Roadha Mihaaru
ބެއިޖިންގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށްފި

ބެއިޖިންގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށްފި

25 ޖޫން 2020

ބެއިޖިން (ޖޫން 25) - ޗައިނާގެ ވެރިރަށް ބެއިޖިންގައި މި މަހު ކުރީކޮޅު ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު ކޮންޓްރޯލްކޮށްފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ޖޫން 25) - ޗައިނާގެ ވެރިރަށް ބެއިޖިންގައި މި މަހު ކުރީކޮޅު ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު ކޮންޓްރޯލްކޮށްފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޗައިނާގައި ކޮރޯނާވައިރަސް ކޮންޓްރޯލްކޮށްފައި ވަނިކޮށް، ބެއިޖިންގެ ހޯލްސޭލް މާރުކޭޓަކުން ފެތުރެން ފެށި ވައިރަހުގައި އަލަށް ވަނީ 256 މީހުން ޕޮޒިޓިވްވެފަ އެވެ. ޖޫން 11 ގައި ފުރަތަމަ ކޭސް ފެނުމާ އެކު ސިޓީގެ ބައެއް ސަރަހައްދުތައް ލޮކްޑައުންކޮށް، ޓެސްޓްކުރުން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.

"ޒިންފާދީ މާރުކޭޓުން ފެނުނު ވައިރަސް ފެތުރުން މިހާރު ވަނީ ކޮންޓްރޯލްކޮށްފައި. ނަމަވެސް ގޭބިސީތަކާއި އޮފީސްތަކުން ކްލަސްޓާތައް އަދިވެސް ފެނޭ. ކޮމިއުނިޓީ ޓްރާންޝްމިޝަން ވެސް މަދުމަދުން ފެނޭ،" ބެއިޖިން މުނިސިޕަލްގެ ތަރުޖަމާން ޒޫ ހެޖިއަން ވިދާޅުވި އެވެ.

ބެއިޖިން އިން އަލަށް ފެނުނު 256 ކޭހުގެ ތެރޭން 253 ކޭސް ގުޅިފައި ވަނީ ޒިންފާދީ މާރުކޭޓާ އެވެ.

ބެއިޖިންގެ ޓެސްޓިން ސައިޓެއްގައި ހެލްތު އޮފިޝަލަކު މީހެއްގެ ސާމްޕަލް ނަގަނީ. --ފޮޓޯ:އޭއެފްޕީ

ބެއިޖިންގެ ޓެސްޓިން ސައިޓެއްގައި ހެލްތު އޮފިޝަލަކު މީހެއްގެ ސާމްޕަލް ނަގަނީ. --ފޮޓޯ:އޭއެފްޕީ

ބެއިޖިން އިން އިއްޔެ އަލަށް ފެނިފައި ވަނީ ހަތް ކޭސް އެވެ. އޮފިޝަލުން ބުނެފައި ވަނީ މި ހަފުތާ ފެށުނު ފަހުން ޕޮޒިޓިވްވާ ރޭޓް ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކަމަށެވެ.

"މިއީ ވަރަށް ޕޮޒިޓިވް ނިޝާނެއް. ބަލި ކޮންޓްރޯލް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ހުން ބަލާ ކްލިނިކްތަކާއި ކްލޯޒް ކޮންޓެކްޓްތައް އަވަހަށް ދެނެގަތުމާއި ގިނަ ބަޔަކު ޓެސްޓް ކުރުން،" ބެއިޖިން ހެލްތު ކޮމިޝަނުގެ ޑިރެކްޓަރު ލެއި ހައިޗާއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެއިޖިންގައި ވަނީ ދުވާލަކު ޓެސްޓްކުރެވޭ މިންވަރު 100،000 އިން 300،000 އަށް އިތުރުކޮށްފައި ކަމަށެވެ. އަދި ސްކްރީން ކުރުމުގެ ތެރޭން ވަނީ 137 ކޭސް ފެނިފައި ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ ކޭސްތައް ފެނިފައި ވަނީ ޒިންފާދީ މާރުކޭޓުގެ ކުޑަ އާމްދަނީ ލިބޭ މަސައްކަތު މީހުންގެ ފަރާތުންނެވެ.

ބެއިޖިންގެ 21 މިލިއަން މީހުންގެ ތެރޭން މިހާތަނަށް ވަނީ ތިން މިލިއަން މީހުން ޓެސްޓްކޮށްފަ އެވެ.

ޗައިނާ އިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުނު ވޫހާން ސިޓީގެ 11 މިލިއަން މީހުން ވެސް ވަނީ ކުރިން ޓެސްޓްކޮށްފަ އެވެ.