން ބޭނުންވާ އަދަދަކަށް ވަކި ލާރި ނެގޭނެ އެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 4:00 އަށް ވަކި ލާރި ނެގެން ހުންނާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މަރުކަޒީ ބޭންކުގެ އިސް އޮފިޝަލަކު ވިދާޅުވީ މާލޭގެ އިތުރުން އުތުރާއި ދެކުނުގައި ވެސް ވަކި ލާރި ނެގޭ މެޝިން ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި ވަކި ލާރި ޖަމާކުރެވޭ މެޝިން ވެސް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ލާރި ނެގޭ ވެންޑިން މެޝިން ބެހެއްޓުމުގެ ބޭނުމަކީ ވަކި ލާރި ހޯދަން ބޭނުންވާ ފަރާތްތަކަށް މިތަނަށް އައިސް ކިޔޫގައި ނުޖެހި ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހަމަޖެއްސުން. މީގެ އިތުރުން ވަކި ލާރި ޑިޕޮސިޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ދިނުމަށް ވެސް މެޝިނެއް ބަހައްޓާނަން. އެ މެޝިން ބެހެއްޓުމުން ގޭގޭގައި ވަކި ލާރި ރައްކާކޮށްގެން ގެންގުޅޭ މީހުންނަށް ވެސް ފަސޭހަކަމާއެކު ނޫޓަށް ބަދަލުކުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.