Roadha Mihaaru
އެމެރިކާއިން ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓްކޮށްފި

އެމެރިކާގެ ޑިޕްލޮމެޓުން ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓްކޮށްފި

07 ޑިސެމްބަރ 2021

ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ގައުމުގައި އަންނަ ފެބްރުއަރީ މަހު އޮންނަ ފިނިމޫސުމުގެ އޮލިމްޕިކް ގޭމްސް އަށް އެމެރިކާގެ ޑިޕްލޮމެޓުން ނުފޮނުވާ ގޮތަށް ބޮއިކޮޓްކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ގައުމުގައި އަންނަ ފެބްރުއަރީ މަހު އޮންނަ ފިނިމޫސުމުގެ އޮލިމްޕިކް ގޭމްސް އަށް އެމެރިކާގެ ޑިޕްލޮމެޓުން ނުފޮނުވާ ގޮތަށް ބޮއިކޮޓްކޮށްފި އެވެ.

އެމެރިކާ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވުދާޅުވީ، ރައީސް ޖޯ ބައިޑެން ވަނީ އެ ގައުމުގެ އެއްވެސް އޮފިޝަލަކު އޮލިމްޕިކްސް އަށް ނުފޮނުވަން ނިންމައިފަ އެވެ. ނަމަވެސް އެމެރިކާގެ އެތުލީޓުން އޮލިމްޕިކުގައި ވާދަކުރާނެ އެވެ.

ސާކީ އިތުރަށް ވިދާޅުވީ، މުބާރާތަށް ތައްޔާރުވަމުން އަންނަ އެތުލީޓުންގެ ހައްގު ނިގުޅައިގަތުމަކީ ރަނގަޅު ނިންމުމެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ނުދެކޭ ކަމަށާއި، އެމެރިކާގެ އޮފިޝަލުންގެ ވަފުދެއް މުބާރާތަށް ނުފޮނުވުމުން ޗައިނާއަށް ލިބެންވާ މެސެޖު ސާފު ވާނެ ކަމަށެވެ.

"ޔޫއެސް ޑިޕްލޮމެޓުން ނުވަތަ ސަރުކާރުގެ އޮފިޝަލުން މުބާރާތުގައި ބައިވެރިވާ ނަމަ އެއީ ޗައިނާއަށް ލިބޭ ވަރަށް ބޮޑު މާކެޓަކަށް ވާނެ. އެ ގައުމުގައި ހިނގާ އިންސާނިއްޔަތުމަކާ ދެކޮޅު އަމަލުތަކާއި، ޝިންޖިއާން ސަރަހައްދުގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ކުރިމަތީގައި އެމެރިކާ ބޯނުލަނބާނެ،" ސާކީ ވިދާޅުވި އެވެ.

އެމެރިކާގެ އިސްވެރިން މުބާރާތަށް ނުފޮނުވާން ނިންމާފައި ވަނީ، ޗައިނާގެ އަންހެން ޓެނިސް ކުޅުންތެރިޔާ ޕެންގް ޝުއައީ، ޗައިނާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުރި ޒެންގް ގައޮލި އަށް ކުރި ޖިންސީ ގޯނާގެ ތުހުމަތާ އެކު ޓެނިސް ކުޅުންތެރިޔާގެ ސަލާމަތާ މެދު ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އަންހެނުންގެ ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) އިން ވެސް ވަނީ ޗައިނާގައި ބާއްވަން ހަމަޖައްސާފައިވާ ހުރިހާ މުބާތާރްތަކެއް ސަސްޕެންޑު ކޮށްފަ އެވެ.

އދ. އަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރުގެ ތަރުޖަމާނު ވަނީ، އެމެރިކާގެ މި ނިންމުމާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާ ވަނީ މިއީ އެމެރިކާއިން ކުޅޭ ސިޔާސީ ޑްރާމާއެއް ކަމަށާއި، އެމެރިކާގެ މަގްސަދަކީ ކުޅިވަރު ސިޔާސީކޮށް، ދެބަސްވުމާއި އަރައިރުންވުން އުފެއްދުން ކަމަށް ބުނެފައިވެ އެވެ.

އެމެރިކާއިން މުބާރާތް ބޮއިކޮޓް ކުރުމުން، އެ ގައުމުގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވީ، މިއީ އޮލިމްޕިކްސްގެ ރޫހު މަރައިލުން ކަމަށެވެ.

މުބާރާތަށް އެމެރިކާ ސަރުކާރަށް ވަކިން ދައުވަތު ފޮނުވާފައި ވެސް ނުވާއިރު ޑިޕްލޮމެޓިކް ބޮއިކޮޓަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް ލިއު ވިދާޅުވެފައި ވެއެވެ.

އޮލިމްޕިކް މުބާރާތަކީ އެމެރިކާ އާއި އެހެނިހެން ގައުމުތަކުގެ ސަރުކާރުގެ އިސްވެރިން އާއްމުކޮށް ބައިވެރިވާ، ދުނިޔޭގައި ބާއްވާ އެންމެ ޝަރަފްވެރި ކުޅިވަރު އިވެންޓެވެ. މިއަހަރު ޖަޕާނުގައި އޮތް ހޫނު މޫސުމުގެ އޮލިމްޕިކް މުބާރާތަށް އެމެރިކާ އިން ފޮނުވި ޑިޕްލޮމެޓިކް ވަފުދު ލީޑުކުރީ ފަސްޓް ލޭޑީ ޖިލް ބައިޑެން އެވެ.

އެމެރިކާގެ މި ނިންމުމާ އެކު ނިއު ޒިލެންޑުން ވެސް ވަނީ އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުން މުބާރާތަށް ނުފޮނުވަން ނިންމައިފަ އެވެ.