Roadha Mihaaru
ދެ ރުފިޔާގެ އާ ފައިސާފޮތި މާދަމާ ނެރެނީ

ދެ ރުފިޔާގެ އާ ފައިސާފޮތި މާދަމާ ނެރެ، ބޭނުންކުރަން ފަށަނީ

11 ޖުލައި 2017

ދެ ރުފިޔާގެ އާ ފައިސާފޮތި މާދަމާ ނެރެ، އާއްމުންނަށް ބޭނުންކުރަން ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދެ ރުފިޔާގެ އާ ފައިސާފޮތި މާދަމާ ނެރެ، އާއްމުންނަށް ބޭނުންކުރަން ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

ދެ ރުފިޔާގެ އާ ފައިސާފޮތި ރަސްމީކޮށް ނެރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެމްއެމްއޭގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

މަރުކަޒީ ބޭންކުގެ މީޑިއާ އޮފިޝަލް މަންސޫރު ޒުބައިރު މިރޭ ވިދާޅުވީ، ދެ ރުފިޔާގެ އާ ފައިސާފޮތި މާދަމާ މެންދުރު ސާކިއުލޭޝަނަށް ނެރޭނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުން އަންނަ ދެ ރުފިޔާގެ ފައިސާފޮތި ވެސް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ބޭނުން ކުރަމުން އަންނަ ފައިސާފޮތި ބޭނުން ކުރެވޭނެ ވަކި މުއްދަތެއް ނެތް. ނަމަވެސް އެމްއެމްއޭ އަށް ލިބޭ ފައިސާ އަނބުރާ ސާކިއުލޭޝަނަށް ނުނެރޭނެ،" މަންސޫރު ވިދާޅުވި އެވެ.

ދެ ރުފިޔާގެ އާ ފައިސާފޮއްޗަކީ އަލަށް ޑިޒައިން ކޮށްފައިވާ އަދި މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާފޮއްޗަށް ވުރެ ލުއި ފޮއްޗަކަށް ވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ދިވެހި ރުފިޔާގެ ކުރީގެ ނޫޓްތަކެކޭ އެއްގޮތަށް ދެ ރުފިޔާގެ ކަރުދާސް ނޫޓު ވެސް މިދިޔަ އަހަރު އޮގަސްޓްމަހުން ފެށިގެން ވިޔަފާރިތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ އަހަރުގެ ޖުލައިމަހު ކަނޑައަޅުއްވައިފަ އެވެ.

އެ އޮތޯރިޓީން ވަނީ މުއާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް މިދިޔަ މެއި 10 ވަނަ ދުވަހު ނެރެފަ އެވެ. ނަމަވެސް އެ ނޫޓު ބޭނުންކުރަން އަދި ސާކިއުލޭޝަނަށް ނުނެރެ އެވެ. އެމްއެމްއޭ އިން ކުރިން ނިންމީ ފަސް ރުފިޔާގެ ފައިސާފޮއްޗެއް ނެރުމަށެވެ. ނަމަވެސް އޭގެ ފަހުން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ޕޮލިމާގައި ނޫޓެެއް ނެރުމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، މިދިޔަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.