Roadha Mihaaru
އެޕަލްގެ ކާރު މި އަހަރު އިއުލާނުކޮށްފާނެ

އެޕަލްގެ ކާރު މި އަހަރު އިއުލާނު ކޮށްފާނެ

29 އޯގަސްޓް 2021

އެޕަލް ކުންފުނީގެ ސެލްފް-ޑްރައިވިން ކާރު ވަރަށް އަވަހަށް އިއުލާނު ކޮށްފާނެ ބެލެވޭ ކަމަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ޖަޕާނުގެ އަކިރާ ޔޮޝީނޯ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް ކުންފުނީގެ ސެލްފް-ޑްރައިވިން ކާރު ވަރަށް އަވަހަށް އިއުލާނު ކޮށްފާނެ ބެލެވޭ ކަމަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ޖަޕާނުގެ އަކިރާ ޔޮޝީނޯ ވިދާޅުވެއްޖެ އެވެ.

ލިތިމިއަން ބެޓެރި އިޖާދުކޮށްގެން ކެމިސްޓްރީގެ ދާއިރާ އިން ނޯބެލް އިނާމު ހާސިލު ކުރެއްވި ކެމިސްޓް ވިދާޅުވި ގޮތުގައި އޭނާ އަށް ލަފާކުރެއްވޭ ގޮތުން އެޕަލް އިން މިހާރު އަންނަނީ ކުންފުނީގެ ކާރާ ގުޅޭ ވަރަށް ގިނަ މަސައްކަތައް ކުރަމުންނެވެ. އެހެންވެ ދެން އެކަން އިއުލާނު ކުރުން މާ ލަސްނުވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޕަލް އިން 2025 ގައި ސެލްފް-ޑްރައިވަރުން ކާރު ނެރެން އަމާޒު ހިފާފައިވާ ނަމަ އެ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު އޮންނާނީ ފުރިހަމަކޮށްފައި ކަމަށެވެ. އަދި އެޕަލް އަކީ އަބަދު ވެސް ކުންފުނީގެ އުފެއްދުންތައް އާންމުން އުންމީދުކުރާ ފެންވަރަށް ވުރެ މާ މޮޅަށް، މާ ފުރިހަމަ އަށް ގެނެސްދޭ ކުންފުންޏަކަށް ވާތީ އެޕަލްގެ ކާރު ވާނީ މި ޒަމާނުގެ އިލެކްޓްރިކް ކާރުތަކަށް އިންގިލާބެއް ގެނެސްދޭނެ އެއްޗަކަށް ކަމަށް ވެސް ޔޮޝީނޯ 73، ވިދާޅުވި އެވެ.

"މި މަސައްކަތުގައި ޓެސްލާ [މަހުޖަނު އީލިން މަސްކްގެ ކުންފުނި] ގެ އަމިއްލަ ސްޓްރެޓެޖީއެއް އޮތް ގޮތަށް އެޕަލްގެ ސެޕްފް-ޑްރައިވިން ކާރަށް ވެސް އެ މީހުންގެ ވަރަށް ވަރުގަދަ ޕްލޭނެއް އޮންނާނެ ކަމާ ދޭތެރޭ އެއްވެސް ޝަައްކެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަކިރާ ޔޮޝިނޯ.

އަކިރާ ޔޮޝިނޯ.

އެޕަލްގެ ކާރާ ބެހޭ ވާހަކަ މި ފަހުން މީޑިއާތަކުގައި މާ ބޮޑަށް ދެކެވެމުން އަންނަނީ މިދިޔަ އަހަރުން ފެށިގެންނެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެ ކުންފުނި އޮތީ މިހާތަނަށް ވެސް ހިމޭނުންނެވެ. މީޑިއާތަކުން ލަފާކުރާ ގޮތުން އެޕަލްގެ ކާރު 2024 ނުވަތަ 2025 ގައި ނެރޭނެ އެވެ.

ކާރު އުފައްދާނެ ވާހަކަ، ސްމާޓް ފޯނުގެ ވިޔަފާރީގައި އެންމެ ނަގައިކިޔާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލް އިން ރަސްމީކޮށް ނުދެއްކިޔަސް، މީޑިއާތަކުން ބުނީ ކާރު ނެރުމުގެ ޕްލޭނަކީ 2014 އިން ފެށިގެން އެޕަލްގެ ތެރެގައި ސީރިއަސްކޮށް ދެއްކެވެމުން އަންނަ ވާހަކައެއް ކަމަށެވެ.

ކުންފުނީގެ ސީއީއޯ ޓިމް ކުކް މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވީ އެޕަލް އަކީ އަބަދު ވެސް ތަފާތު ކަންކަން އަމިއްލަ އަށް ކުރަން ބޭނުންވާ ކުންފުންޏެއް ކަމަށެވެ. އެހެންވެ "މާ ނޫން ގޮތަކަށް" ކާރުގެ ވާހަކަ އަށް އަލިއަޅުވައިލެއްވި އެވެ.

"އަހަރެމެންނަކީ އަބަދު ވެސް ހާޑްވެއާ، ސޮފްޓްވެއާ އަދި ސާވިސްތައް އިންޓަގްރޭޓް ކުރަން ޝައުގުވެރިވާ ބައެއް. އެހެންވީމާ އެ ހުރިހާ އެއްޗެއް މަސްހުނި ކޮށްލައިގެން ޖާދޫ ހެދުމަކީ އަހަރެން ލޯބިކުރާނެ ކަމެއް،" ޓިމް ވިދާޅުވި އެވެ.

"އަދި ބޮޑު ކަމެއް ކުރަން ބޭނުންވާ އިރު އެޕަލް އަކީ އަބަދު ވެސް އެކަމެއްގެ ޕްރައިމަރީ ޓެކްނޮލޮޖީ އޯންކުރާނެ ބައެއް."