Roadha Mihaaru
އެމެޒޯން އިން 1.2 ބިލިއަން ޑޮލަރަށް ޒޫކްސް ގަނެފި

އެމެޒޯން އިން 1.2 ބިލިއަން ޑޮލަރަށް ޒޫކްސް ގަނެފި

27 ޖޫން 2020

ޑްރައިވަރަކާ ނުލައި ދުވާ ކާރު ތަރައްގީކުރުމުގެ މަސައްކަތްކުރަމުން އަންނަ އެމެރިކާގެ ކުންފުނި ޒޫކްސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް އެމެޒޯން އިން ގަނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑްރައިވަރަކާ ނުލައި ދުވާ ކާރު ތަރައްގީކުރުމުގެ މަސައްކަތްކުރަމުން އަންނަ އެމެރިކާގެ ކުންފުނި ޒޫކްސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް އެމެޒޯން އިން ގަނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ދުނިޔޭގެ އެންމެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ އެމެޒޯން އިން ޒޫކްސް ގަތީ އެ ކުންފުނިން މިހާތަނަށް ކުންފުންޏެއް ގަންނަން ހެދި އެންމެ ބޮޑު ޑީލަށެވެ.

ހާހަކަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ޒޫކްސް، އެމެޒޯން އިން ގަނެފައި ވަނީ މި މުއާމަލާތްކުރަން އުޅޭ ކަމުގެ އަޑުތަކެއް ކުރިން ވެސް އަރާފައި ވަނިކޮށެވެ. ޒޫކްސް އަކީ 3.2 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެކެވެ.

އެ ކުންފުނި އުފެދުނީ ޖުލައި 29، 2014 ގަ އެވެ. އެމެރިކާގެ ކެލިފޯނިއާގެ ފޯސްޓާ ސިޓީގައި ހެޑްކުއާޓަރު ހުންނަ ކުންފުނީގެ އިސްވެރިންނަކީ ޓިމް ކެންޓްލީ-ކްލޭ އާއި ޖެޒީ ލެވިންސަނެވެ. އޮސްޓްރޭލިއާ އަށް އުފަން ޓިމަކީ އާޓިސްޓެއް-ޑިޒައިނަރެކެވެ. ޖެޒީ އަކީ އެޕަލް ކުންފުނީގެ ޗެއާމަން އާތާ ޑީ ލެވިންސަންގެ ދަރިއެކެވެ.

ފައިނޭންޝަލް ޓައިމްސް އާއި ދި އިންފޮމޭޝަން ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެޒޯން އިން 1.2 ބިލިއަން ޑޮލަރަށް ޒޫކްސް ގަތުމަކީ ސެލްފް-ޑްރައިވިން ޓެކްލޮޖީ ކުރިއަށް އޮތް ތަނުގައި ފުޅާކޮށް، އެ ދާއިރާ އިން އެމެޒޯން ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، ސެލްފް-ޑްރައިވިން ކާރު އުފެއްދުމުގެ ރޭހުގައި ވާދަވެރިކަން ވަރަށް ބޮޑަށް އުފެދިގެންދާނެ ކަމެކެވެ.

ނަމަވެސް އޮންލައިން ވިޔަފާރީގެ ތެރެއިން ޑެލިވަރީގެ ހިދުމަތް ދުނިޔޭގައި އެންމެ ފުޅާކޮށް ދެމުން އަންނަ އެމެޒޯން އިން ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތެއް އަދި ސާފެއް ނުވެ އެވެ. ވިޔަފާރި ދިރާސާކުރާ ބައެއް ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި މިކަމަކީ އެމެޒޯންގެ ޑެލިވަރީގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ފުޅާކޮށް ވަރުގަދަ ކުރުމަށް ބޭނުންކޮށްފާނެ ކަމަކަށް ވެސް ވެދާނެ އެވެ.

ނަމަވެސް ބައެއް މީހުން ލަފާކުރާ ގޮތުގައި އެމެޒޯނުން ޒޫކްސް ގަތުމަކީ ސެލްފް-ޑްރައިވިން ކާރު ތަރައްގީކުރުމުގެ މަސައްކަތްކުރާ އަލްފަބެޓްގެ ވޭމޯއާ ވާދަކުރަން ކުރި ކަމެކެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު މަސައްކަތްތައް މަޑުޖެހުނު އިރު ޒޫކްސް އިން ވަނީ ޓޮޔޮޓާ އެސްޔޫވީގައި ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ ޓެސްޓްކުރުމުގެ މަސައްކަތް ވެސް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ސެން ފްރަންސިސްކޯގައި ފަށައިފަ އެވެ.